ސުޕްރީމް ކޯޓުގެ މާލަމުތަކަށް ކުރިން އުއްތަމަ ފަނޑިޔާރުކަން ކުރައްވާފައިވާ ބޭފުޅުންނަށް ނިސްބަތްކޮށްގެން ނަން ދީފިއެވެ.

ސުޕްރީމް ކޯޓުން މިރޭ ބުނީ އެ ކޯޓުގެ މާލަމުތަކަށް އުއްތަމަ ފަނޑިޔާރުކަން ކުރައްވާފައިވާ ބޭފުޅުންނަށް ނިސްބަތްކޮށްގެން ހާއްސަ ނަންތަކެއް ދީފައިވަނީ އެ ކޯޓުގެ 17 ވަނަ އަހަރީ ދުވަހާ ގުޅިގެން ކަމަށެވެ.

އެގޮތުން ޝަރީއަތުގެ މާލަމަށް ހުސައިން ސަލާހުއްދީން މާލަމް، ޑެލިބަރޭޝަން ރޫމަށް މުހައްމަދު ޖަމީލު ދީދީ މާލަމް، ފަނޑިޔާރުންގެ މަޖިލިސްކުރާ މާލަމަށް މޫސާ ފަތުހީ މާލަމް އަދި މެއިން ހޯލަށް ޖަލާލުއްދީން ދަރުބާރުގެ ގޮތުގައި ނަން ދީފައިވާ ކަމަށް ސުޕްރީމް ކޯޓުން ބުންޏެވެ.

ސުޕްރީމް ކޯޓު އުފެއްދީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު 18 ގައި، ގާނޫނުއަސާސީގެ 282 ވަނަ މާއްދާގެ ދަށުންނެވެ.

ސުޕްރީމް ކޯޓަކީ، ދިވެހިރާއްޖޭގެ އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެ އިސް ފަރާތެވެ. ކޯޓުތަކުގެ ހައިރާކީގެ އެންމެ މަތީ ކޯޓެވެ. ގާނޫނުއަސާސީ އާއި ގާނޫނު މާނަކުރުމުގައި، އަދި ޝަރީއަތުން ބަލާ އެނޫންވެސް މައްސަލަތަކުގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުމެވެ.

ސުޕްރީމް ކޯޓު އެކުލެވިގެންވަނީ އުއްތަމަ ފަނޑިޔާރާއެކު ގާނޫނުގައި ކަނޑައަޅާ އަދަދެއްގެ ފަނޑިޔާރުންގެ މައްޗަށެވެ. އެގޮތުން މިވަގުތު ސުޕްރީމް ކޯޓުގައި އުއްތަމަ ފަނޑިޔާރާއެކު ޖުމުލަ ހަތް ފަނޑިޔާރުން ހިމެނިވަޑައިގަންނަވައެވެ. ސުޕްރީމް ކޯޓުގެ އެންމެ އިސް ފަރާތަކީ އުއްތަމަ ފަނޑިޔާރެވެ.