މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ލައިސަންސް ނެތި އިންޝުއަރެންސް ކުރާ ފަރާތްތައް ފަސް މިލިއަނާ ހަމައަަށް ޖޫރިމަނާ ކުރަން ކަނޑައަޅައި، މަޖިލީހަށް ހުށަހެޅި “އިންޝުއަރެންސް ބިލު” ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު މި ބިލު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓު 5ގަ އެވެ.
އެ ބިލު ފާސްކުރީ މިއަދުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 67 މެންބަރުންގެ އިއްތިފާގުންނެވެ.
ސަރުކާރުން މި ބިލު ހުށަހެޅުމުގެ ބޭނުމެއްގެ ގޮތުގައި ބިލުގައި ބުނެފައިވަނީ ހަރުދަނާ އަދި ރައްކާތެރި ގޮތެއްގައި އިންޝުއަރެންސް ވިޔަފާރި ރާއްޖޭގައި ހިންގުމަށްޓަކައި އަމަލުކުރަން ޖެހޭ އުސޫލުތައް ކަނޑައެޅުން ކަމަށެވެ.
އަދި އިންޝުއަރެންސް ކުންފުނިތަކާއި އިންޝުއަރެންސް އިންޓަމީޑިއަރީންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލައިސަންސް ދިނުމާ ގުޅޭ އުސޫލުތަކާއި އެ ފަރާތްތައް ރެގިއުލޭޓްކޮށް ސުޕަވައިޒް ކުރުމާގުޅޭ އުސޫލުތަކާއި އެ ނޫންވެސް އިންޝުއަރެންސް ވިޔަފާރިއާ ގުޅޭ އުސޫލުތައް ކަނޑައެޅުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ގާއިމުކުރުންވެސް އެ ބިލު ހުށަހަޅާ ބޭނުންތަކުގެ ތެރޭގައި ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.
ބިލުގައިވާ ގޮތުން އެ ގާނޫނުގެ ދަށުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކުރާ އިންޝުއަރެންސް ވިޔަފާރި ކުރުމުގެ ލައިސަންސް ލިބިގެން ނޫނީ އެއްވެސް ފަރާތަކުން ރާއްޖޭގައި އިންޝުއަރެންސް ވިޔަފާރިކުރުމަކީ ނުވަތަ ކުރާ ކަމަށް ދެއްކުމަކީ ނުވަތަ ކުރާކަމަށް އިޝްތިހާރުކުރުމަކީ މަނާ ކަމެކެވެ. އެފަދައިން ހަރަކާތްތެރިވާ ފަރާތްތައް ހުއްޓުވައި އެ ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމުގެ ބާރު އެމްއެމްއޭ އަށް ލިބިގެންވާ ކަމަށްވެސް ބުނެފައިވެއެވެ.
ބިލުގައި ބުނެފައިވަނީ، ގާނޫނާ ހިލާފަށް ކަންތައްކުރާ ކޮންމެ ފަރާތެއް އެއް ލައްކަ ރުފިޔާއާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ އިހުތިޔާރު އެމްއެމްއޭއަށް ލިބިގެންވާ ކަމަށެވެ.
އޭގެ އިތުރުން އިންޝުއަރެންސް ކުންފުންޏެއް ނުވަތަ ލައިސަންސް ލިބިފައިވާ އިންޝުއަރެންސް ބްރޯކަރެއް ނުވަތަ އިންޝުއަރެންސް ކުންފުންޏެއްގެ އިންޝުއަރެންސް އެޖެންޓެއް ފިޔަަވައި އެހެން އެއްވެސް ފަރާތަކުން އެމްއެމްއޭގެ ހުއްދަ ހޯދައިގެން ނޫން ގޮތަކަށް އިންޝުއަރެންސް ނުވަތަ ތަކާފުލް، އެ ފަރާތްތަކުގެ ވިޔަފާރި ނުވަތަ ހިދުމަތުގެ ނަމުގައި ބޭނުންކުރާނަމަ، އެ ފަރާތެއް 75،000 ރުފިޔާ އާއި 750،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށާއި ލައިސަންސް ލިބިފައިނުވާ ކުންފުންޏަކުން ނުވަތަ އެފަދަ ކުންފުންޏެއްގެ އެޖެންޓަކު ހިދުމަތް ދޭ ނަމަ އެ ފަރާތެއް 5،000 ރުފިޔާއާއި 1،000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.
އިންޝުއަރެންސް ކްލެއިމެއް ކުރުމުގައި، ގަސްތުގައި ސީދާކޮށް ނުވަތަ ނުސީދާކޮށް ތެދު ނޫން މައުލޫމާތެއް ދީގެން ހައްގު ނޫން މަންފާއެއް ހޯދުމާއި އެފަދަ މަންފާއެއް ހޯދަން އުޅުމާއި އެފަދަ މަންފާއެއް ހޯދައިދިނުމަށް އެހީތެރިވުމަކީ މަނާކަމެއް ކަމަށް ކަނޑައަޅައި، އަދަބެއްގެ ގޮތުގައި 100،000 ރުފިޔާއާއި 5،000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށްވެސް ބިލުގައި ހިމަނާފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު