“އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޕަރސަންސް ވިތު ޑިސްއެބިލިޓީސް” ގައި ރާއްޖެއިން ބައިވެރިވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި މައްސަލަ، ދިރާސާކުރުމަށްޓަކައި މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ފޮނުވައިފިއެވެ.
މި ޕްރޮޓޮކޯލްގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ފެންނަކަމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ.
“އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޕަރސަންސް ވިތު ޑިސްއެބިލިޓީ” އަކީ 5 އެޕްރީލު 2010 ގައި ދިވެހިރާއްޖެއިން ތަސްދީގުކޮށްފައިވާ ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޕަރސަންސް ވިތު ޑިސްއެބިލިޓީސް މުއާހަދާއިން ހާއްސަ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް ރައްކާތެރިކޮށްދޭ ހައްގުތަކާ ގުޅޭ ކަންކަން، އިތުރަށް ހަރުދަނާކޮށް، އެ މުއާހަދާ ފުރިހަމައަށް ތަންފީޒުކުރުމުގައި ބައިނަލްއަގުވާމީ ފެންވަރުގައި މެންބަރު ގައުމުތައް ޒިންމާދާރުކުރެވޭނެ ނިޒާމެއް އެކަށައެޅުމުގެ މަގުސަދުގައި އެކުލަވާލާފައިވާ ޕްރޮޓޮކޯލެކެވެ.

މި ޕްރޮޓޮކޯލަކީ މި މުޢާހަދާ ތަސްދީގުކޮށްފައިވާ ގައުމުތަކުން އެބައެއްގެ އަމިއްލަ އިހުތިޔާރުގައި ބައިވެރިވާ ޕްރޮޓޮކޯލެކެވެ. ދިވެހިރާއްޖެއިން 5 އެޕްރީލު 2010ގައި މި މުއާހަދާ ތަސްދީގުކުރިނަމަވެސް، ދިވެހިރާއްޖެއިން އޮޕްޝަނަލް ޕްރޮޓޮކޯލްގައި ބައިވެރިވެފައެއް ނުވެއެވެ. އިންސާނީ ހައްގުތަކާ ގުޅޭ ބައިނަލްއަގުވާމީ އެކި ނިޒާމުތަކުގެ ދަށުން ދިވެހިރާއްޖެ ރިވިއު ކުރުމުގެ ތެރޭގައި، މި އޮޕްޝަނަލް ޕްރޮޓޮކޯލް ވީ އެންމެ އަވަހަކަށް ތަސްދީގުކުރުމަށް މީގެ ކުރިން ވަނީ ގިނަ ރިކޮމެންޑޭޝަންތަކެއް ލިބިފައެވެ.
އޮޕްޝަނަލް ޕްރޮޓޮކޯލްގައި، ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޕަރސަންސް ވިތް ޑިސްއެބިލިޓީސް މުއާހަދާ ތަންފީޒުކުރުން ހަރުދަނާކުރުމަށް މުހިންމު ދެ ނިޒާމެއް ކަނޑައަޅާފައިވެއެވެ. މި ޕްރޮޓޮކޯލްގެ ފުރަތަމަ ނިޒާމަކީ ވަކިވަކި ފަރުދުން ނުވަތަ ބައެއްގެ ހައްގެއް ގެއްލިއްޖެ ނުވަތަ ނިގުޅައިގަނެވިއްޖެ ހާލަތެއްގައި، އެގައުމަކުން ދާހިލީގޮތުން ލިބިދޭ ފަރުވާތަކުގެ އިޖުރާއަތުތަކާއި ގާނޫނީ މަރުހަލާތައް ފުރިހަމަކޮށް ނިމިފައިވާނަމަ، އެކަމާގުޅޭ ޝަކުވާ (އިންޑިވިޖުއަލް ކޮމިއުނިކޭޝަންސް) އދ. ގެ ކޮމިޓީއަށް ހުށަހެޅުމާގުޅޭ ނިޒާމެކެވެ. މި ޕްރޮޓޮކޯލްގެ ދެވަނަ ނިޒާމަކީ އިންކުއަރީ ނިޒާމެކެވެ. މި ނިޒާމުގެ ދަށުން، މެންބަރު ގައުމެއް މި މުއާހަދާގައި ބަޔާންކުރާ ހައްގަކަށް ނިޒާމީ ސިފައެއްގައި އަދި ބޮޑު މިންވަރަކަށް އަރައިގެންފައިވާ ކަމަށް އިތުބާރުހުރި ގޮތެއްގައި ތުހުމަތު ކުރެވިއްޖެނަމަ، އެ ތުހުމަތަކާ ގުޅިގެން އިންކުއަރީއެއް ހިންގުމުގެ ބާރު އދ. ގެ ކޮމިޓީއަށް ލިބިދެއެވެ.










ކިޔުންތެރިންގެ ހިޔާލު