ކުއްލި ޚަބަރު

ޑިޕޮސިޓް ދައްކާ ޔުޓިލިޓީ ޚިދުމަތްތަކަށް ރެޖިސްޓަރވުމުން ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރާނެ: އެފްޑީސީ

ރާއްޖެއާއި އިންޑިއާގެ ގުޅުން އައު އުސްމިންތަކަކަށް އުފުލިގެންދާނެ: ބޮޑުވަޒީރު މޯދީ

ލަންކާގެ ރައީސް އަނުރަ ފުރަމާނަ ދަތުރުފުޅެއްގައި ހޯމަ ދުވަހު ރާއްޖެ ވަޑައިގަންނަވަނީ

ޖިނާއީ ބޮޑެތި ކުށްތަކުގެ ތުހުމަތުވާ މީހުންގެ ބަންދަށް ލުއި ދޭން ހަމަޖެހިފައެއް ނުވޭ: ޕީޖީ

ޖިނާއީ ބޮޑެތި ކުށްތަކުގެ ތުހުމަތުވެ، ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހުން، ނުވަތަ ވާނުވާގައި ތިބި މީހުންގެ ބަންދަށް ލުއި ދިނުމަށް ހަމަޖެހިފައި ނުވާކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.

ޕީޖީގެ އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ބަންދަށް ނުވަތަ ވާނުވާގައި ތިބި މީހުން އިލެކްޓްރޯނިކް މޮނިޓަރިން ޓެގު އެޅުވުމަށްފަހު، ބަންދުން ލުއި ދިނުމުގެ މަސައްކަތް އެ އޮފީހުން ފަށާފައިވާ ކަމަށެވެ. އެގޮތުން ޝަރީއަތް ނިމެންދެން ބަންދުގައި ތިބި ދެ މީހެއްގެ ބަންދަށް، މޮނިޓަރިން ނިޒާމުގެ ތެރެއިން އިއްޔެ ލުއި ދީފައިވާނެ ކަމަށާއި އިތުރު ފަސް މީހެއްގެ ބަންދަން ލުއި ދިނުމާ ގުޅޭ އަޑުއެހުންތައް މިއަދު ކޯޓުތަކުގައި ކުރިއަށްދާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އެ އޮފީހުން ބުނީ، ޓެގު އެޅުވުމަށްފަހުވެސް ބަންދަށް ލުއި ދޭނީ އެ މީހެއްގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކާ ކުޑަކުރެވިދާނެ ކަމަށް ފެންނަ ބާވަތްތަކުގެ ކުށްތަކުގެ ތުހުމަތު ކުރެވޭ މީހުންނަށް ކަމަށާއި އެ ނޫން މީހުންގެ ބަންދަށް އެ ނިޒާމުގެ ތެރެއިން ލުޔެއް ދިނުމަށް ހަމަޖެހިފައި ނުވާ ކަމަށެވެ.

“އެގޮތުން ކުޑަކުދީންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކާއި މަރުގެ މައްސަލަތަކާއި ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކާއި މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ބޮޑެތި މައްސަލަތަކުގައި ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ބަންދަށް މި ނިޒާމުގެ ތެރެއިން ލުއި ދިނުމަށް އަދި ހަމަޖެހިފައެއް ނުވެއެވެ،” ޕީޖީ އޮފީހުން ބުންޏެވެ.

ބަންދަށް ލުއި ދެވިދާނެ މީހުން ކަނޑައަޅަމުން ގެންދަނީ، އެ މީހުން މޮނިޓާ ކުރެވޭ ގޮތަށް މުޖުތަމައު ތެރެއަށް ދޫކޮށްލައިފި ނަމަ، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކާ ދެނެގަތުމަށް ފުލުހުން ތައްޔާރުކުރާ އެސެސްމަންޓަށް ރިއާޔަތްކޮށްގެންނެވެ. އެ އެސެސްމަންޓުތައް ލިބެމުން އަންނަ ވަރަކުން، ބަންދަށް ލުއި ދިނުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށް ޕީޖީގެ އޮފީހުން ބުންޏެވެ.

އެ އޮފީހުން ބުނީ، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ރިމާންޑު ޖަލުތަކުގެ ޖާގައަށްވުރެ އިތުރަށް މީހުން ބަންދުކުރެވިފައިވާއިރު، މި މަސައްކަތުގެ ތެރެއިން ރިމާންޑު ޖަލުތަކުގެ ޖާގައިގެ ދަތިކަމަށް ކޮންމެވެސް މިންވަރެއްގެ ހައްލެއް ލިބި، ބަންދުގައި ބައިތިއްބަން ޖެހޭ މީހުންނަށް ލިބިދޭ ވަސީލަތްތަކަށް ހެޔޮ ބަދަލެއް ގެނެވޭނެ ކަމަށެވެ.

ޕީޖީ އޮފީހުން މިމަހު 21 ގައި ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ކަނޑައަޅާ ޝަރުތުތަކުގެ މަތީން ބަންދަށް ލުއި ދޭނީ ގިނަ ވެގެން 100 ދުވަހަށް ކަމަށާއި ކޮންމެ 100 ދުވަހަކުން އެއްފަހަރު ކޯޓަށް ހުށަހަޅައިގެން ބަންދު މުރާޖައާ ކުރާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ޕީޖީ އޮފީހުން އިތުރަށް ބުނީ، ބަންދަށް ލުއި ދީފައިވާ މީހަކު، އޭނާގެ މައްޗަށް ކޯޓުން ކޮށްފައިވާ އެއްވެސް ޝަރުތަކާ ހިލާފުވެއްޖެ ނަމަ ވަގުތުން އެ މީހަކު އަލުން ބަންދު ކުރުމަށް ކޯޓުގައި އެދޭނެ ކަމަށެވެ.

ޓެގް އަޅުވައި ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުން ދޫކުރުމުގެ މަސައްކަތް ޕީޖީން ފެށިއިރު، ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހުން މޮނީޓާ ކުރެވޭނެ އިންތިޒާމެއްގެ ދަށުން ޖަލުން ދޫކޮށްދޭން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި އެ މީހުންގެ ހައްގުގައި ވަކާލާތުކުރާ މީހުން މި މަހުގެ ހަތްވަނަ ދުވަހު ވަނީ އެދިފަ އެވެ. ރައީސް ވަނީ ބަންޑާރަ ނައިބާއި ޕީޖީ އޮފީހާއެކު މަޝްވަރާ ކުރައްވައި އެކަން ކުރެވިދާނެތޯ ބައްލަވާނެ ކަމަށް ވިދާޅުވެފައިއެވެ.

ރައީސް އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހުންގެ ފައިގައި އިލެކްޓްރޯނިކް ޓެގް އެޅުވުމަށް ފަހު ދޫކޮށްލުމުގެ މަސައްކަތް އިއްޔެ ރަސްމީކޮށް ފަށާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޑިޕޮސިޓް ދައްކާ ޔުޓިލިޓީ ޚިދުމަތްތަކަށް ރެޖިސްޓަރވުމުން ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރާނެ: އެފްޑީސީ

ރާއްޖެއާއި އިންޑިއާގެ ގުޅުން އައު އުސްމިންތަކަކަށް އުފުލިގެންދާނެ: ބޮޑުވަޒީރު މޯދީ

މޯލްޑިވިއަން އިން ޓިކެޓު ބުކިން ހަދާއިރު އައިޑީ ނުވަތަ ޕާސްޕޯޓުގެ ކޮޕީއެއް ދެން ބޭނުމެއް ނުވާނެ

ލަންކާގެ ރައީސް އަނުރަ ފުރަމާނަ ދަތުރުފުޅެއްގައި ހޯމަ ދުވަހު ރާއްޖެ ވަޑައިގަންނަވަނީ

TTH_advertisement ELL Mobile Advertisement