މޯލްޑިވްސް އިސްލާމިކް ބޭންކް (އެމް.އައި.ބީ.)އިން ޗައިނާއާ އެކު ވިޔަފާރީގެ މުޢާމަލާތްތައް ފަސޭހަކަމާއެކު ކުރެވޭނެ މަގު ފަހިކޮށްދީފިއެވެ. މިގޮތުން، އެމް.އައި.ބީ.އިން މި އަދު ހާމަކުރި ގޮތުގައި، 25 ސެޕްޓެމްބަރު 2025އިން ފެށިގެން، އެ ބޭންކު މެދުވެރިކޮށް ޗައިނާގެ ޔުއާންއިން ފައިސާ ފޮނުވުމާއި ލިބުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.
އެމް.އައި.ބީ.އިން ޗައިނީޒް ޔުއާންއިން ފައިސާގެ މުޢާމަލާތްތައް ކުރެވޭ ގޮތަށް ހަމަޖެއްސުމަށް ނިންމާފައިވާއިރު، އެ ބޭންކުން ކޯ-ސްޕޮންސަރ ކޮށްގެން އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ.)އިން އަލީބާބާ ޑޮޓް ކޮމްއާ ގުޅިގެން “ފްރޮމް މޯލްޑިވްސް ޓު ގްލޯބަލް މާކެޓްސް – އަންލޮކިންގ އީ-ކޮމަރސް ވިތް އަލީބާބާ”ގެ ނަމުގައި ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްޞަކޮށްގެން ވެބިނަރއެއް އިއްޔެ ވަނީ ބާއްވާފައެވެ.
އިއްޔެގެ ވެބިނަރގައި އަލީބާބާ ޑޮޓް ކޮމްގެ އީކޯސިސްޓަމާ ގުޅޭގޮތުންނާއި، ބީ2ބީ ކްރޮސް ބޯޑަރ އީ-ކޮމަރސް ޓްރެންޑް އާއި، އަލީބާބާ ޑޮޓް ކޮމްގެ ސެލަރ އޮޕަރޭޝަންގެ ލައިވް ޑެމޮންސްޓްރޭޝަން ދައްކުވައިދޭ ސެޝަންތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ޕްރޮގްރާމްގެ ތެރެއިން ކުދި އަދި މެދުފަންތީގެ ކުންފުނިތަކަށް މުދާ ބޭރުކުރުން ކުރިއެރުވުމަށާއި، ބައިނަލްއަޤްވާމީ މައިދާނަށް ނުކުތުމަށް އަލީބާބާ ޑޮޓްކޮމް ލާބަހުރި ގޮތެއްގައި ބޭނުންކުރެވޭނެ ވަސީލަތްތަކާ ގުޅޭ މަޢުލޫމާތު ވަނީ ޙިއްޞާކުރެވިފައެވެ.
އަލީބާބާ ޑޮޓް ކޮމްގައި ދިވެހީންނަށް ސެލަރ އެކައުންޓް ހުޅުވުމުގެ ފުރުޞަތާއި، އެމް.އައި.ބީ. މެދުވެރިކޮށް ޗައިނީޒް ޔުއާންއިން ފައިސާގެ މުޢާމަލާތްތައް ކުރެވޭނެ އިންތިޡާމު ހަމަޖެހުމާއެކު، ދުނިޔޭގެ އެންމެ ބޮޑު އެއް މަރކެޓް ކަމަށްވާ ޗައިނާއަށް ދިވެހި އުފެއްދުންތައް ފޯރުކޮށްދިނުމުގެ މަގު ފަހިވެގެންދާނެއެވެ. މިއީ ދިވެހި ޢާންމުންނަށް އިޤުތިޞާދީ ގޮތުން ލިބޭ ބޮޑު ކުރިއެރުމެކެވެ.
ކިޔުންތެރިންގެ ހިޔާލު