މިމަހުގެ ފުރަތަމަ 13 ދުވަސްތެރޭ ރާއްޖެއަށް ބައި ލައްކައަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާކަމަށް ފަތުރުވެރިކަމާ ތިމާވެށްޓާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިހިނގާ ސެޕްޓެމްބަރު މަހުގެ ފުރަތަމަ 13 ދުވަސްތެރޭ ރާއްޖެއަށް ވަނީ 62،027 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އަދި މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %18.7 އިތުރު އަދަދެއްކަމަށް އެ ވުޒާރާއިން ފާހަގަކުރައްވައެވެ. މިއާއެކު، އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު މިވަނީ 1.5 މިލިޔަނަށް އަރާފައެވެ. މިއީ، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު %9.7 އިތުރު ޢަދަދެކެވެ.
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ 5 ޤައުމު:
ޗައިނާ: 245،553 ފަތުރުވެރިން
ރަޝިއާ: 186،263 ފަތުރުވެރިން
އިނގިރޭސިވިލާތް: 138،869 ފަތުރުވެރިން
އިޓަލީވިލާތް: 108،837 ފަތުރުވެރިން
ޖަރުމަންވިލާތް: 106،919 ފަތުރުވެރިން
މިއަހަރުގެ ތެރޭގައި ރާއްޖެއަށް 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ. އަދި މި އަމާޒު ހާސިލްކުރުމަށް އިތުރަށް 7 ލައްކަ ފަތުރުވެރިން ބޭނުންވާއިރު، މިކަން ހާސިލްކޮށް، ފަތުރުވެރިކަމުގެ ދާއިރާ ފުޅާކުރުމަށް ފަތުރުވެރިކަމާ ތިމާވެށްޓާ ބެހޭ ވުޒާރާއާއި ކަމާ ގުޅުންހުރި އިދާރާތައް ގުޅިގެން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު