ބ. ފެހެންދުއަށް ބޭނުންވާ ޓީޗަރުން ނުލިބުމުގެ މައްސަލައަށް ހައްލެއް ހޯއްދަވައިދިނުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
ފެހެންދޫގައި ގްރޭޑް 6 އިން މަތީގެ ދަރިވަރުންނަށް ކިޔަވައިދިނުމަށް ޓީޗަރުން ހޯދުމަށް އުނދަގޫތަކެއް ކުރިމަތިވެފައިވާތީ އެކަމުގެ ކަންބޮޑުވުންތައް އެ ރަށުގެ ރައްޔިތުން ފާޅުކުރެއެވެ.
ބ. އަތޮޅަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފެހެންދޫގައި މިއަދު ހަވީރު ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ފެހެންދޫގެ ތައުލީމީ ދާއިރާއަށް ބޭނުންވާ ކަންކަން ފަހިކޮށްދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އެގޮތުން އެ ރަށުގައި ގާއިމުވެ ހުންނާނެ ޓީޗަރުން ލިބޭތޯ ވަރަށް މަސައްކަތްކުރަމުންދާ ކަމަށެވެ.
ސަރުކާރުގެ ސިޔާސަތަކީ ހުރިހާ ކަމެއް އެންމެ އިސްކަމެއްދީގެން ކޮށްދީ، ފެހެންދޫގައި ގްރޭޑް 6 އިން މަތީގެ ކުދިންނަށް ކިޔަވައިދިނުމުގައި ބޭނުންވާ ޓީޗަރުން ހޯދުމުގައި ހާއްސަ އިސްތިސްނާއެއްގެ ގޮތުގައި އިސްކަންދީގެން އެކަން ފަހިކޮށްދިނުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުން އޮތީ ފުރިހަމަ އެއްބާރުލުންދީގެން ވައުދު ފުއްދުމަށްޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުމަށް ތައްޔާރަށް ކަމަށާއި ބޭނުންވަނީ އެކަމުގައި ޝައުގުވެރިކަން ފާޅުކޮށްގެން ފެހެންދޫގައި ގާއިމުވެ ތިބުމަށް ބޭނުންވާނެ ޓީޗަރުން ހޯދަން ކަމަށެވެ.
ޓީޗަރުން ނުލިބޭ ނަމަ، ޓްރެއިނިން ދީގެން ވެސް ރަށުގެ ކުދިންނަށް ތައުލީމު ފޯރުކޮށްދިނުމަށް ބޭނުންވާ ފެންވަރަށް ޓްރެއިނިން ދޭން ވެސް ސަރުކާރު ތައްޔާރު ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު