ބޮޑުކަންނެލީގެ މަސްވެރިންގެ ކަންބޮޑުވުންތައް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާ ހިއްސާ ކުރުމަށް މިއަދު ބޭއްވި ބައްދަލުވުމުން ޕޮޒިޓިވް ޖަވާބެއް ލިބިފައިވާ ކަމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނެފިއެވެ.
މިއަދު ހެނދުނު 11:00 އިން ފެށިގެން ވަރަށް ދިގު ބައްދަލުވުމެއް މިނިސްޓަރު ޝިޔާމް ވަނީ އެ ޔޫނިއަނާއެކު ކުރިއަށްގެންދަވާފަ އެވެ.
އެ ބައްދަލުވުމަށް ފަހު އެ ޔޫނިއަންގެ ނައިބު ރައީސް އިމްރާން މުހައްމަދު ވިދާޅުވީ، މިނިސްޓަރާ އެކު މިއަދު ބޭއްވި ބައްދަލުވުން ވަރަށް ކާމިޔާބު ކަމަށެވެ.
“އަޅުގަނޑުމެން ހުށަހެޅި ކަންތައްތަކުގެ ތެރެއިން މިވަގުން މިވަގުތަށް ހައްލު ކުރެވެން ހުރި ކަންތައްތަކާއި އަދި ކުރިއަށް އޮތް ތާނގައި ހައްލު ކުރަން ހުރި ކަންތައްތަކާއި އެބަހުރި ވަރަށް ބައިވަރު ކަންތައްތައް. އެހެންވީމާ އެ ހުރިހާ ކަންތައްތަކަކަށް ރަނގަޅު ހައްލެއް ލިބިގެންދާނެ ކަމަށް މި އުންމީދު ކުރަނީ،” އިމްރާން ވިދާޅުވިއެވެ.
އުންމީދަކީ ބޮޑުކަންނެލި މަސްވެރިން އުފާވާ ޖަވާބުތަކެއް ވަރަށް އަވަހަށް ލިބިގެން ދިޔުން ކަމަށް އޭނާ ވިދާޅުވިއެވެ.
ބޮޑުކަންނެލި ގަތުމަށްޓަކައި ކަންޑުއޮތްގިރި ވީހާ ވެސް އަވަހަކަށް އޮޕަރޭޝަނަށް ގެންނަން މަސައްކަތްކުރާ ކަމުގެ އުފާވެރި ޚަބަރު މިނިސްޓަރު ދެއްވި ކަމަށް އެ ޔޫނިއަނުން ބުންޏެވެ.
“ހަމަ ވަރަށް އޯޕަންކޮށް ވަރަށް ރަނގަޅު މާހައުލެއްގައި އެ ވާހަކަތައް ދެއްކެވިގެން މިދިޔައީ. އަޅުގަނޑުމެން ހިންގާ ކޮމިޓީގެ މެމްބަރުންގެ އިތުރުން އިސްކޮށް މިކަމުގައި ހަރަކާތްތެރިވާ ކެޔޮޅުންތަކާ އެކު މި ބައްދަލުވުން ކުރިއަށް ދިޔައީ. އެހެންވީމާ އެ ބޭފުޅުން ވެސް މަސްވެރިކަމުގައި ނުކުމެ އުޅޭ ކަންތައްތަކާއި މި ހުރިހާ ކަންތައްތަކަށް ވެސް ވަރަށް ބޮޑަށް މަޝްވަރާ ކުރެވިގެންދިޔަ،” އިމްރާން ވިދާޅުވިއެވެ.
ބޮޑުކަންނެލި “ޕްރޮސެސް” ކުރާ ފެސިލިޓީއެއް ހުޅުމާލެ އާއި ކަނޑުއޮތްގިރީގައި ގާއިމް ކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ދާދިފަހުން ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު