ކުރިއަށްއޮތް ތާނގައިވެސް އީރާނުގެ ފަރާތުން އިސްރާއީލަށް އެއްވެސް ނުރައްކަލެއް ކުރިމަތިނުވާނެ ޕްލޭނަކަށް އިސްރާއީލު ސިފައިން މަސައްކަތް ކުރަމުންދާ ކަމަށް، އިސްރާއީލުގެ ޑިފެންސް މިނިސްޓަރު ޔިސްރާއީލް ކާޒް ބުނެފިއެވެ.
އޭނާ މިފަދައިން ބުނެފައިވަނީ، އިސްރާއީލު އަސްކަރިއްޔާގެ އިސް އޮފިޝަލުންތަކަކާ ބައްދަލުކޮށް ދެއްކި ވާހަކައިގައެވެ.
ކާޒް ބުނެފައިވަނީ، އިސްރާއީލުގެ ސިފައިން ތައްޔާރުވަމުންދަނީ، އީރާނުގެ ފަރާތުން ކުރިއަށްއޮތް މުސްތަގްބަލުގައިވެސް އިސްރާއީލަށް ނުރައްކަލެއް އަދި އިންޒާރެއްވެސް ނާންނާނެފަދަ ޕްލޭނަކަށް ކަމަށާއި، އަދި އެ ޕްލޭން ތަންފީޒުކުރުމުގެ ޕްލޭންތައްވެސް ހަދަމުންދާ ކަމަށެވެ.
އެކަމަކު، އިސްރާއީލުން އެކަން ކުރާނީ ކިހިނެއްކަމާމެދު އޭނާ އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭގޮތުން އެމެރިކާއާއި އީރާނާ ދެމެދު އެތައް ބުރެއްގެމަތިން ވާހަކަ ދެކެވި، މައްސަލައަށް ހައްލެއް އަތުވެދާނެ ކަމުގެ ކޮޅުމަތި ފެންނަމުންދަނިކޮށް އިސްރާއީލުން އީރާނަށް ވައިގެ ހަމަލާތައް ދޭންފެށީ މިދިޔަ ޖޫންމަހުގެ 13 ވަނަ ދުވަހުއެވެ.
އިސްރާއީލުން ދޭންފެށި ހަމަލާތަކުގެ ރައްދުގައި އީރާނުންވެސް ބެލިސްޓިކް މިސައިލާއި، ޑްރޯން ބޭނުންކޮށްގެން އިސްރާއީލަށް ވައިގެ ހަމަލާތައް ދޭންފެށިއެވެ.
ދެފަރާތުން ހަމަލާތައް ބަދަލުކުރުން ނުވަތަ މި ހަނގުރާމަ 12 ދުވަހަށް ދެމިގެންދިޔައެވެ.
އީރާނުން ބުނެފައިވަނީ، އިސްރާއީލުން އީރާނުގެ ރަށްތަކަށްދިން ވަރުގަދަ ވައިގެ ހަމަލާތަކުގައި 935 މީހުން މަރުވި ކަމަށާއި، އޭގެ ތެރޭގައި 38 ކުޑަކުދިން ހިމެނޭ ކަމަށެވެ.
އީރާނުން އިސްރާއީލަށް ދިން ވަރުގަދަ ހަމަލާތަކުގައި އިސްރާއީލުން 28 މީހުން މަރުވިއިރު، މިއީ، އެމެރިކާއާއި ހުޅަނގުން ދީފައިވާ މިސައިލުން ދިފާއުވާ އައްޑަނަތައް ފޫއަޅުވާލައި އިސްރާއީލަށް މިފަދަ ހަމަލާތަކެއް ދެވުނު ފުރަތަމަ ފަހަރެވެ.
އީރާނުން ދިން ހަމަލާތަކުގައި، އިސްރާއީލުގެ ތެލް އަވީވް ގާތްގަނޑަކަށް ސުންނާފަތިކޮށް، އިސްރާއީލުގެ ބަނދަރުމަތީ ހައިފާ ސިޓީގެ މައި ކަނޑުގެ ބަނދަރާއި، މުޅި ހައިފާ ހަލާކުކޮށްލާފައި ވެއެވެ.
އަދި އިސްރާއީލު ސިފައިންގެ ބޭސްތަކާއި، އިސްރާއީލު ސަރުކާރުގެ މިނިސްޓްރީތަކާއި، އަސްކަރިއްޔާއާ ގުޅުންހުރި ޓެކްނޮލޮޖީގެ ތަންތަނާއި، ޖެޓްފިއުލް ކާރުޚާނާވެސް ގޮއްވާލާފައި ވެއެވެ.
އިސްރާއީލުން މިހާރު މަސައްކަތް ކުރަމުން ގެންދަނީ ލަދުން ސަލާމަތްވާނެ ގޮތެއް ހޯދުމަށެވެ.
ރިޕޯޓްތައް ބުނާގޮތުގައި، އެމެރިކާއިން މިހާރު ގެންދަނީ އިސްރާއީލަށް ކެނޑިނޭޅި ބަރުހަތިޔާރު ފޮނުވަމުންނެވެ. އަސްކަރީ އެންމެ ބޮޑެތި މަތިންދާ ބޯޓުތަކުގައި ހަތިޔާރު އުފުލަމުން ގެންދާއިރު، ބިމުއަޑި ގޮއްވާލާ ބޮންއަޅާ ބީ2 ގެ މަތިންދާ ބޯޓުތައް އިސްރާއީލަށް ދިނުމަށް، އެމެރިކާއިން އިސްރާއީލަށް ކަނޑައަޅާފައިވާ އެމްބަސެޑަރު ވަނީ ގޮވާލާފައެވެ.
ކިޔުންތެރިންގެ ހިޔާލު