ސަސުއޯލޯ އާއި އޭސީ މިލާން ބައްދަލުކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ.
ބައިނަލްއަޤްވާމީ މެޗުތަކަށް ދިން ޗުއްޓީ ނިމި، އިޓާލީގެ ސެރީ އާ ފެށިގެން އައިސްފައިވާއިރު، ރެގިއޯ އެމިލިއާގެ މާޕެއި ސްޓޭޑިއަމްގައި އިއްޔެ ރޭ ކުޅުނު މެޗެއްގައި، ދެވަނަ ހާފުގެ ފަސް މިނެޓުގެ ތެރޭގައި ގޯލުތައް ފެނުނު ނަމަވެސް، މި އެއްވަރުވުމުން އޭސީ މިލާންއަށް ވަނީ ބޮޑު ހީނަރުކަމެއް ލިބިފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ގޯލަށް ނުރައްކާވާ މާގިނަ ހަމަލާތަކެއް ފެނިފައެއް ނުވެއެވެ. މި ހާފުގައި މިލާންގެ ކުޅުންތެރިޔާ ގަބިއާގެ ހަމްސްޓްރިންގ އަށް އަނިޔާވެ ސްޓްރެޗާގައި ދަނޑުން ބާލަން ޖެހުނުއިރު، ލޭސެންއަށްވެސް ދުޅަވެފައިވާ ކަކުލެއްގެ ސަބަބުން ދަނޑުން ފައިބަން ޖެހުނެވެ. މިލާންގެ ގޮންކާލޯ ރާމޯސްގެ މަދު ހަމަލާތަކެއް މޫރިޗް ސަލާމަތްކުރި ނަމަވެސް، މިލާންގެ ގޯލްކީޕަރު މައިނިއަންއަށް ފުރަތަމަ ހާފުގައި މާ ބޮޑު މަސައްކަތެއް ކުރާކަށް ޖެހިފައެއް ނުވެއެވެ.

ދެވަނަ ހާފު ފެށުމަށްފަހު، ދެ ކޯޗުން ކުޅުންތެރިން ބަދަލުކުރުމުން މެޗަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އައެވެ. އޭސީ މިލާންއިން މެޗުގެ ލީޑު ނެގީ ރަބިއޯޓް ފޮނުވާލި ހިތްގައިމު ހަމަލާއަކުންނެވެ. މޮޑްރިޗް ދިން އެސިސްޓަކުން އޭނާ ފޮނުވާލި ބާރު ހަމަލާ މޫރިޗްއަށް ހުއްޓުވައެއް ނުލެވުނެވެ. ނަމަވެސް މި ގޯލުގެ ޒިންމާ މޫރިޗްގެ ބޮލުގައި އެޅުނެވެ. މިލާންގެ ލީޑު ދިގުދެމިގެން ދިޔައީ އެންމެ ފަސް މިނެޓަށެވެ. ބަދަލު ކުޅުންތެރިންގެ ގޮތުގައި ބޯވީ އާއި ތޯސްޓްވެޑް ކުޅެންއެރި ހިސާބުން ސަސުއޯލޯގެ އެޓޭކްތައް ވަރުގަދަވެ، މިލާންގެ ޑިފެންސަށް ބުރޫއެރުވިއެވެ. މައިނިއަން ވަނީ މި ދެ ބަދަލު ކުޅުންތެރިންގެ ދެ ހަމަލާ މޮޅަށް ދިފާއުކޮށްފައެވެ. ނަމަވެސް ކޯނަރަކުން އައި ބޯޅައެއް ބޭނުންކޮށްގެން އޮޑެންތާލް ގޯލުގެ ތެރެއިން ފޮނުވާލި ހަމަލާ ހުއްޓުވުމަށް އޭނާއަށް އެއްވެސް ކަމެއް ނުކުރެވުނެވެ.
ގޯލު އެއްވަރުވުމަށްފަހު، މޫރިޗް އާއި މައިނިއަން އިތުރު ހަމަލާތައް ދިފާއުކުރި ނަމަވެސް، މެޗުގެ ސްޕީޑް ދަށްވެ، ދެ ޓީމަށްވެސް އިތުރު ގޯލެއް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ. މެޗު އެއްވަރުވުމަކީ ދެ ޓީމަށްވެސް އިންސާފުވެރި ނަތީޖާއެކެވެ. ނަމަވެސް، މިލާންއަށްވުރެ ބޮޑަށް މި ނަތީޖާއިން ހިތްހަމަޖެހިފައިވަނީ މެޗުގެ އަމިއްލަ ދަނޑުގެ ޓީމު ކަމަށްވާ ސަސުއޯލޯއެވެ.
މި އެއްވަރުވުމާއެކު އޭސީ މިލާންއަށް ލިބުނު އެއް ޕޮއިންޓާއެކު، އިންޓަ މިލާން އާއި ލާޒިއޯ ވަނީ އެޓީމަށްވުރެ ހަތަރު ޕޮއިންޓުގެ ކުރި ހޯދާފައެވެ. މިއަދު މެންދުރު ކޯމޯއާ އެއްވަރުވި ރޯމާ އާ އެއް ޕޮއިންޓަށް ވާސިލުވުމަށްވެސް މިލާންއަށް މި މެޗުން ފުރުސަތު ގެއްލުނެވެ.











ކިޔުންތެރިންގެ ހިޔާލު