އަންހެންކުދިން ބާރުވެރިކުރުވުމަކީ ފާގަތި މުސްތަޤްބަލަކަށް ކުރެވޭ އިންވެސްޓްމަންޓެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ އަންހެންކުދިންގެ ދުވަހާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައި ރައީސް ވިދާޅުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ އަންހެންކުދިންގެ ޙައްޤުތައް ހިމާޔަތްކުރުމުގައި ބައިނަލްއަޤްވާމީ މުޖުތަމަޢާއެކު ދިވެހިރާއްޖެ އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށެވެ.
ރައީސްގެ މެސެޖުގައި، އަންހެންކުދިންނާއި ޒުވާން އަންހެނުންގެ ޤާބިލުކަން އެންމެ ފުރިހަމައަށް ބޭނުންހިފުމަށް މަގުފަހިކޮށްދިނުމަށާއި، ކުރިމަގުގެ ލީޑަރުންގެ ގޮތުގައި އެކުދިން ބިނާކުރުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި ރައްކާތެރި، އެހީތެރިކަން ލިބޭ މާހައުލެއްގައި ޤައުމީ ތަރައްޤީއަށް މާނަހުރި ގޮތެއްގައި ޙިއްޞާވުމުގެ ފުރުޞަތު އެކުދިންނަށް ފަހިކޮށްދިނުމަށް ސަރުކާރުން ސިޔާސަތުތައް އެކަށައަޅައި، ފުރުޞަތުތައް ތަނަވަސްކޮށްދިނުމަށް އިސްކަންދޭނެ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، މި ލަނޑުދަނޑިތައް ޙާޞިލުކުރުމަށްޓަކައި މުޅި މުޖުތަމަޢުގެ އެއްބާރުލުން ބޭނުންވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މިކަން ފެށެންވާނީ އާއިލާތަކާއި މުޖުތަމަޢުތަކުގެ ތެރެއިން ކަމަށާއި، ގުޅުންހުރި އެންމެހާ ފަރާތްތަކުގެ ބައިވެރިވުން މިކަމުގައި މުހިންމު ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން ވިދާޅުވީ، މިއަދު އަޅުގަނޑުމެންގެ އަންހެން ދަރިންނަށްޓަކައި ކުރެވޭ އިންވެސްޓްމަންޓަކީ، އެންމެންނަށް ހަމަހަމަ، ޝާމިލު އަދި ފާގަތި މުސްތަޤްބަލެއް ބިނާކުރުމަށްޓަކައި މުޅި މުޖުތަމަޢަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް ކަމަށެވެ.
ބައިނަލްއަޤްވާމީ ގޮތުން އަންހެން ކުދިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރ މަހުގެ 11ވަނަ ދުވަހެވެ. މިއަހަރުގެ މި ދުވަހުގެ ޝިއާރަކީ “އެންޑިން ޗައިލްޑް މެރޭޖް އެންޑް އިންވެސްޓިން އިން ގާލްސް ރައިޓްސް” އެވެ.










ކިޔުންތެރިންގެ ހިޔާލު