އެމްޑީޕީން މިއަދު ބާއްވަން އުޅެނީ ފަނާކުރުވަނިވި މުޒާހަރާއެއް ކަމަށާއި، އެ މުޒާހަރާގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ އެއްވެސް މީހަކު ބައިވެރިނުވުމަށް އެދޭ ކަމަށް އެ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެ މުޒާހަރާއާ ގުޅިގެން ގާސިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދު ބަޔަކު ރާވައިގެން ބާއްވާ މުޒާހަރާގައި ޖޭޕީގެ އެއްވެސް މީހަކު ބައިވެރިނުވުމަށް އެދޭ ކަމަށެވެ. ގާސިމް ވިދާޅުވީ، އެއީ ބިނާ ކުރަނިވި މުޒާހަރާއެއް ނޫން ކަަމަށާއި، އެއީ ފަނާ ކުރަނިވި މުޒާހަރާއެއް ކަަމަށެވެ. އަދި އެއީ ވެރިކަން ހޯދަންވެެގެން ކުރާ ބޮޑު ނުބައި ކަމެއް ކަަަމަށްވެސް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވިގޮތުގައި އެއީ ގައުމަށް މި ވެރިކަމުގައި ރަނގަޅު ކަމެއް ކުރިޔަ ނުދީ ވެރިކަން ހޯދަން ފިތުނަ ކުރަން ވެގެން ކުރާ ނުބައި ކަމެކެވެ. އަދި މި ސަރުކާރުން ކުރަން ޖެހިފައިވާ ކަމަކީ އިސްވެދިޔަ ތިން ހަތަރު ސަރުކާރުން ނަގާފައިވާ ދަރަނިތައް ދެއްކުން ކަން ފާހަަކުރައްވަމަން ގާސިމް ވިދާޅުވީ، ލިބޭ ހުރިހާ ފައިސާއެއްގެ ބޮޑުބައި މި ދަނީ އެ ދަރަނިތައް ދެއްކުމަށް ކަމަށެވެ. އަދި މި ދަރަނިތައް ނުދެއްކިއްޖެނަމަ މުޅި ގައުމު ބޭންކްރަޕަޓް ވާނެ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
“ވީމާ މި ސަރުކާރުން އިތުރު ޓެކްސް ނަގައިގެން ވެސް އެކަން ކުރަމުން އެގެންދަވަނީ، ބާކީ މުސާރަތައްވެސް އެދެއްވަނީ އެގޮތް މިގޮތް ހޯދައިގެން،”. ގާސިމް
އިސްވެދިޔަ ތިން ސަރުކާރުންވެސް، ސަރުކާރުގެ ކުންފުނިތަކުންވެސް ބޮޑެތި ޚިޔާނަތް ވެފައި އެބަހުރި ނަމަވެސް، އެޅީ ކޮން ފިޔަވަޅެއްތޯ ގާސިމް ވަނީ ސުވާލު ކުރައްވާފައެވެ. އެ ސަރުކާރުތަކުން އެއްކަމެއްވެސް ނުކުރައްވާކަން ފާހަގަކުރައްވަމުން ގާސިމް ވިދާޅުވީ، އެއާ ހިލާފަށް އެކަން ކުރާ ކަމަށް ތުުހުމަތު ކުރާ މީހުން، އެތަންތަނުން ވަކި ކުރަމުންގެންދަވާ ތަން ފެންނަމުންދާ ކަަމަށެވެ. އަދި އެބާވަތުގެ ހިޔާނާތް ނުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފަށްފަށުން އެންމެންނަށް ފާޅުކަން ބޮޑުކޮށް ނަސޭހަތްތެރިވެ، އިންޒާރު ކުރައްވަމުން ގެންދަވާ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
“އަދި އެކަންކަން ތަހުގީގު ކުރައްވަމުންގެންދަވާ ނޫންތޯ؟. ވީމާ މުޒާހަރާ އަށް ނުކުންނާނެ ނަތީޖާއަކީ ގައުމު އިތުރު ވަޅުގަނޑަކަށް ވައްޓާލުން އަދި ރައްޔިތުން އިތުރަށް ދަރަނިވެރި ކުރުވާ އިދަ ޖައްސާލުން ނޫންބާ؟”. ގާސިމް
ގާސިމް ވިދާޅުވީ، އޭނާގެ ނަސޭހަތަކީ އެއްވެސް މީހަކު މި މުޒާހަރާގައި ބައިވެރިނުވުން ކަމަށެވެ. އަދި މިގައުމުގައި އަމަންއަމާންކަން ގެއްލޭ ފަދަ އެއްވެސް ކަމެއް ނުކުރެެއްވުން ކަަަމަށްވެސް ވިދާޅުވިއެވެ.
“މިއީ މުޅި ގައުމު އިދަ ޖައްސަން ކުރާ ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ، އެއީ އެއްވެސް މީހަކަށްވެސް އޮތް ބާރެއް ނޫން، އަދި ބަޔަކަށްވެސް އޮތް ބާރެއް ނޫން. މިއީ ދީނީ ގޮތުން ވެސް އޮތް ގޮތް، އަދި ގާނޫނީ ހަމަވެސް އޮތް ގޮތް،”. ގާސިމް
ކިޔުންތެރިންގެ ހިޔާލު