ޔަހޫދީންނަށާއި، ޔަހޫދީންގެ ތަންތަނަށް ޓެރަރިސްޓު ހަމަލާތަކެއް ދީފާނޭކަމަށް ބެލެވިގެން އިންޑިއާގެ މައި 3 ސިޓީއެއް ކުއްލި ހާލަތަށް ގެނެސްފިއެވެ.
ކުއްލި ހާލަތަށް ގެނައީ، ވެރިރަށް ނިއުދިއްލީއާއި، މުމްބާއީއާއި ބެންގަލޫރެވެ.
އިންޑިއާ ސަރުކާރުން މި ފިޔަވަޅު އެޅީ، ޔަހޫދީންގެ ހަފްތާއަކަށް ދެމިގެންދާ ބަންދުގެ ފުރަތަމަ ދުވަހު އޮސްޓްރޭލިއާގެ ސިޑްނީގެ ބޮންޑައި ބީޗްގައި ބަޑިޖަހައި އެތައް ބަޔަކު މަރާލުމާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން އިންޑިއާގައި ހުންނަ އިސްރާއީލުގެ ކޮންސިއުލޭޓްތަކާއި، އިސްރާއީލު މީހުން އާންމުކޮށް ގޮސްއުޅޭ ސަރަހައްދުތަކުގެ ސަލާމަތީ ފިޔަވަޅުތައް މިހާރުވަނީ ވަރުގަދަ ކޮށްފައެވެ.
ފިޔަވަޅުތައް ވަރުގަދަ ކުރީ، ޔަހޫދީންނަށާއި، ޔަހޫދީންގެ ތަންތަނަށް އަމާޒުކޮށް ހަމަލާތަކެއް ދޭން ރާވާފައިވާ ކަމަށް ލިބުނު ޖާސޫސީ މައުލޫމާތާ ގުޅިގެން ކަމަށް، އިންޑިއާގެ މީޑިއާއިން ރިޕޯޓް ކުރެއެވެ.
އިންޑިއާގައި އިސްރާއީލުގެ ވަރަށް ގިނަ ޔަހޫދީން ދިރިއުޅެއެވެ.
އިންޑިއާއާއި އިސްރާއީލާ ދެމެދު އޮންނަނީ ވަރަށް ގާތް ގުޅުމެކެވެ. އެ ގުޅުން ހުރިހާ މައިދާނެއްގައި އޮވެއެވެ.
އިންޑިއާގެ ވަރަށް ގިނަ މީހުން އިސްރާއީލުގައި ވަޒީފާ އަދާކުރެއެވެ. އެގޮތުން، ޓެކްނޮލޮޖީގެ ދާއިރާއިން ފެށިގެން ޑޮކްޓަރުންގެ ގޮތުގައާއި، ކޮންސްޓްރަކްޝަން ދާއިރާއާއި އާދައިގެ މަސައްކަތު މީހުންގެ ގޮތުގައިވެސް އިންޑިއާގެ އެތައް ހާސް ބަޔަކު އިސްރާއީލުގައި ވަޒީފާ އަދާކުރެއެވެ.
އެކަމަކު، ޔަހޫދީންގެ ބަންދަކާ ދިމާކޮށް އިންޑިއާގައި ދިރިއުޅޭ ޔަހޫދީންނަށް އަދި ޔަހޫދީންގެ ތަންތަނަށް ބަޔަކު ހަމަލާ ދޭން އުޅޭކަމަށް ބުނާ ބުނުމާ ދެކޮޅު ވާހަކަތައްވެސް ވަރަށް ގިނައެވެ.
މިއީ، މި ދަނޑިވަޅުގެ ބޭނުންކޮށްގެން ޕާކިސްތާނުގެ ބޮލުގައި ކޮންމެވެސް ކަމެއް އަޅުވަން ފަތުރާ ވާހާކަތަކެއް ކަމަށްވެސް ބަޔަކު ބުނެއެވެ.
އޮސޓްރޭލިއާގެ ބޮންޑައި ބީޗްގައި ދެމީހަކު ވެގެން ބަޑިޖަހައި އެތައް ބަޔަކު މަރާލީވެސް، ޔަހޫދީ ބަންދާ ދިމާކޮށް މިފަދަ ޖަރީމާއެއް ހިންގައި ދުނިޔޭގައި ޔަހޫދީންނަށް ހަމްދަރުދީ ހޯދަން އިސްރާއީލުގެ މޮސާޑް އަޑީގައި އޮވެގެން ކަމަށްވެސް ބަޔަކު ވާހަކަ ދައްކަމުން އެބަ ގެންދެއެވެ.
އޮސްޓްރޭލިއާ ހާދިސާއާ ގުޅިގެން މުޖުރިމު ނަތަންޔާހޫ ހުއްޓާނުލާ ގެންދަނީ ޕްރެސް ކޮންފަރެންސްތައް ބާއްވައި، ޔަހޫދީންނާމެދު ނަފްރަތު ފެތުރުން ހުއްޓުވަން ދުނިޔޭގެ ލީޑަރުންނަށް ގޮވަމުންނެވެ. އެފަދައިން އޭނާ އިންޒާރު ކުރުމުން އޮސްޓްރޭލިއާގެ ބޮޑުވަޒީރުވެސް އަޅާނުލީ ކަމަށް ނަތަންޔާހޫ ބުނެފައި ވެއެވެ.
ކިޔުންތެރިންގެ ހިޔާލު