ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް އަހަރުގެ މިހާތަނަށް 795 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއީ ރާއްޖޭގެ އެކި ސިނާއަތްތަކުގައި ހަރަކާތްތެރިވާ ވިޔަފާރިތައް ކުރިއެރުވުމަށް ދޫކޮށްފައިވާ ފައިސާއެވެ.
"މޯލްޑިވްސް އެކްސްޕޯ 2026" ގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށެވެ. އެގޮތުން އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން 20 ކޯޓާއާ ހަމައަށް ފީ ދައްކަން ނުޖެހޭ ގޮތަށް ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް އިސްލާހު ގެނެސްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"އަހަރުގެ މިހާތަނަށް ބީއެމްއެލްއާއި އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް އެސްއެމްއީ ވިޔަފާރިތަކަށް ޖުމްލަ 795 މިލިއަން ރުފިޔާގެ ލޯނު ވަނީ ދޫކުރެވިފައި. މިއީ ގާތްގަނޑަކަށް 1000 އަށް ވުރެ ގިނަ ވިޔަފާރިވެރިންނަށް ލިބިގެންދިޔަ މަންފާއެއް. ޒުވާން ވިޔަފާރިވެރިންނަށް 15 ޖުލައި ގައި ފެށި ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން 3000 އަށް ވުރެ ގިނަ ޒުވާނުންނަށް މިވަނީ 300 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ލޯނު ވަނީ ދޫކުރެވިފައި،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެސްއެމްއީ ސެކްޓާތަކުގައި ހަރަކާތްތެރިވާ ޒުވާނުންނަށް ދޫކުރާ ލޯނުގެ ދެ ވަނަ ފިޔަވައްސަށް އަންނަ ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހު ހުޅުވާލައްވާނެކަމަށެވެ. މި ޕްރޮގްރާމްގެ ދަށުން އެއް ބިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ދިވެހި ޒުވާނުންނަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފެށުމަށާއި، އައު އީޖާދީ ޚިޔާލުތައް ދެމެހެއްޓެނިވި ވިޔަފާރިތަކަކަށް ބަދަލުކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން "ޔޫތު އެންޓަރޕްރަނަރޝިޕް ފައިނޭންސިންގ" ފެސިލިޓީ ރަސްމީކޮށް އިފްތިތާހުކުރީ މިއަހަރުގެ ޖުލައިމަހުގެ ތެރޭގައެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ކުރިއަށްގެންދާ މި މަޝްރޫއަކީ ޖުމްލަ 1 ބިލިއަން ރުފިޔާގެ ބޮޑު ފައިނޭންސިން ސްކީމެކެވެ.
މި ފެސިލިޓީގެ ދަށުން އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް، އެއްވެސް ރަހުނެއް ނުވަތަ އިކުއިޓީއަކާ ނުލާ 150,000 ރުފިޔާއާ ހަމައަށް ފައިނޭންސިން ލިބޭނެއެވެ. މިއީ ވިޔަފާރިއެއް ފަށަން ބޭނުންވާ ޒުވާނުންނަށާއި ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކަށް އެމީހުންގެ މަސައްކަތް ފެށުމަށް ނުވަތަ ފުޅާކުރުމަށް ބޭނުންވާ ރައުސްމާލު ހޯދައިދިނުމަށް ހުޅުވާލެވުނު ފުރުސަތެކެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.