ސައޫދީ އަރަބިއްޔާގައި ދީނީ ފަތުރުވެރިކަމަށް ބޮޑު ލުއިދިނުމެއް ދެމުން، އެ ގައުމަށް ކޮންމެ ވައްތަރެއްގެ ވިސާއެއްގައި އެތެރެވާ ހުރިހާ މުސްލިމުންނަށްވެސް އުމްރާގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. ހައްޖާއި އުމްރާގެ ކަންކަން ބަލަހައްޓާ މިނިސްޓްރީން އެކްސްގައި ހިއްސާކުރި މައުލޫމާތުން ހާމަވާ ގޮތުގައި، ޓޫރިސްޓް ވިސާ، މަސައްކަތު ވިސާ، އާއިލީ ޒިޔާރަތުގެ ވިސާ، ޓްރާންސިޓް ވިސާއާ ހިމެނޭހެން ހުރިހާ ވައްތަރެއްގެ ވިސާއަކުން ވެސް މިހާރު އުމްރާ ކުރެވޭނެ އެވެ.
މި އައު އުސޫލުގެ ދަށުން ސައޫދީއަށް އެތެރެވުމަށްފަހު ނުސުކް އުމްރާ ޕްލެޓްފޯމް މެދުވެރިކޮށް އުމްރާ ޕެކޭޖެއް ނެގުމުން ވަގުތުން އުމްރާ ވިސާ ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ. މިއީ “ސައޫދީ ވިޝަން 2030″ ގެ ދަށުން ކޮންމެ އަހަރަކު 30 މިލިއަނަށް ވުރެ ގިނަ އުމްރާވެރިންނަށް ހިދުމަތްދޭން ބޭނުންވާތީ އެޅުނު މުހިންމު ފިޔަވަޅެކެވެ. ވިސާ އުސޫލުތަކަށް ލުއިދިނުމުން އުމްރާވެރިންގެ އަދަދު އިތުރުވެ، ސައޫދީގެ އިގްތިސާދަށްވެސް ބޮޑު ފައިދާއެއް ކުރާނެ ކަމަށް ސަރުކާރުން ބުނެ އެވެ. މިއަހަރުގެ ފުރަތަމަ ހަ މަހުގައި އުމްރާވެރިންގެ އަދަދު ފަސް މިލިއަނަށް އަރާފައިވާއިރު، މި ލުއިކުރުންތަކުން އެ އަދަދު އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ހިޔާލު