ބާޒާރުގައި ދައުރުވާ ފަސް ރުފިޔާގެ ނޫޓު ބާވެ ހަލާކުވެގެން އެ ނޫޓު މަދުވެފައިވާތީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާ ސްޓޮކެއް ގެނެސް މާދަމާ ދައުރުކުރަން ނިންމައިފިއެވެ.
އެމްއެމްއޭއިން ބުނި ގޮތުގައި އިޤުތިޞާދުގައި ނަގުދު ފައިސާއަށް އޮންނަ ޑިމާންޑާ އެއްވަރަށް ނޫޓު ފޯރުކޮށްދިނުމުގެ މަސައްކަތް އެ އޮތޯރިޓީން ކެނޑިނޭޅި ކުރަމުންދެއެވެ.
ފަސް ރުފިޔާގެ ނޫޓަކީ ޢާންމުންނާއި ވިޔަފާރިތަކަށް ގިނަ ޢަދަދަކަށް ދޫކުރާ ނޫޓެއް ކަމަށް ވެސް އެ އޮތޯރިޓީން ފާހަގަކޮށްފައިވެއެވެ. ބާޒާރުކުރުމުގައި ޢާންމުކޮށް ބޭނުންކުރާ ނޫޓަކަށް ވާއިރު، ބޭންކުތައް މެދުވެރިކޮށް އެމްއެމްއޭއަށް އެ ނޫޓު ޖަމާކުރާ މިންވަރު ދަށްވުމަކީ ސްޓޮކް މަދުވި މައިގަނޑު ސަބަބު ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.

މިއަދު ގެނައި ސްޓޮކަކީ ރަންދިހަފަހެއް ނޫޓު ސީރީސްގެ ފަސް ރުފިޔާ 2017 ވަނަ އަހަރު ނެރުނު ފަހުން އޭގެ އާ ސްޓޮކެއް ގެނައި ފުރަތަމަ ފަހަރު ކަމަށް އެމްއެމްއޭއިން ހާމަކޮށްފައިވެއެވެ. އާ ނޫޓުގައި ޖަހާފައިވާ ތާރީޚަކީ 31 ޖުލައި 2025، 6 ޞަފަރު 1447 ކަމަށާއި ނޫޓުގައި ސޮއިކުރައްވާފައި ވަނީ އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރު ކަމަށް ވެސް އެ އޮތޯރިޓީން ބުނެފައިވެއެވެ.
މާދަމާ ދައުރުކުރަން ފަށާ ނޫޓުގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާއިރު، މިހާރު ދައުރުވަމުންދާ ފަސް ރުފިޔާގެ ނޫޓު ވެސް ބޭނުންކުރެވޭނެ ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.











ކިޔުންތެރިންގެ ހިޔާލު