މާލޭ ގަލޮޅުގައި ހުންނަ އެޕާޓްމަންޓަކަށް ވަދެ ތޫނު ހަތިޔާރުން ބިރުދައްކައިގެން ފައިސާ ފޭރުނު މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގ. ގަސްރު، ތަލާލް މުހައްމަދު 41އ، އަދި މ. މުލި، ނައިޓްރޯސް، އަހްމަދު އުބައިދު 46އ، އެވެ. އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި ހާދިސާ ހިނގާފައިވަނީ 8 އޮކްޓޫބަރު 2026 ގައި މާލޭ ގަލޮޅުގައި ހުންނަ ގެއެއްގެ 4 ވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގައެވެ.

އެ ދެ މީހުންގެ މައްޗަށް ތުހުމަތު ކުރެވެނީ އެ އެޕާޓްމަންޓަށް ހުއްދަނޫން ގޮތުގައި ވަދެގަނެ، އެތަނުގައި ތިބި މީހުން ހިފަހައްޓައި، ތޫނު ހަތިޔާރުން ބިރުދައްކައި ގިނަ އަދަދެއްގެ ފައިސާ ފޭރިގަތް ކަމުގެ ތުހުމަތެވެ.
އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.











ކިޔުންތެރިންގެ ހިޔާލު