ބޭރުފައިސާގެ މުޅިން އައު ޤާނޫނެއް ތަޢާރަފް ކުރީ އެތައް ޒަމާނެއްވީ ޤާނޫނަކަށް ޒަމާނީ ބަދަލުތަކެއް ގެނައުމަށެވެ. މީގެ ކުރީން 80 ގެ ކުރީ ކޮޅު ހެދި ޤަވާއިދަކަށް ޢަމަލުކުރަމުން އަންނަތާ އެތަކެއް އަހަރެއްފަހުން ޒަމާނީ ޤާނޫނެއް ފަރުމާކުރެވި ނިޒާމު ހިންގުމަށް ބޮޑު ބަދަލެއް ވަނީ ގެނެސްފައެވެ. އަދި މިހާރު ޤާނޫނަށް މުހިންމު ބަދަލުތަކެއް ގެނެސް ޢަމަލުކުރަންވެސް ވަނީ ފަށާފައެވެ.
ބޭރުފައިސާއާއި ބެހޭ އައު ޤާނޫނާއެކު އައި އެންމެ ބޮޑު ބަދަލަކީ ރާއްޖޭގެ މާލީ ނިޒާމުގެ ތެރޭގައި ބޭރުފައިސާ ދައުރުވާ މިންވަރު އިތުރުކޮށް ފުރަތަމަ ފަހަރަށް ބޭންކިން ނިޒާމަށް މާރުކުރުން މަޖުބޫރުވުމެވެ. ރާއްޖެއަށް އާމްދަނީ ވަންނަ ފަތުރުވެރިކަމުގެ ސިނާޢަތުގެ ބޮޑުބައެއް މާލީ ނިޒާމުން ބެރުގައި ދައުރުވާ މައްސަލަ ހައްލުކުރުމަށް އެޅުނު ފިޔަވަޅާއެކު ހެޔޮ ބަދަލުތަކެއްވެސް ވަނީ ފެނިގެންގޮސްފައެވެ.
އެ ޤާނޫނަށް ގެނައި ފުރަތަމަ އިސްލާހާއެކު ރިސޓޫތަކުން ބޭރުފައިސާ ނުވަތަ ޑޮލަރު މާރު ކުރަން ޖެހޭ މިންވަރު ވަނީ 40 އިންސައްތައަށް އިތުރުކޮށްފައެވެ. އެންމެ ބޮޑު ބަދަލެއް އަންނީ، ކޮންމެ ތިން މަހަކުން މާރުކުރަން ޖެހޭ ގޮތަށް އޮތް އޮތުން ބަދަލުވެ ކޮންމެ މަހަކުވެސް މާރުކުރަން ޖެހުމެވެ. އެގޮތުން ފުރަތަމަ ޑެޑްލައިން އަންނަ މަހު 28 އަށް ހަމަވާނެއެވެ.

މި މުޢާމަލާތް ހިންގާނެ ގޮތް އެންމެ އާދައިގެ ގޮތަކަށް ބުނާނަމަ، ސެޕްޓެމްބަރ މަހު ރިސޯޓަށް ލިބުނު ބޭރުފައިސާ ޖުމްލަ އާމްދަނީީގެ 40 އިންސައްތަ ބޭންކިން ނިޒާމުގެ ތެރެއިން މާރުކުރަންޖެހޭނެއެވެ. މި ފައިސާ މާރުކުރުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ އޮކްޓޯބަރ މަހުގެ 28 ވަނަ ދުވަހެއެވެ. މިގޮތަށް ދެމެހެއްޓެނިވި ގޮތަކަށް މުޢަމަލާތް ކުރިއަށް ގެންދާނަމަ، ކޮންމެ މަހެއްގެ 28ގެ ކުރިން އޭގެ ކުރީ މަހުގެ އާމްދަނީ 40 އިންސައްތަ ބޭންކިން ނިޒާމުގެ ތެރެއިން މާރުކުރަން ޖެހެއެވެ.
މި އިސްލާހުގެ ސަސަބުން ގެސްޓް ހައުސްތަކުން މާރުކުރަމުން އައި މިންވަރަށް ނުވަތަ ބީ ކެޓަގަރީ ހިމެނޭ ވިޔަފާރިތަކުން މާރުކުރަން ޖެހޭ މިންވަރަކަށް ބަދަލެއް ނާދައެވެ. އެ ފަރާތްތަކުން މާރުކުރަން ޖެހެނީ ފަތުރުވެރިއަކަށް ބޮަލަށް 25 ޑޮލަރު ނުވަތަ ލިބޭ އާމްދަނީ 20 އިންސައްތައެވެ.
ނަމަވެސް ފަތުރުވެރިކަން ނޫން ސިނާޢަތްތަކުގައި ހަރަކާތްތެރިވާ ބޭރުފައިސާ ވިޔަފާރިތަކަށް ނުވަތަ ސީ ކެޓަގަރީ މި ފުރަތަމަ އިސްލާހުން ބަދަލުތަކެއް ވަނީ އައިސްފައެވެ. އެފަރާތްތަކުން މިހާރު މާރުކުރަން ޖެހެނީ 40 އިންސައްތައެވެ. ނަމަވެސް، އެ ވިޔަފާރިތަކަކީ 100 އިންސައްތަ ދިވެހީން ހިއްސާވާ ވިޔަފާރިތަކެއް ނަމަ އެ ތަންތަނުން މާރުކުރަންޖެހޭ އަދަދަކީ 7 އިންސައްތައެވެ. އެހެން ކަމުން ދިވެހި ވިޔަފާރިއެއް ނަމަ ލުއިތަކެއްވެސް ޤާނޫނުން ވަނީ ފަހިކޮށްދީފައެވެ. އެންމެ ފަހުން ގެނެވުނު އިސްލާހާއެކު މި ކެޓަގަރީ ވިޔަފާރިތަކުން ބޭރުފައިސާ މާރުކުރަން ޖެހޭނީ އާމްދަނީގެ ގޮތުގައި 25 މިލިޔަން ޑޮލަރު ލިބޭ ނަމައެވެ.
އެހެން ކެޓަގަރީތަކުގެ ވިޔަފާރިތަކަށްވެސް މާލީ އިލްތިޒާމުތަކަށް ރިއާޔަތްކޮށް އެމްއެމްއޭ މެދުވެރިކޮށް ލުއި ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިގޮތުން ބޭރު ފައިސައިން އާމްދަނީ ލިބޭ ވިޔަފާރިއަކުން ގަންނަ މުދަލާއި ހޯދާ ޚިދުމަތުގެ އަގު، ބޭރު ފައިސާއިން އަދާކުރުމަށް އެ ވިޔަފާރިއަކުން ބޭނުންވާނަމަ ބޭރު ފައިސާއިން އަގު އަދާކުރުމުގައި އެމްއެމްއޭގެ ހުއްދައަށް އެދެންވާނެ ކަމަށް ބަޔާންކޮށްފައިއެވެ.
ޤާނޫނުގެ ތެރެއިން ދެ ކަމެއް ހާސިލްކުރެއެވެ. އެއް ކަމަކީ ބޭރުފައިސާ އާމްދަނީ ލިބޭ ފަރާތްތަކުން އެ ފައިސާ ދިވެހިރާއްޖޭގައި ޤާއިމްކޮށްފައިވާ ބޭންކު އެކައުންޓަކަށް ޖަމާކުރުމެވެ. ދެވަނަ ކަމަކީ ބޭރުފައިސާ ލިބޭ ވިޔަފާރިތަކުން ބޭރުފައިސާގެ ކަނޑައެޅިފައިވާ އިންސައްތައަށް މާރުކުރުމެވެ. މި ގާނޫނުގެ ދަށުން ބޭންކު އެކައުންޓްތަކަށް ފައިސާ ޖަމާކުރާ ފަރާތްތަކުން ފައިސާ ޖަމާކުރަންވާނީ، އެމްއެމްއޭ އިން ލައިސަންސް ލިބިގެން ހިންގާ ބޭންކެއްގައި ހުޅުވާފައިވާ ބޭރު ފައިސާގެ އެކައުންޓަކަށެވެ. އަދި އެ އެކައުންޓުގެ މައުލޫމާތު އެމްއެމްއޭއިން ކަނޑައަޅާ ގޮތެއްގެ މަތީން އެ އެތޯރިޓީއަށް ދޭންވާނެ ކަމަށް އެންމެ ފަހުން ޤާނޫނަށް ގެނެވުނު އިސްލާހުގައި ހިމަނާފައިވެއެވެ.
މި ބަދަލުތަކާއެކު ޤާނޫނު ތަންފީޒުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، މިފަދަ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ޖެހުނީ ސަބަބަށްވެސް އަލިއަޅުވާލަން ޖެހެއެވެ. ރާއްޖެއަށް ކުރިމަތިވެފައިވާ ބެރުފައިސާގެ ތާށި ކަމާއެކު މާލީ ނިޒާމުގެ ތެރޭގައި އެކަށީގެންވާ މިންވަރަށް ބޭރުފައިސާ ދައުރު ނުކުރެއެވެ. ބޮޑު އަދަދު ދަރަނި އަދާކުރަމުންދައިރު ދެ ހަނގުރާމައެއް އެއްފަހަރާ ހިންގަމުން ދިއުމާއެކު މުދާ އުފުލުމުގެ އަގުވެސް އިންތިހާއަށް ވަނީ އިތުރުވެފައެވެ. މިކަންކަމާއެކު ރާއްޖޭގެ ރިޒާވް ހަރަދަނާ ކުރުމަކީ ސަރުކާރުން އަދި މަރުކަޒީން ބޭންކުންވެސް ކަށަވަރު ކުރަންޖެހޭ ކަމެކެވެ. އެއީ އަސާސީ މުދާ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް އެތެރެކުރަނީ ރިޒާވުގެ ބޭނުން ކޮށްގެން ކަމަށް ވުމުންނެވެ. އުނދަގޫވެދާނެ ބަދަލުތަކެއްހެން ހީވިއަސް ކޮންމެހެން ނިޒާމީ ގޮތުން ގެންނަޖެހޭ އިސްލާޙުތައް ދަނީ ނިޒާމަށް ގެންނަމުންނެވެ.










ކިޔުންތެރިންގެ ހިޔާލު