އެމެރިކާއިން އިސް ނަގައިގެން އިސްރާއީލާއި ގަތަރާ ދެމެދު ބާއްވާ މަޝްވަރާތަކެއް ނިއުޔޯކްގައި މިއަދު (ހޯމަދުވަހު) އޮންނާނެ ކަމަށް، އިސްރާއީލުގެ މީޑިއާއިން ރިޕޯޓް ކޮށްފިއެވެ.
މި ޚަބަރު ރިޕޯޓް ކޮށްފައިވަނީހިބްރޫ ޗެނަލް 12 ޓީވީންނެވެ.
މިއީ، އިސްރާއީލާއި ގަތަރާއި އެމެރިކާ ހިމެނޭހެން ތިން ފަރާތުގެ ދެމެދުގައި ބާއްވާ ވާހަކަތަކެއް ކަމަށް ވެއެވެ.
މި ވާހަކަތައް ބާއްވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަ މަންދޫބު ސްޓީވް ވިޓްކޮފް އިސްވެ ހުރެއެވެ.
ވާހަކަތަކުގައި ވިޓްކޮފާއެކު ބައިވެރިވަނީ އިސްރާއީލުގެ ޖާސޫސީ މައި އިދާރާގެ ވެރިޔާއާއި، ގަތަރުގެ ވަރަށް އިސް އޮފިޝަލެކެވެ. ނަމަވެސް، އޮފިޝަލްގެ ނަމެއް ހާމަކޮށްފައެއް ނުވެއެވެ. މި ވާހަކަތަކުގެ ބޭނުމަކީ، އިސްރާއީލާއި ގަތަރުގެ ގުޅުންތައް އަލުން “ރިޕެއަރ” ކުރުން ކަމަށް، މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އިސްރާއީލާއި ގަތަރާ ދެމެދު ވަރަށް ބޮޑަށް މައްސަލަ ޖެހުނީ، ޣައްޒާ ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޓްރަމްޕް ހުށަހެޅި ޕްލޭނާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ދޯހާއަށް ގޮސް އުޅުނު ހަމާސްގެ އިސް އޮފިޝަލުން ތިއްބެވި ތަނަށް އިސްރާއީލު ސިފައިން މިސައިލް ހަމަލާ ދިނުމާ ގުޅިގެންނެވެ.
މި ހަމަލާގައި ހަމާސްގެ އިސް އޮފިޝަލުންތަކެއް އަވަހާރަ ވިއިރު، ގަތަރުގެ ސެކިއުރިޓީ އޮފިޝަލަކުވެސް މަރުވިއެވެ.
ޓްރަމްޕް އަންގައިގެން އިސްރާއީލުން ފަހުންވަނީ، ސިފައިން ދިން ހަމަލާގައި ގަތަރުގެ ރައްޔިތަކު މަރުވެފައިވާތީ، ގަތަރުގެ ކިބައިން މައާފަށް އެދިފައެވެ. އަދި އެފަދަ ކަމެއް ތަކުރާރު ނުވާނޭ ކަމަށްވެސް މުޖުރިމު ނަތަންޔާހޫ ބުނެފައި ވެއެވެ.
ގަތަރަކީ އިސްރާއީލާ ސިޔާ ގުޅުން އޮންނަ ގައުމެއް ނޫނެވެ. އެހެން ނަމަވެސް، ހަމާސްއާއި އިސްރާއީލާ ދެމެދު ސުލްހައިގެ ވާހަތައް ބޭއްވުމާއި، ވާހަކަތަކުގެ މޭޒު ދޮށަށް ހަމާސް ގެނެސްދެނީ ގަތަރުންނެވެ. އެއީ، ހަމާސްއާއި ގަތަރާ ދެމެދު ގާތް ގުޅުންތަކެއް އޮންނާތީއެވެ.
އިސްރާއީލުން ދޯހާއަށް ދިން ހަމަލާއާ ގުޅިގެން ގަތަރު ވަރަށް ރުޅިއައިސް ވާހަކަ ދެއްކިއެވެ.
އެހެން ނަމަވެސް ބުނެފައިވަނީ، އިސްރާއީލުން ދިން ހަމަލާގެ ސަބަބުން ސުލްހައިގެ ވާހަކަތަކުގެ މެދުވެރިއެއްގެ ދައުރު އަދާކުރުން ގަތަރުން ހުއްޓާނުލާނޭ ކަމަށެވެ.
އިސްރާއީލު – ގަތަރުގެ “ގުޅުން ރަނގަޅުކުރަން” އެމެރިކާ މެދުވެރިވެގެން ވާހަކަތައް ބާއްވާއިރު، މުޖުރިމު ނަތަންޔާހޫއާއި މިސްރުގެ ރައީސް އަބްދުލް ފައްތާހް އައްސީސީގެ ބައްދަލުވުމެއް އެމެރިކާއިން އިންތިޒާމު ކުރަމުންދާ ކަމުގެ އަޑުތައްވެސް ފެތުރެމުން އެބަދެއެވެ.
އެމެރިކާގެ ރައީސް ޓްރަމްޕް ގެންދަނީ އިސްރާއީލާ ސިޔާސީ ގުޅުން ގާއިމްކުރުމަށް ސައުދީ އަރަބިއްޔާއަށްވެސް ފިއްތުންތައް ކުރިމަތި ކުރަމުންނެވެ.
އަރަބި އަދި އިސްލާމީ އެހެން ބައެއް ގައުމުތަކުންވެސް އިސްރާއީލާ ގުޅުން ގާއިމްކުރަން ޓްރަމްޕް ގެންދަނީ ބާރު އަޅަމުންނެވެ.
އެއީ، އިސްރާއީލަށް ދުނިޔޭގައި ހަމަނޭވާލައިގެން އުޅެވެންއޮތީ އިސްލާމީ ގައުމުތަކާ، ޚާއްސަކޮށް އަވަށްޓެރި ގައުމުތަކާ ގުޅުން ގާއިމް ކުރެވިގެން ކަމަށް އެމެރިކާގެ އިތުރުން، އިސްރާއީލުންވެސް ގަބޫލު ކުރެއެވެ.
ސައުދީ އަރަބިއްޔާ ފަދަ ގައުމުތަކުން ބުނަމުން ގެންދަނީ، ފަލަސްތީނުގެ މިނިވަން ދައުލަތް ނުއުފައްދަނީސް އިސްރާއީލާ ގުޅުން ގާއިމް ނުކުރާނޭ ކަމަށެވެ. ނަމަވެސް، ހަރުކަށި ގޮތްދޫނުކުރާ ޔަހޫދީ ޒަޔަނިސްޓުން ގެންދަނީ އެއީ ވާނޭކަމެއް ނޫންކަމަށް ބުނަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު