ކުޅުދުއްފުށި ސިޓީގެ ފެނުގެ ޚިދުމަތް އިއާދަކުރަނިވި ހަކަތައަށް އެއްކޮށް ބަދަލުކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ނިންމާލުމަކީ އަމާޒެއްކަމަށް މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ) އިން ވިދާޅުވެއްޖެއެވެ.
މި މަޝްރޫޢުގެ މަސައްކަތަކީ މުޅި ކުޅުދުުއްފުށި ސިޓީއަށް ބޭނުންވާ ފެން އުފެއްދޭނެހެން، ޒީރޯ ކާބަން ޑީސެލިނޭޝަން ޕްލާންޓެއް ޤާއިމުކުރުމަށް މިއަހަރުގެ ޖޫން މަހު ޖަޕާނުގެ ކެނެޑޭވިއާއާ ހަވާލުކޮށްގެން ކުރިއަށްދާ މަޝްރޫޢުއެކެވެ.
މި މަޝްރޫޢުގެ މަސައްކަތާއި ގުޅޭގޮތުން ވަހަކަދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ އަބްދުލްމަތީން މުހައްމަދު ވިދާޅުވީ މި މަސައްކަތުގެ ޢަމަލީ މަސައްކަތް ފަށާފައިވާކަމަށެވެ.
މިގޮތުން، މި މަޝްރޫޢުގައި ބޭނުންކުރާ ޕްލާންޓްވެސް ރާއްޖެ ގެނެސްފައިވާކަމަށާއި ސޯލާ ޖެހުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން ގެންދާކަމަށާއި، އަމާޒަކީ 2026 ވަނަ އަހަރުގެ ފުރަތަމަ ކުއަޓާގައި އެ މަސައްކަތް ނިންމުންކަމަށް މަތީން ވިދާޅުވިއެވެ.
“މި ވާނެ ރާއްޖޭގައި ވަރަށް ރަނގަޅު ތަޖުރިބާއަކަށް. އަމާޒަކީ ދެމެހެއްޓެނިވި ގޮތަކަށް ޚިދުމަތްތައް ދެމުން ގެންދިޔުން. ކުޅުދުއްފުށީގައި މި ކުރާ ތަޖުރިބާގައި ރާއްޖޭގެ އެހެން ރަށްރަށުގައި ހިއްސާކުރަމުން ގެންދާނަން ދެމެހެއްޓެނިވި ގޮތަކަށް ޚިދުމަތްތައް ޤާއިމްކުރުމުގައި.” މަތީން
މި މަޝްރޫޢުގެ ދަށުން ކުޅުދުއްފުށި ސިޓީގައި ދުވާލަކު 500 ކިޔުބިކް މީޓަރުގެ ފެން އުފެއްދުމުގެ ޤާބިލުކަން ލިބިފައިވާ އާރ.އޯ ޕްލާންޓެއް ބެހެއްޓުމަށާއި، 500 ކިލޯވޮޓްގެ ސޯލާ ޕީވީ ސިސްޓަމެއް ޤާއިމްކުރުމަށާއި، 1450 ކިލޯވޮޓްއަވަރ ގެ ބެޓެރީ ސިސްޓަމެއް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.
މިގޮތުން އެ ސިޓީގެ ފެނުގެ ނިޒާމު 100% އިރުގެ ހަކަތައަށް ބަދަލުކުރުމަށް ހިންގޭ މި މަޝްރޫއަށް ދާނެކަމަށް ލަފާކުރެވޭ ޖުމްލަ ޚަރަދުގެ 27% އަކީ ޖަޕާނުގެ ގްލޯބަލް އެންވަޔަރަންމަންޓް ސެންޓަރ ފައުންޑޭޝަން (ޖީއީސީގެ) ހިލޭ އެހީއެވެ. މީގެ އިތުރުން ޖަޕާނުގެ ކުންފުންޏެއް ކަމުގައިވާ ކެނެޑޭވިޔާގެ ފަރާތުންވެސް މަޝްރޫޢަށް ބޭނުންވާ ޖުމްލަ ޚަރަދުގެ 27% ހިއްސާ ކުރާނެއެވެ. މަޝްރޫޢަށް ހިގާނެ ކަމަށް ލަފާކުރެވޭ ޖުމްލަ ޚަރަދުގެ 46% ހިއްސާ ކުރާނީ އެމް.ޑަބްލިޔު.އެސް.ސީ އިންނެވެ.
މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކާއި ހަކަތައާއި ބެހޭ ސިޔާސަތުތަކުގެ އިތުރުން، އ.ދ ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައްވެސް ހާސިލުކުރުމަށް މަގުފަހިވެގެންދާނެއެވެ. އެހެންކަމުން ދިވެހިރާއްޖެއަށް އިމްޕޯޓްކުރާ ފޮސިލް ފިއުލް އެތެރެކުރާ މިންވަރު ދަށްކޮށް، ކުންފުނިން ދެމުން ގެންދާ ޔޫޓިލިޓީ ޚިދުމަތްތަކާއި އަދި އޮޕަރޭޝަން ތަކުގައި ތެލަށް ބަރޯސާވާ މިންވަރު ކުޑަ ކުރުމަށް އެހީތެރިވެދޭނެއެވެ.
މީގެ އިތުރުން ކުޅުދުއްފުށީގައި ފެން އުފެއްދުން ތިމާވެއްޓާއި ރައްޓެހި އަދި ދެމެހެއްޓެނިވި ގޮތަކަށް ބަދަލުކުރެވި، އޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ މަންފާ އެންމެހާ ރައްޔިތުންނަށް ލިބިގެން ދާނެއެވެ. އަދި ޤުދުރަތީ ވަސީލަތްތައް ބެލެހެއްޓުމާއި ތިމާވެށި ހިމާޔަތްކުރުމުގެ އަމާޒުތައް ހާސިލްކުރުމަށްވެސް މިމަޝްރޫޢު މުހިންމު ދައުރެއް އަދާކުރާނެއެވެ.
ކިޔުންތެރިންގެ ހިޔާލު