ޖަލުތަކުގެ ތާށިކަން ނައްތާލުމަށް އަދިވެސް 300 އަށް ވުރެ ގިނަ ޖާގަ ބޭނުންވާކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ހިންގި “އިންޑަކްޝަން ޓްރޭނިންގ ޕްރޮގްރާމް”ގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޒަރީރު ވަނީ ޖަލުތަކުގައި ޖާގަ އިތުރުކުރަމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން 400 އެއްހާ ޖާގަ އިތުރުކުރެވިފައިވާ ކަމަށާއި އަދި ކައިރި މުސްތަގުބަލެއްގައި 300 އަށް ވުރެ ގިނަ ޖާގަ އިތުރު ނުކުރެއްވިއްޖެނަމަ ދަތިތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ވިދާޅުވެފައެވެ.
އޮފިސަރުންގެ ދަތިކަން ހައްލުކުރުމަށް ދަސްވެނިވި 10 ކުދިންގެ އިތުރުން މިހާރުވެސް މާފުށީ ޖަލުގައި އޮފިސަރުންތަކެއް ތަމްރީން ހާސިލުކުރަމުންދާކަން ސީޕީ ފާހަގަކުރެއްވިއެވެ.

އަދި ޕްރިޒަން އޮފިސަރުންގެ ހިތްވަރާއި ހީވާގި މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ސީޕީ ފާހަގަކުރެއްވީ ކަރެކްޝަންސްގެ އޮފިސަރުން ސިފައިން އަދި ފުލުހުން ފަދައިން ގައުމަށްޓަކައި ހިދުމަތްކޮށް ފުރާނައިން ގުރުބާންވާނެ ކަމަށް ހުވާކޮށްގެން ތިބޭ ބައެއް ކަމަށާއި، ޒަމާނީ ވަސީލަތްތައް މަދުނަމަވެސް ޖަލަށް ވެއްދުން މަނާތަކެތި ޖަލަށް ވެއްދުން ހުއްޓުވުމަށް މަސައްކަތްކުރާކަމަށެވެ.
އަދި އޮފިސަރުންނާއި މުވައްޒަފުންގެ ތެދުވެރިކަމާއި ނަޒާހަތްތެރިކަން ދެމެހެއްޓުމަށް ނަސޭހަތްތެރިވެލައްވަމުން، އޮފިސަރުންނާއި މުވައްޒަފުންގެ ހިވާގި އަދި ބުރަ މަސައްކަތްތަކަށް ސީޕީ ވަނީ ޝުކުރުދަންނަވާފައެވެ.
މީގެ އިތުރުން ޕްރިޒަން އޮފިސަރުންނާއި ސިވިލް މުވައްޒަފުން ކުރައްވަމުންދެންދަވަނީ ވަރަށް މުހިންމު އަދި ބުރަ ގައުމީ ވާޖިބެއް ކަމަށާއި 55 އަހަރުވީ މި ހިދުމަތަކަށް، 2013ގައި ގާނޫނު ވުޖޫދުވެގެން ސިވިލް ސަރވިސްއިން ވަކި ހިދުމަތަކަށް ބަދަލުވެގެން ގޮސް ތަރައްގީ ވެފައިވީ ނަމަވެސް، ކަރެކްޝަންސްގެ މަސައްކަތްތައް އެންމެ ބޭނުންވާވަރަށް ޒަމާނީ ވެފައިނުވާ ކަމަށް ޒަރީރު ވިދާޅުވިއެވެ.
އޮފިސަރުން ތަމްރީނުކުރަމަށާއި ގައިދީން އިސްލާހުކުރުމަށް އައިކޯސްޓުން ކުރަމުންދާ ބުރަ މަސައްކަތްތައް ފާހަގަކުރައްވަމުން ސީޕީ ވިދާޅުވީ، މިހާރުވެސް 200 އެއްހާ އޮފިސަރުންނާއި މުވައްޒަފުން ޑިޕްލޮމާ އިން ކަރެކްޝަނަލް މެނޭޖްމަންޓް ކިޔަވަމުންދާ ކަމަށެވެ.
އަދި ދޫނިދޫ ޖަލާއި މާލޭ ޖަލު ބަންދުކުރުމަށްފަހު، އެ ގެއްލުނު ގޮޅިތަކުގެ ޖާގަތަކަށް ހައްލެއް ނުހޯދެނީސް ޖަލުތަކަށް ބަންދުކުރުމަށް 520 އަށް ވުރެއް ގިނަ މީހުން ވައްދަން ޖެހުމުން، ޖަލުތަކުގެ ޖާގައިގެ ދަތިކަމުގެ އިތުރުން ގާނުނުގައި ލާޒިމްކުރާ ރޭޝިއޯއަށްވުރެއް އޮފިސަރުން މަދުވެ، ތިބި އޮފިސަރުންނަށް ލޯޑު ބޮޑުވެގެންދޭ،” ސީޕީ ވިދާޅުވިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ކޮންފަރަންސް ހޯލްގައި ބޭއްވި “އިންޑަކްޝަން ޓްރޭނިންގ ޕްރޮގްރާމް”ގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރ ޖެނެރަލް ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ފަސީޙުއެވެ.










ކިޔުންތެރިންގެ ހިޔާލު