ކުރަނގި އޮޕަރޭޝަނުގެ ދަށުން މިހާތަނަށް 174،000 އަށްވުރެ ގިނަ ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އެއްކުރެވިފައިވާކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ އޮޕަރޭޝަން ކުރަނގީގެ ދަށުން މާލެ ސަރަހައްދާއި ބައެއް ސިނާޢީ މަސައްކަތް ކުރާ ތަންތަނުގެ އިތުރަށް ބައެއް ރިސޯޓްތަކުގައި މަސައްކަތް ކުރާ ބިދޭސީންގެ މަޢުލޫމާތު އެކޮށްފައިވާ ކަމަށާއި ރަށްރަށުގައި އުޅޭ ބިދޭސީންގެ މަޢުލޫމާތު ނެގޭނެ އިންތިޒާމްވެސް ހަމަޖެހިފައިވާ ކަމަށެވެ.
އެ މިނިސްޓްރީން ބުނީ މިހާތަނަށް 174،152 ބިދޭސީ މަސައްކަތްތެރިންގެ 10 އިނގިލީގެ ނިޝާނާއި ފޭޝަލް ރެކޮގްނިޝަންއަށް ބޭނުންވާ ފޮޓޯ ނަގައި ޑޭޓާބޭސް އަދާހަމަކޮށްފައިވާ ކަމަށެވެ.
މި މަޢުލޫމާތުތައް އެއްކުރުމުގެ ފުރަތަމަ ފިޔަވަހީގެ އިތުރުން ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ފެށި ރާއްޖޭގެ ހުރިހާ އަތޮޅަކުންވެސް ބިދޭސީންގެ މަޢުލޫމާތުތައް ނެގޭނެ އިންތިޒާމް މިހާރު ހަމަޖައްސާފައިވާ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.
ބަޔޯމެޓްރިކްސް އަދާހަމަކޮށްފައިނުވާ ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ މީހުން ސިސްޓަމްގެ ތެރެއިން ބްލޮކް ކުރަމުންދާއިރު މިހާތަނަށް ބިދޭސީން ގެންގުޅޭ 2498 މީހަކު ސިސްޓަމްއިން ބްލޮކް ކޮށްފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ކިޔުންތެރިންގެ ހިޔާލު