އަމިއްލަ ގޯތީގައި ގެދޮރު އިމާރާތްކުރުމަށް ބޭންކުތަކުން ނަގާ ލޯނަށް ބޭނުންވާ އިކުއިޓީ ފައިސާ، ސަރުކާރުން އަނބުރާ ދައްކަން ނުޖެހޭ ގޮތަށް ހިލޭ އެހީގެ ގޮތުގައި ހަމަޖައްސައިދޭ އުސޫލެއްގެ ދަށުން، ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ފުރުސަތު ފަހިކޮށްދިނުމަށް މާލީ ހަތަރު އިދާރާއަކާއެކު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި މިއަދު ސޮއިކޮށްފިއެވެ.
މިއީ ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން އެކި ފަންތީގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ވަށާޖެހޭ ހައްލެއް ހޯދައިދިނުމަށް އެކުލަވާލާފައިވާ ޕްރޮގްރާމެކެވެ. މި ސިޔާސަތުގެ ތެރޭގައި ސަރުކާރުން އިމާރާތްކުރާ ފްލެޓްތަކާއި، ސަރުކާރުގެ އެހީތެރިކަމާއެކު އަމިއްލަ ފަރާތްތަކުން އަޅާ އަގުހެޔޮ ފްލެޓްތަކުގެ އިތުރުން، އަމިއްލަ ބޯހިޔާވަހިކަން ބައްލަވައިގަތުމަށާއި އަމިއްލަ ބިންތަކުގައި ގެދޮރު ބިނާކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.
މި އެމްއޯޔޫގައި ސޮއިކޮށްފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)، ހައުސިންގ ޑިވަލަޕްމަންޓް ފައިނޭންސިންގ ކޯޕަރޭޝަން (އެޗްޑީއެފްސީ) އަދި މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ (އެމްއެފްއެލްސީ) އެވެ.
ވޯލްޑް ބޭންކާއި މިނިސްޓްރީ ގުޅިގެން ހެދި ދިރާސާތަކުން ދައްކާގޮތުގައި، ދިވެހިންނަށް އަމިއްލަ ގޯތީގައި ގެދޮރު އިމާރާތްކުރުމަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ބޭންކުތަކުން ކަނޑައަޅާ އިކުއިޓީ ޕޭމަންޓް ދެއްކޭނެ ތަނަވަސްކަން ނެތުމެވެ. އެހެންކަމުން، މި އައު އިންތިޒާމުގެ ދަށުން ފުރަތަމަ ފަހަރަށް އަމިއްލަ ބޯހިޔާވަހިކަން ހޯދާ ފަރާތްތަކަށް ބޭންކުން ލޯނު ފާސްވުމާއެކު، ބޭނުންވާ އިކުއިޓީ ފައިސާ ސަރުކާރުން ދައްކައިދޭނީ އަނބުރާ ދައްކަން ނުޖެހޭ އެހީއެއްގެ ގޮތުގައެވެ. ނަމަވެސް، ވަކި މުއްދަތެއްގެ ތެރޭގައި އެ އިމާރާތް ވިއްކާލައިފިނަމަ އެ ފައިސާ އަނބުރާ ސަރުކާރަށް ހޯދުމަށް ވަނީ ކަނޑައަޅާފައެވެ.
މި އުސޫލުގެ މިސާލެއްގެ ގޮތުން ފާހަގަކުރެވިފައިވަނީ، 1,000,000 ރުފިޔާގެ ޚަރަދަކުން 3 ކޮޓަރީގެ ގެއެއް އިމާރާތްކުރާނަމަ، އޭގެ ތެރެއިން ގާތްގަނޑަކަށް 200,000 ރުފިޔާ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ހަމަޖައްސައިދޭނެ ކަމެވެ. އަދި ބާކީ 800,000 ރުފިޔާ ހަމަޖައްސާނީ ބޭންކު ފައިނޭންސްގެ ތެރެއިންނެވެ.
މިދިޔަ އަހަރު ކުރިއަށް ގެންދިޔަ %5 ގެ ސްކީމުގައި ބައިވެރިވީ ހަމައެކަނި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކަމަށްވާއިރު، އެ ބޭންކުން 800 އަށް ވުރެ ގިނަ ފަރާތަކަށް 1,000,000,000 ރުފިޔާއަށް ވުރެ ގިނަ ފައިސާ ދޫކޮށްފައިވެއެވެ. ނަމަވެސް، އޭރުގެ އޮނިގަނޑު އޮތް ގޮތުން ގިނަ ބޭންކުތަކުން ބައިވެރިވާން ފަސްޖެހުނު ނަމަވެސް، މިފަހަރުގެ އައު މޮޑެލްގެ ސަބަބުން އިތުރު މާލީ އިދާރާތަކާއެކު ކުރިއަށްދިއުމުގެ ފުރުސަތު ވަނީ ތަނަވަސްވެފައެވެ.
މި ސްކީމްގެ ފުރަތަމަ ފިޔަވަހި ޚާއްސަކޮށްފައިވަނީ ފުރަމާލޭގައި އަމިއްލަ ބިން އޮވެ، އިކުއިޓީ ނުދެއްކިގެން އިމާރާތް ނުކުރެވިފައިވާ ފަރާތްތަކަށެވެ. އަދި ހުޅުމާލެ، ގިރާވަރު އަދި ގުޅިފަޅުގައި ހުރި ބިންތަކަށް މި ސްކީމް ފުޅާކުރުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ފިޔަވަހިތަކުގައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.