ދިވެހި ސިފައިންނާއި ފުލުހުންނަށް ކޮށްދޭ ކޮންމެ ކަމަކީ ޤައުމަށާއި ދިވެހި ކޮންމެ ރައްޔިތަކަށް ކޮށްދެވޭ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ދިވެހި ސިފައިންނާއި ފުލުހުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ދިވެހި ސިފައިންނާއި ފުލުހުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިނިވަންކަން ހިމާޔަތްކޮށް، އެ މިނިވަންކަން ދިފާޢުކޮށް، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގައި އެންމެ މަތިވެރި ޒިންމާ އަދާކުރަންޖެހެނީ ފުލުހުންނާއި ސިފައިން ކަމަށެވެ. އަދި ރާއްޖެއަކީ މިނިވަންކަމުގައި ފަޚުރުވެރި، ދިގު މާޒީއެއް އޮތް ޤައުމެއް ކަމަށާއި އެ މިނިވަންކަން ދިފާޢު ކުރުމުގައި ޤައުމީ ސަލާމަތީ ބާރުތަކުގެ ހިއްސާ ވަރަށް ބޮޑު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
“ސަރުކާރުގެ އެންމެ އިސް އެއް ވާޖިބަކަށްވާންޖެހޭނީ ސިފައިންނަށާއި ފުލުހުންނަށް އެ 2 މުއައްސަސާ ކުރިއެރުވުމަށްޓަކައި، އެ މުއައްސަސާއަށް ޚިދުމަތްކުރާ ޚިދުމަތްތެރިންނަށް ބޭނުންވާ ކަންކަން ކޮށްދިނުމަށް އިސްކަން ދިނުން. މި ސަރުކާރުގެ ސިޔާސަތަކީ އެއީ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން އަޅުގަނޑު މަސައްކަތް ކުރަމުންދަނީ އެ ގޮތުގައި. އެއީ އަޅުގަނޑަށް ލިބޭ ފަޚުރެއްގެ ގޮތުގައި އަޅުގަނޑު ދެކެން. އަދި އަޅުގަނޑުގެ ޒިންމާއެއްގެ ގޮތުގައި އަޅުގަނޑު ދެކެން” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސިފައިންނާއި ފުލުހުންނަށް ތަމްރީނާއި އިތުރު ފުރުސަތުތައް ހޯއްދަވައިދެއްވުމުގައި ކުރިއަށް އޮތްތަނުގައިވެސް ޚާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ.
ރާއްޖެއަށް ދިމާވާ ކޮންމެ ކަމެއްގައި އެންމެ ފުރަތަމަ ސަފަށް ނުކުންނަނީ ސިފައިންނާއި ފުލުހުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެޚިދުމަތް ބަލައިގަންނަ ކަމަށެވެ. އަދި ކޮންމެ ދުވަހަކު ސިފައިންނާއި ފުލުހުން ވަނީ މަތިވެރި ޤުރުބާނީއެއް ކަމަށާއި ސިފައިންނާއި ފުލުހުންނަށް ކޮށްދޭ ކޮންމެ ކަމަކީ ދިވެހި ކޮންމެ ރައްޔިތަކަށްޓަކައި އަދި ޤައުމަށްޓަކާ ކޮށްދެވޭ ކަމެއް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު