ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، ކޮންމެ ދުވަހެއްގެ ދިރިއުޅުމުގައި ކުރިމަތިވާ ހުރަސްތައް ނައްތާލުމުގައި މުޅި މުޖުތަމަޢުގެ އެންމެންގެ ބައިވެރިވުން ބޭނުންވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.
މެޑަމް ސާޖިދާ ވިދާޅުވީ މިފަދަ ދުވަހެއް ފާހަގަކުރަމުންދާއިރު، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހިތްވަރާއި އެމީހުންގެ ކާމިޔާބީއާއި ހިތްވަރުގަދަކަން ފާހަގަކުރައްވާކަމަށެވެ.
އަދި މިދާއިރާއިން ސަރުކާރުގެ ސިޔާސަތުތައްވެސް ބަންޓަންކުރައްވަމުން އަންނަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފުރުޞަތުތައް ފަހިވާގޮތަށްކަމަށެވެ. ހަމަހަމަ ފުރުޞަތު ފަހިކޮށްދިނުމަށް ތަފާތު ޕްރޮގްރާމްތައް ހިންގަމުންދާއިރު، މިއިން ކޮންމެ ކަމަކީ އެމީހުން ބާރުވެރިކުރުމަށް ފުރުޞަތު ދިނުމަށް ފަހިކޮށްދެމުންދާ ފުރުޞަތުތައްކަމަށް މެޑަމް ސާޖިދާ ވިދާޅުވިއެވެ. އަދި މިއިން ކޮންމެ މީހަކީވެސް ދިރިއުޅުމުގައި ކުރިއަރާ ދެވޭނެ މީހަކަށް ހެދުމަށް މަގުފަހިކޮށްދޭކަމަށް އެކަމަނާ ވިދާޅުވިއެވެ.
އަދި ނުކުޅެދުންދުތެރިކަން ހުންނަ މީހުންނަށް އެހީތެރިކަން ދިނުމަކީ ކޮންމެ ފަރުދެއްގެ، ފަޚުރަކަށް ހަދަންޖެހޭކަމެއްކަމަށްވެސް މެޑަމް ސާޖިދާ ވިދާޅުވިއެވެ.
ދިވެހި ރާއްޖޭގެ އާބާދީގައި ބޯހިމެނުގެ ތަފާސްހިސާބަށް ބަލާއިރު، މުޅި އާބާދީގެ %7 މީހުންނަކީ ކޮންމެވެސް ބާވަތެއްގެ ނުކުޅެދުންތެރިކަމެއް ހުންނަ މީހުންނެވެ. އެއީ 25،000އެއްހާ މީހުންނެވެ.
އެންސްޕާގައި ގާއިމްކޮށްފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ހިމެނޭ މީހުންގެ އަދަދު އެކަނިވެސް 15،000އަށް އަރައެވެ. މީގެތެރޭގައި އެއްބާވަތަށްވުރެ ގިނަ ބާވަތުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން ގިނައެވެ.
ކިޔުންތެރިންގެ ހިޔާލު