އެމްޕީއެލް ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓާ 13.6 މިލިއަން ސިނގިރޭޓް ވަގަށް ނެގި މައްސަލައާ ގުޅިގެން ހައްޔަރުކުރި ލޮޓަސް ފިހާރަތަކުގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި ކަސްޓަމްސްގެ ކުރީގެ އިސް އޮފިސަރެއް ކަމަށްވާ މުއާޒު އަލީ ވެސް ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް އަމުރުކޮށްފިއެވެ.
މި މައްސަލާގައި ހިމެނޭ އާއްޓޭ އާއި މުއާޒު އަލީ ޝަރީއަތް ނިމެންދެން ބަންދުކުރީ ކުރިން ޖެހި ބަންދުގެ މުއްދަތު ހަމަވުމުން ބަންދާމެދު ގޮތެއް ނިންމަން މިއަދު ކޯޓަށް ހާޒިރުކުރުމުންނެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވާ އެޕޯލޯ ހޯލްޑިންސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) ވެސް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
މި މައްސަލާގައި ހިމެނޭ މުއާޒަކީ ކަސްޓަމްސްގައި އޭނާ މަސައްކަތް ކުރި ދުވަސްވަރު ވެސް ރާއްޖެއަށް 430 ސިނގިރޭޓް ކޭސް އެތެރެކުރުމުގައި ރިޝްވަތަށް އެދުނު ކަމުގެ ތުހުމަތު ކުރެވިފައިވާ މީހެކެވެ.
އެ މީހުންގެ އިތުރުން ވެސް ބައެއް މީހުން ވަނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު