ވިޔަފާރިވެރިޔާ އަދި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު، މާލެ އަތޮޅުގެ ފަޅެއް ކަމަށްވާ މާދޫ ފަޅުގައި އެމެރަލްޑް ލެގޫން ރިސޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުއިން ތިމާވެއްޓަށް ކޮށްފާނެ އަސަރު ވަޒަންކުރުމުގެ ގޮތުން ތައްޔާރުކުރެވިފައިވާ އީ.އައި.އޭ ރިޕޯޓަށް ޚިޔާލު ހުށައެޅުމަށް އެންވަޔަރަމަންޓް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރްއޭ)އިން ހުޅުވާލައިފިއެވެ.
މި މަޝްރޫޢު ހިންގުމަށް ހަމަޖެހިފައިވަނީ މާލެ އަތޮޅު "އެމެރަލްޑް ލެގޫން ރިސޯޓް" ގެ ގޮތުގައި ހިއްކާފައިވާ ރަށުގައެވެ. މި ސަރަޙައްދު ތަރައްޤީކުރުމަށް މާރިޗު 2016 ގައި އީ.އައި.އޭ ހުއްދަ ދެވިފައިވާއިރު، އޭގެ ފަހުން ގެނެވުނު އިޞްލާޙުތަކާއެކު މޭ 2023 ގައި ވަނީ މާސްޓަރ ޕްލޭން ފާސްކޮށްފައެވެ.
މިހާރު ހުށަހެޅިފައިވާ އިޞްލާޙުތަކަކީ 13އޯގަސްޓް 2026 ގައި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަނުން ފާސްކޮށްފައިވާ، 3 ވަނަ އަދި 4 ވަނަ ރަށަށް ގެނެވޭ ބަދަލުތަކެއް ކަމަށް އީއާރްއޭއިން ވިދާޅުވެއެވެ.
މީގެ ތެރޭގައި ފަތުރުވެރިން ތިބޭނެ ތަންތަނާއި، ޚިދުމަތްތައް ދޭނެ އިމާރާތްތަކާއި، ފާލަންތަކާއި، ބަނދަރުގެ ވަސީލަތްތަކުގެ އިތުރުން، ބޭނުންވާ އެހެނިހެން އިންފްރާސްޓްރަކްޗަރ ހިމެނޭ ކަމަށާއި، އީ.އައި.އޭ ރިޕޯޓަކީ މި ބަދަލުތަކާ ގުޅިގެން ތިމާވެށީގެ ގޮތުން ހޯދަންޖެހޭ ހުއްދަތައް ހޯދުމަށް ތައްޔާރުކުރެވިފައިވާ ރިޕޯޓެއް ކަމަށް އީއާރްއޭއިން ވިދާޅުވެއެވެ.
މި މަޝްރޫޢުގެ ދަށުން 415 ކޮޓަރިއާއި 830 އެނދު ތަރައްޤީކުރެވޭނެއެވެ. މި މަޝްރޫޢު ހިންގާ ބިމުގެ ޖުމްލަ ބޮޑުމިނަކީ ގާތްގަނޑަކަށް 337,580 އަކަމީޓަރެވެ. އަދި އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ 88,366.37 އަކަމީޓަރުގެ
ސަރަޙައްދެއްގައެވެ.
އީއައިއޭ ރިޕޯޓަށް ހިޔާލު ހުށައެޅުމަށް 2 އޮކްޓޯބަރު 2026ގެ ކުރިން [email protected] އަށް މެއިލް ކުރުމަށް އީއާރްއޭއިން އެދެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.