ދ. މީދޫގައި އެމްޓީސީސީން އިމާރާތް ކުރަމުންދާ ޕޮލިސް ސްޓޭޝަންގެ މައި އިމާރާތުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
ދާދިފަހުން ރާއްޖޭގެ ޓީވީ ޗެނަލަކުން ވަނީ އެ މަސައްކަތް ކުރިއަށް ނުދާ ކަމަށް ބުނެ ޚަބަރު ފަތުރާފައެވެ.
މިކަމާ ގުޅޭގޮތުން އެމްޓީސީސީން ބުނީ މީދޫ ޕޮލިސް ސްޓޭޝަން އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެގޮތުން މިހާރު ކުރިއަށްދަނީ ފުރާޅުގެ ބީމްތަކުގެ މަސައްކަތާއި ސެލް ބްލޮކްގެ ތަނބުތަކުގެ މަސައްކަތް ކަމަށް އެ ކުންފުނިން ބުންޏެވެ.

މި މަޝްރޫއަކީ މޯލްޑިވްސް ޕޮލިސް ސާވިސްއާއެކު އެމްޓީސީސީން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ 10 ރަށެއްގައި ޕޮލިސް ޕޯސްޓު އަދި 5 ރަށެއްގައި ޕޮލިސް ސްޓޭޝަން އިމާރާތް ކުރުމަށް ވަނީ ނިންމާފައެވެ.
ޕޮލިސް ޕޯސްޓު އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 10 ރަށަކީ އދ. އޮމަދޫ، އއ. ފެރިދޫ، ބ. މާޅޮސް، ރ. ކިނޮޅަސް، ނ. ފޮއްދޫ، ހދ. ފިނޭ، ދ. ރިނބުދޫ، ރ. ފައިނު، ނ. މާފަރު އަދި ބ. ފުލިދޫއެވެ. މީގެ އިތުރުން ޕޮލިސް ސްޓޭޝަން އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ އއ. އުކުޅަސް، ދ. މީދޫ، ކ. މާފުށި، ކ. ތުލުސްދޫ އަދި ނ. މަނަދޫގައެވެ.
މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާނޫނު ތަންފީޒު ކުރުމުގެ އުމްރާނީ ވަސީލަތްތައް ހަރުދަނާވެގެންދާނެއެވެ. އަދި ރަށްރަށުގެ އިޖުތިމާއީ ރައްކާތެރިކަން އިތުރަށް ކަށަވަރުވެ، އަމާން މާހައުލެއް ގާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.











ކިޔުންތެރިންގެ ހިޔާލު