ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހެދި 4،000 ފުލެޓް ލިބިފައިވާ މީހުންނާއެކު އަންނަ ހަފުތާގައި ސޮއިކުރަން ފެށޭނީ އެ މަސައްކަތަށް ހާއްސަ ތަނެއްގައި ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
“އަހާ” ފޯރަމްގައި މިރޭ ވާހަކަދައްކަވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ އެގްރިމެންޓުތަކުގައި ސޮއިކުރުމަށް ލަސްތަކެއް ވެގެންދަނީ އެކަން ކުރާނެ ތަނެއް ހަމަޖެއްސުމަށް މަސައްކަތްކުރަން ޖެހޭތީ ކަމަށެވެ.
“އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މިހާރުގެ ޓާގެޓަކީ އެ ހުރިހާ ކަންތައްތަކެއް ވެސް ހަމަޖައްސައި، އަންނަ ހަފުތާގެ ތެރޭގައި އެގްރިމެންޓުގައި ސޮއިކުރަން ފެށޭވަރު ވާނެ ކަމަށް،” މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު މުއްތަލިބު ވިދާޅުވީ އެގްރިމެންޓުތަކުގައި ސޮއިކުރުމުގެ މަސައްކަތްކުރުމަށް މިހާރު ތަނެއް ހަމަޖެހިފައިވާ ކަމަށާއި އެތަނުގައި ޓެންޓު ޖެހުމުގެ މަސައްކަތާއި އަދި އެކަމަށް ބޭނުންވާ އިދާރީ އެހެނިހެން މުވައްޒަފުންނާއި އެހެނިހެން ކަންތައްތައް ކުރުމުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ކުރަމުން އަންނަ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މި ސަރުކާރު ހަވާލުވި އިރު، އެޓާނީ ޖެނެރަލް (އޭޖީ) އޮފީހާއި ކަމާބެހޭ އިދާރާތަކުން އެގްރިމެންޓު ފައިނަލްކޮށްފައި ނުވާ ކަމަށާއި މިހާރު އޭޖީ އޮފީހުން އެގްރިމެންޓު ފައިނަލުކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު