މިއަހަރުގެ ފުރަތަމަ ހަތް މަސް ނިންމާލެވިފައިވަނީ، ދައުލަތުގެ ބަޖެޓު ފަހުގެ ތާރީހެއްގައި ފުރަތަމަ ފަހަރަށް އަރަނި ބަޖެޓެއްގައި ދެމެހެއްޓިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
މިދިޔަ މަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވާ މިންވަރާއި ދައުލަތަށް ލިބިފައިވާ އާމްދަނީ ހިމަނައި، ނިމިގެންދިޔަ ހަފުތާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުން، ދައުލަތުގެ ހަރަދުތައް މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 17.4 އިންސައްތަ ދަށަށް ގޮސް، ދައުލަތުގެ ބަޖެޓުގެ އޯވަރޯލް ބެލެންސް 314.3 މިލިއަން ރުފިޔާގެ ސާޕްލަސްއެއްގައި ވަނީ ދަމަހައްޓައިފައެވެ.
މިދިޔަ އަހަރުގެ ފުރަތަމަ ހަތް މަސްދުވަހުގެ ތެރޭގައި ދައުލަތުގެ ބަޖެޓުގެ އޯވަރޯލް ބެލެންސް ހުރީ 6.4 ބިލިއަން ރުފިޔާގެ ޑެފިސިޓެއްގައެވެ. އޭގެ ކުރިން، 2023 ވަނަ އަހަރުގެ ފުރަތަމަ ހަތް މަސްދުވަހުގެ ދައުލަތުގެ ބަޖެޓުގެ އޯވަރޯލް ބެލެންސް ވެސް ހުރީ 4.2 ބިލިއަން ރުފިޔާގެ ޑެފިސިޓެއްގައެވެ.
ފާއިތުވި ހަފުތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 21.9 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ހަރަދާ އަޅައިބަލާއިރު 17.4 އިންސައްތަ ދަށް އަދަދެކެވެ. އެގޮތުން، ދައުލަތުގެ ރިކަރަންޓް ހަރަދު 2.2 އިންސައްތައިން ދަށްވެފައިވާ އިރު، ކެޕިޓަލް ހަރަދު 60.8 އިންސައްތައިން ދަށްވެފައިވެއެވެ.
ރިކަރަންޓް ހަރަދުގެ 56.2 އިންސައްތަ ދައުލަތުގެ އޮފީސްތަކުގެ އިދާރީ ހިންގުމާ ގުޅޭ ކަންކަމަށް ހޭދަކޮށްފައިވާ އިރު، އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 7.3 އިންސައްތަ ދަށް އަދަދެކެވެ. އެގޮތުން އޮފީސް ހިންގުމުގެ ބޭނުމަށް ހޯދާ ތަކެތީގެ ހަރަދު 20 އިންސައްތައިން ދަށްވެފައިވާ އިރު، މަރާމާތުކުރުމާއި މެއިންޓެނަންސްގެ ހަރަދު ވަނީ 20.1 އިންސައްތައިން ދަށްވެފައެވެ.
އޭގެ އިތުރުން ދައުލަތުގެ ބަޖެޓުން ދަތުރުފަތުރުކުރުމަށް ކުރެވޭ ހޭދަ، ނިމިގެންދިޔަ އަހަރާ އަޅައިބަލާއިރު 5.1 އިންސައްތައިން ދަށްވެފައިވާ ކަމަށާއި އެއާއެކު ދައުލަތުން ފޯރުކޮށްދޭ އެކި އެހީ އަދި ސަބްސިޑީތައް ފޯރުކޮށްދިނުމަށް ކުރެވުނު ހޭދަ ނިމިގެންދިޔަ އަހަރާ އަޅައިބަލާއިރު 10.7 އިންސައްތައިން ދަށްވެފައިވެއެވެ.
މިދިޔަ ހަފުތާގެ ނިޔަލަށް ކެޕިޓަލް ހަރަދުގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވަނީ 2.7 ބިލިއަން ރުފިޔާއެވެ. އެގޮތުން، މަގުހެދުމާއި ބްރިޖް އަދި އެއާޕޯޓް ތަރައްގީކުރުމަށް ހިނގާފައިވާ ހަރަދު ހިމަނައިގެން، އިންފްރާސްޓްރަކްޗާ އެސެޓްތަކަށް 2.3 ބިލިއަން ރުފިޔާ މިއަހަރުގެ ތެރޭގައި ވަނީ ހޭދަކޮށްފައެވެ. އެއީ މިއަހަރަށް މިކަންކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގެ 20.5 އިންސައްތައެވެ.
މިއަހަރަށް އެކުލަވައިލައިފައިވާ ދައުލަތުގެ ބަޖެޓުގައި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)އަށް 12.4 ބިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާ އިރު، މިއަހަރުގެ މިހާތަނަށް އެފަދަ ޕްރޮގްރާމްތަކަށް ހޭދަކޮށްފައިވަނީ 3.4 ބިލިއަން ރުފިޔާއެވެ.
އަދި މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ހިނގާފައިވާ ޕީއެސްއައިޕީ ހަރަދުގެ ބޮޑު އިންސައްތައެއް، ބިން ހިއްކުމާއި މަގު ހެދުމުގައި މަޝްރޫއުތަކަށް ހޭދަކޮށްފައިވި ނަމަވެސް، މިއަހަރުގެ ތެރޭގައި ހިނގާފައިވާ ޕީއެސްއައިޕީ ހަރަދުގެ ބޮޑު އިންސައްތައެއް ޙިއްސާކުރަނީ ލަފާފުރުމުގެ ދަތިކަން ހައްލުކުރުމާ ގުޅޭ ތަފާތު އެކި މަޝްރޫއުތަކަށް ކޮށްފައިވާ ހަރަދެވެ.
އެގޮތުން އެފަދަ މަޝްރޫއުތަކަށް ޖުމުލަ 2.2 ބިލިއަން ރުފިޔާ މިއަހަރުގެ ތެރޭގައި ހަރަދުކޮށްފައިވެއެވެ. އޭގެ ތެރޭގައި ވެލާނާ އެއާޕޯޓް ނިންމުމަށް ހިނގާ ހަރަދުތައް ފާހަގަކޮށްލެވެއެވެ.
އޭގެ އިތުރުން ބޯހިޔާވަހިކަމުގެ އެކިއެކި މަޝްރޫއުތަކަށް 114.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަންވެސް ފާހަގަކޮށްލެވެއެވެ. އަދި ޕީއެސްއައިޕީއާ ގުޅޭ ތަފާތު އެކި ސިޔާސަތުތައް ހަރުދަނާކުރުމަށް މިއަހަރުގެ ތެރޭގައި ސަރުކާރުން ކުރަމުންދާ ގިނަ މަސައްކަތްތަކާއެކު، އެފަދަ ޕްރޮގްރާމްތަކަށް ދައުލަތުގެ ބަޖެޓުން ކުރާ ޖުމުލަ ހަރަދު ވަނީ ކުޑަކުރެވިފައެވެ.
ކިޔުންތެރިންގެ ހިޔާލު