ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް (އެން.ސީ.ޕީ.އެލް.އީ) ގެ ދ. ވާނީ ކެމްޕަހުގައި ކުރިއަށް ގެނަދިޔަ “އޯޕަން ވޯޓަރ ޑައިވް، އެޑްވާންސްޑް އޯޕަން ވޯޓަރ ޑައިވް، އީ.އެފް.އާރް ރެސްކިއު ޑައިވް، އަދި ފޮރެންސިކް ޑައިވަރ ކޯސް” ކާމިޔާބު ކަމާއެކު ނިންމާލައިފި އެވެ.
ކޯސް ނިންމުމުގެ ރަސްމިއްޔާތު މިއަދު ވަނީ ބާއްވައިފަ އެވެ. ހަތަރު ގައުމަކުން ބައިވެރިވި 10 ފުލުހުންވެސް ވަނީ މި ކޯސް ފުރިހަމަ ކޮށްފައެވެ.
މި ކޯހުގައި ދިވެހި ފަސް ފުލުހުނާއި، ސައުދީ އަރަބިއްޔާ، ކެމްބޯޑިޔާ އަދި ސްރީ ލަންކާއިން ބައިވެރިވި ފަސް ފުލުހަކު ހިމެނެއެވެ. 40 ދުވަހުގެ މި ތަމްރީނު ކޯސް ފަށައިފައިވަނީ ޖޫން ފުރަތަމަ އެވެ. ނިމިފައިވަނީ ޖުލައި 10 ވަނަ ދުވަހުއެވެ.
މޫދު އަޑީގައި ތަހުގީގު ހިންގުމުގެ ގާބިލްކަން އިތުރުކޮށް، ފޮރެންސިކް ޑައިވިންގ އޮޕަރޭޝަންތަކަށް ބޭނުންވާ ފަންނީ އަދި އަމަލީ ހުނަރުތަކުން އޮފިސަރުންނަށް ތަމްރީނު ދިނުމަށް ކުރިއަށްގެންދިޔަ މި ކޯހުގައި، ތިން އިންސްޓްރަކްޓަރުން ކިޔަވައިދީފައިވާއިރު، އެހީތެރިވުމަށް ސަލާމަތީ ސުޕަވައިޒަރެއްވެސް ހަރަކާތްތެރިވެފައިވެއެވެ.
މިއަދު އޮތް ރަސްމިއްޔާތުގައި ކޯހުގައި ކިޔަވައިދެއްވި އިންސްޓްރަކްޓަރުންނަށާއި، ކޯހުގެ ކަންކަން ފަހިކޮށްދެއްވުމުގައި އެހީތެރިވެދެއްވި ފަރާތްތަކަށް ސެޓްފިކެޓް ވަނީ ހަވާލުކޮށްފައެވެ. ކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓާއި ބެޖް ހަވާލުކޮށްދެއްވީ ޝަރަފުވެރި މެހެމާން ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީނެވެ. އެހެނިހެން ފަރާތްތަކަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، އެސިސްޓަންޓް ކޮމިޝަނަރ އަހުމަދު ޢަބްދުއްރަޙްމާނާއި، ޗީފް އިންސްޕެކްޓަރ ސައީދު ޢަބްދުލް ޙަކީމެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވަނީ، ކޯސް ނިންމި ފަރާތްތަކަށް މަރުހަބާ ވިދާޅުވެ، ފޮރެންސިކް ޑައިވިންގ ފަދަ ފުލުހުންގެ ހާއްސަ ހުނަރުތަކުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
ކިޔުންތެރިންގެ ހިޔާލު