އދގެ އެޓޮމިކް ހަކަތައާބެހޭ އިދާރާ، އިންޓަރނޭޝަނަލް އެޓޮމިކް އެނަޖީ އޭޖެންސީ – އައިއޭއީއޭއަށް އެއްބާރުލުން ދިނުން ސަސްޕެންޑް ކުރުމަށް އީރާނުގެ ޕާލަމެންޓަށް ހުށަހެޅި ބިލް އީރާނުގެ ޕާލަމެންޓުން ދާދި ދެންމެއަކު ފާސްކޮށްފިއެވެ.
މި ބިލް އީރާން ޕާލަމެންޓުން ފާސްކުރީ 222 މެމްބަރުންގެ ވޯޓާ އެކުގައެވެ. ބިލާ ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ. ވޯޓުގައި ބައިވެރި ނުވަނީ އެންމެ މެމްބަރެކެވެ.
އެމެރިކާއާއި، އިސްރާއީލުން އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅުންހުރި ސައިޓްތަކަށް ބޮންއަޅައި އަދި މިސައިލުން ދިން ވަރުގަދަ ހަމަލާތަކަށްފަހު، އިންޓަރނޭޝަނަލް އެޓޮމިކް އެނަޖީ އޭޖެންސީއަށް އެއްބާރުލުން ދިނުން ހުއްޓާލުމާމެދު އީރާނު ސަރުކާރުން ދިޔައީ ވިސްނަމުންނެވެ. އީރާނުގެ އެކި ފެންވަރުގެ އޮފިޝަލުންވެސް ގެންދެވީ އެކަމުގެ ވާހަކަ ދައްކަވަމުންނެވެ.
އީރާނު ސަރުކާރުން ޕާލަމެންޓަށް ހުށެޅި ބިލް މިއަދު ފާސްކުރުމުން، އައިއޭއީއޭގެ އިންސްޕެކްޓަރުންނަށް އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް ވަނުމުގައި ހުރަސްތައް ކުރިމަތިވެގެން ދާނެއެވެ.
ބިލުގައި ކަނޑައަޅާފައިވަނީ، ނިއުކްލިއަރ ފެސިލިޓީގެ ސަލާމަތާމެދު ޔަގީންކަން ނެތްހާ ހިނދަކު، އދގެ އިންސްޕެކްޓަރުން ސައިޓްތަކަށް ވައްދައިގެން ނުވާނޭ ކަމަށެވެ.
އިންޓަރނޭޝަނަލް އެޓޮމިކް އެނަޖީ އޭޖެންސީ – އައިއޭއީއޭގެ އިންސްޕެކްޓަރުން އީރާނުގެ ނިއުކްލިއަރ ސައިޓްތައް އިންސްޕެކްޓް ކުރަމުން ގެންދިޔައީ، އީރާނުން މަސައްކަތް ކުރަނީ ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް ކަމަށް އެމެރިކާ، އިސްރާއީލު އަދި ހުޅަނގުގެ ގައުމުތަކުން ކުރަމުންދާ ތުހުމަތުތަކާ ގުޅިގެންނެވެ.
އީރާނާ ދެކޮޅަށް އެމެރިކާއާއި ހުޅަނގުން އެތައް އަހަރެއް ވަންދެން އިގްތިސާދީގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވަނީވެސް މި ތުހުމަތުތަކާ ގުޅުވައިގެންނެވެ.
އީރާނުން އަބަދުވެސް ބުނަމުންގެންދަނީ، އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމަކީ މަދަނީ ބޭނުމަށް ހިންގާ ޕްރޮގްރާމެއް ކަމަށާއި، އެއީ ނިއުކްލިއަރ ހަކަތައިގެ ބޭނުމުގައި ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ. އެއީ، ކޮންމެ ގައުމަކަށްވެސް ލިބިފައިވާ ހައްގެކެވެ. ނިއުކްލިއަރ އިންޖީނުގެއިން އުފައްދާ ހަކަތަ، ތެލަށްވުރެ އެތައްގުނަ އަގުހެވެވެ.
އދގެ އިންސްޕެކްޓަރުންގެ ބެލުމުގެދަށުން އީރާނުން ގެންދިޔައީ ނިއުކްލިއަރ ހަކަތަ އުފެއްދުމަށް ބޭނުންވާ މިންވަރަށް ޔޫރޭނިއަމް އުފައްދަމުންނެވެ.
އެކަމަކު، އެމެރިކާއާއި، އިސްރާއީލުން އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް ބޮންއެޅުމުން އީރާނު އޮތީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ. އީރާނު ސަރުކާރުން ބުނެފައިވަނީ، އިންޓަރނޭޝަނަލް އެޓޮމިކް އެނަޖީ އޭޖެންސީ – އައިއޭއީއޭއަށް އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް އެއްވެސް ރައްކާތެރިކަމެއް ހޯދައި ނުދެވުނު ކަމަށެވެ.
މިކަމާ ގުޅިގެން އައިއޭއީއޭއަށް އީރާނުން ދެމުން އައި އެއްބާރުލުން ސަސްޕެންޑް ކުރުމަށް އީރާނުގެ ޕާލަމެންޓުން މިއަދު ބިލެއް ފާސްކުރިއިރު، އދގެ ނޮން-ޕްރޮލިފަރޭޝަން ޓްރީޓީން ވަކިވުމަށްވެސް އީރާނު މިހާރު ގެންދަނީ ވިސްނަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު