ޕާކިސްތާނާއި އަފްޣާނިސްތާނުން ހަމަލާތައް ބަދަލުކުރުން ވަގުތީގޮތުން ހުއްޓާލައިފިއެވެ.
ހަމަލާ ބަދަލުކުރުން ހުއްޓާލީ 48 ގަޑިއިރަށެވެ.
ހަމަލާ ބަދަލުކުރުން ވަގުތީގޮތުން ހުއްޓާލީ، ދެ ގައުމުގެ ދެމެދުގައި ހިނގަމުންދާ ކުރިމަތިލުންތަކަށް ވާހަކަ ދައްކައިގެން ސިޔާސީގޮތުން ހައްލެއް ހޯދުމަށް މަސައްކަތް ކުރުމަށް ކަމަށް ޕާކިސްތާނުން ބުނެފައި ވެއެވެ.
ޕާކިސްތާނާއި، އަފްޣާނިސްތާނާ ދެމެދު، ދެގައުމު ވަކިކުރާ ބޯޑަރު ހުރަސްކޮށް ހަމަލާތައް ބަދަލުކުރަމުންދާތާ ހަފްތާއެއްހާ ދުވަސް ވަނީއެވެ.
ހަމަލާތަކުގައި، ދެ ފަރާތުންވެސް އާންމުންނާއި، ސިފައިން މަރުވެފައި ވެއެވެ.
ޕާކިސްތާނު ވައިގެ ސިފައިން އިއްޔެ ވަނީ އަފްޣާނިސްތާނުގެ އެކި ހިސާބުތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއްވެސް ދީފައެވެ. އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްވެ އިތުރުން، ކަންދަހާރަށްވެސް ހަމަލާތައް އަމާޒުކުރިއެވެ.
މައްސަލަ ހޫނުވީ، އަފްޣާނިސްތާނުގައި ބޮންތަކެއް ގޮއްވާލުމުން، އެއީ ޕާކިސްތާނުން ކުރި ކަމެއް ކަމަށް ބުނެ ތާލިބާނުން ޕާކިސްތާނު ބޯޑަރު ސަރަހައްދަށް ފުރަތަމަ ހަމަލާތައް ދިނުމުންނެވެ.
ޕާކިސްތާނު ސިފައިން އިއްޔެ ކާބުލް އަށާއި، ކަންދާހަރަށް ދިން ހަމަލާތަކުގައި މީހުން މަރުވެފައި ވާއިރު، ޕާކިސްތާނުން ބުނެފައިވަނީ ސިފައިން ހަމަލާ ދީފައިވަނީ ޕާކިސްތާނު ތާލިބާން ހަނގުރާމަވެރިން ހިމާޔަތް ހޯދައިގެން ތިބި ތަންތަނަށް ސީދާ އަމާޒުކޮށް ކަމަށެވެ.
ހަމަލާތަކުގައި މަރުވެފައިވަނީ ހަނގުރާމަވެރިން ކަމަށްވެސް ބުނެފައި ވެއެވެ.
އެކަމަކު، އަފްޣާނިސްތާނުގައި ވެރިކަންކުރާ ތާލިބާން ޖަމާއަތުންވަނީ، ޕާކިސްތާން ތާލިބާން ހަނގުރާމަވެރިންނަށް އަފްޣާނިސްތާނުން ހިމާޔަތް ދޭ ކަމަށް ކުރާ ތުހުމަތު ދޮގުކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު