ހުސްވި ސެޕްޓެމްބަރުމަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވް 15 އިންސައްތަ ދަށަށް ގޮސްފައިވާކަމަށް އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެމްއެމްއޭއިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު ހުސްވި ސެޕްޓެމްބަރުމަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 547 މިލިއަން ޑޮލަރުގައެވެ. މިއީ އޭގެ ކުރީ އޮގަސްޓްމަހާ އަޅާބަލާއިރު، 96.9 މިލިއަން ޑޮލަރުެގ ދަށްވުމެކެވެ. އޮގަސްޓްމަހު ރަސްމީ ރިޒާވް ހުރީ 643.9 މިލިއަން ޑޮލަރުގައެވެ.
މި މުއްދަތުގައި ބޭނުންކުރެވޭ ރިޒާވް ވެސް ވަނީ 200.6 މިލިއަން ޑޮލަރުން 169.8 މިލިއަން ޑޮލަރަށް ވެއްޓިފައެވެ. މިއީ 15.4 އިންސައްތައިގެ ދަށްވުމެކެވެ.

ރިޒާވް ދަށްވާން މެދުވެރިވި މައިގަނޑު ސަބަބަކީ، ސެޕްޓެމްބަރު މަހު ލިބުނު ބޭރު ފައިސާއަށް ވުރެ އެ އޮތޯރިޓީން ދޫކުރި ބޭރު ފައިސާގެ މިންވަރު އިތުރުވުމެވެ. އެގޮތުން، އޮގަސްޓު މަހާ އަޅައިބަލާއިރު ސެޕްޓެމްބަރު މަހު ދޫކުރި ބޭރު ފައިސާގެ މިންވަރު ވަނީ 46.9 އިންސައްތަ އިތުރުވެފައެވެ.
ބޭރު ފައިސާ ދޫކުރި ނިސްބަތް ބޮޑުތަނުން އިތުރުވި މައިގަނޑު ސަބަބަކީ، 2019 ވަނަ އަހަރު ދައުލަތުގެ ބަޖެޓަށް އެހީތެރިވުމުގެ ގޮތުން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ދޫކުރި 150 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލް (ޓީ-ބިލް) ގެ ތެރެއިން ނުދެއްކި އޮތް ފަހު 50 މިލިއަން ޑޮލަރު ދައްކައި ޚަލާޞްކުރުމަށްޓަކައި، ސަރުކާރަށް ބޭނުންވާ ފައިސާ ފޯރުކޮށްދިނުމެވެ.
މީގެއިތުރުން، ބޭރު ފައިސާގެ ބާޒާރު ހަމަޖެއްސުމަށްޓަކައި ވޭތުވެދިޔަ މަސްތަކެކޭ އެއްފަދައިން، ސެޕްޓެމްބަރު މަހު ވެސް އެމްއެމްއޭއިން ވަނީ ވިޔަފާރި ބޭންކުތަކަށް ޑޮލަރު ދޫކޮށްފައެވެ











ކިޔުންތެރިންގެ ހިޔާލު