ތައިލެންޑުގެ ބެންކޮކްގައި މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އަދި ވޯލްޑް ބޭންކް ގްރޫޕް (ޑަބްލިއުބީޖީ) ގެ 2026 ވަނަ އަހަރުގެ އަހަރީ ބައްދަލުވުމުގެ ހަވާސާގައި، ރާއްޖޭގެ އިޤްތިޞާދީ މުސްތަޤްބަލާއި، މާލީ ހަމަޖެހުމާއި އަދި ދިރާސީ ދާއިރާތަކާ ގުޅޭގޮތުން ބައިނަލްއަޤްވާމީ މާލީ އިދާރާތަކާއި ސަރަޙައްދީ ޕޮލިސީ މޭކަރުންނާއެކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މުހިންމު މަޝްވަރާތަކެއް ކޮށްފިއެވެ.
މި ބައްދަލުވުންތަކުގެ ތެރެއިން، އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު ޢާއިޝަތު އަސްނާ ޙަމްދީ އަދި ދިވެހި ވަފުދުން ވަނީ އައިއެމްއެފްގެ އެގްޒެކެޓިވް ޑިރެކްޓަރު ޑރ. މުޙައްމަދު މަޢީޠުއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ މެކްރޯ އިކޮނޮމިކް ހާލަތަށް އައިސްފައިވާ ބަދަލުތަކާއި، އިޤްތިޞާދީ ކުރިމަގާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަދެކެވުނެވެ. މީގެއިތުރުން ފައިސާގެ ހަމަޖެހުމާއި ބޭރުގެ މާލީ މުޢާމަލާތްތަކުގެ ހަމަޖެހުން ވަރުގަދަކުރުމާއި، ބޭރުގެ އިޤްތިޞާދީ ލޮޅުންތަކުން އަރައިގަތުމުގެ ޤާބިލުކަން އިތުރުކުރުމުގެ އިތުރުން، ދެމެހެއްޓެނިވި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމާ ގުޅޭގޮތުންވެސް ދެފަރާތުން މަޝްވަރާކުރެއްވިއެވެ.
އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު ޢާއިޝަތު އަސްނާ ޙަމްދީ.
މީގެއިތުރުން، އެމްއެމްއޭއިން ވަނީ 18 ވަނަ އަހަރީ ޖީ-24/ އެލަޔަންސް ފޮރ ފައިނޭންޝަލް އިންކްލޫޝަން (އޭއެފްއައި) ޕޮލިސީމޭކަރުންގެ ވަށްމޭޒު މަޝްވަރާގައި ބައިވެރިވެފައެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ މާލީ ޚިދުމަތްތައް އެންމެންނަށް ފޯރުކޮށްދިނުމުގައި ކްރިޕްޓޯ އެސެޓްތަކުގެ ދައުރަށެވެ.
މި މަޝްވަރާގައި ވާހަކަދައްކަވަމުން ޑެޕިއުޓީ ގަވަރުނަރު އަސްނާ ވިދާޅުވީ، މާލީ ޚިދުމަތްތައް ފުޅާކުރުމުގައި ހަމަހަމަ އުސޫލެއް ގެންގުޅެންޖެހޭ ކަމަށާއި، މިފަދަ މަސައްކަތްތައް ވާންވާނީ މާލީ ނިޒާމުގެ ރައްކާތެރިކަމާއި، ފައިސާގެ އަދި މާލީ ހަމަޖެހުން ދެމެހެއްޓުމަށް ބޭނުންވާ މިންގަނޑުތަކާ އެއްވަރަކަށް ކުރިއަށްދާ ކަންކަމަށް ކަމަށެވެ. އަދި ހަރުދަނާ ރެގިއުލޭޓަރީ އޮނިގަނޑެއް އޮތުމުގެ މުހިންމުކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. މި ބައްދަލުވުމަކީ ޖީ-24 އަދި އޭއެފްއައިގެ މެންބަރުންނާއި، ދުނިޔޭގެ މިންގަނޑުތައް ކަނޑައަޅާ އިދާރާތަކާއި ބައިނަލްއަޤްވާމީ މާލީ އިދާރާތައް އެއްތަންވެ، އަލަށް ފާހަގަވާ މާލީ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރި ބައްދަލުވުމެކެވެ.
ހަމައެއާއެކު، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި އޭޝިއާ ޕެސިފިކް އެޕްލައިޑް އިކޮނޮމިކްސް އެސޯސިއޭޝަން (އޭޕީއޭއީއޭ) ގުޅިގެން ބޭއްވި މަރުކަޒީ ބޭންކުތަކުގެ ސަރަޙައްދީ ދިރާސާ ވަށްމޭޒު ބައްދަލުވުމުގައިވެސް އެމްއެމްއޭގެ ވަފުދުން ބައިވެރިވިއެވެ.
އެ ބައްދަލުވުމުގައި ޑެޕިއުޓީ ގަވަރުނަރު އަސްނާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެ ފަދަ ބޭރުގެ ވިޔަފާރިއަށް ބަރޯސާވާ ކުދި އިޤްތިޞާދުތަކަށް، ސިޔާސަތުތައް އެކުލަވާލުމަށް ބޭނުންވާ ވަގުތުން ވަގުތަށް ލިބޭ ދިރާސާތަކުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި އިޤްތިޞާދީ ސިޔާސަތުތައް ވަރުގަދަކުރުމަށްޓަކައި، ބޭރުގެ ދާއިރާތަކުން ކުރިމަތިވާ ނާޒުކުކަމާއި، މާލީ އަދި ފައިސާގެ ސިޔާސަތުތަކުގެ ގުޅުމާއި، މޫސުމީ ނުރައްކާތަކުގެ އިތުރުން މާލީ ދާއިރާ ޑިޖިޓަލައިޒްކުރުމުގެ މައްޗަށް ދިރާސާތައް ކުރުން މުހިންމު ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން މަރުކަޒީ ބޭންކުތަކާއި ކަމާބެހޭ ފަރާތްތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން، އޭޕީއޭއީއޭ އާއެކު އެމްއެމްއޭއިން ކުރިއަށްގެންދާ ދިރާސީ ބައިވެރިވުމާއި، 2026 ވަނަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްއެމްއޭގެ ރިސާޗް ކޮންފަރެންސް އަދި ޖޮއިންޓް ވޯކްޝޮޕަށްވެސް އެކަމަނާ އަލިއަޅުއްވާލެއްވިއެވެ.
މި ބައްދަލުވުންތަކަކީ ދުނިޔޭގެ އިޤްތިޞާދީ ކުރިއެރުންތަކާ މެދު ޚިޔާލު ބަދަލުކުރުމަށާއި، ފަންނީ އެއްބާރުލުމާއި އިދާރީ ތަރައްޤީގެ ފުރުޞަތުތައް ހޯދުމަށް މަރުކަޒީ ބޭންކުތަކަށާއި މާލީ އިދާރާތަކަށް ލިބުނު މުހިންމު ފުރުޞަތެކެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.