އީރާނުން އިސްރާއީލަށް ދެމުންގެންދާ ހަމަލާތަކާ ގުޅިގެން އިސްރާއީލުގެ ތިންލައްކައަށްވުރެ ގިނަ މީހުން ފިލައިގެން އިސްރާއީލުން ބޭރުވެއްޖެއެވެ.
އިސްރާއީލުގެ އާންމުން، އިސްރާއީލުން ބޭރުވަމުން މިދަނީ، މިހާލަތުގައި އެއްވެސް މީހަކު އިސްރާއީލު ދޫކޮށް ގޮސްގެން ނުވާނޭ ކަމަށް، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަންގައި އަމުރުކޮށްފައި އޮއްވައެވެ.
ނަތަންޔާހޫވަނީ، އިސްރާއީލުން ފުރައިގެންދާ އެއްވެސް މަތިންދާ ބޯޓަކުން އިސްރާއީލު މީހަކު ގެންގޮސްގެން ނުވާނޭ ކަމަށް އަންގާފައެވެ.
އަދި އެހެން ގައުމުތަކުގެ ރައްޔިތުން ބަލާ އަންނަ ފްލައިޓްތަކުންވެސް އިސްރާއީލު މީހުން ގެންގޮސްގެން ނުވާނޭ ކަމަށް ނަތަންޔާހޫ އަންގާފައި ވެއެވެ.
އަދި އިސްރާއީލުގެ ވައިގެ ސަރަހައްދު މިހާރު އޮތީ ބަންދުވެސް ކޮށްފައެވެ.
ވައިގެމަގުން އާންމުން ފުރުން މަނާކުރުމުން، އިސްރާއީލު މީހުން މިހާރު ބޭރުވަމުންދަނީ ކަނޑުމަގުންނެވެ.
އެގޮތުން، ކުދި ޔޮޓްފަހަރާއި، ކުދި ބޯޓުފަހަރާއި، އެނޫންވެސް އުޅަނދުތަކުގައި ކަނޑަށް ނުކުމެ، ދަތުރުފަށާފައި ވެއެވެ. އަދި އެތައްހާސް ޑޮލަރުގެ ބޮޑުއަގު ދީގެން ކަނޑު އުޅަނދުތަކުގައި ދެވުނު ގޮތަކަށް އިސްރާއީލުން ބޭރުވަމުން އެބަދެއެވެ.
އިސްރާއީލު މީޑިއާ ވަސީލަތްތަކުން ބުނަނީ، ސައިޕްރަސްއަށް އެކަނިވެސް ތިންލައްކައަށްވުރެ ގިނަ މީހުން ގޮސްފައިވާ ކަމަށެވެ.