މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކުރިއަށްގެންދާ އިންޓާންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަށް އޯލެވެލް އަދި އޭލެވެލް ނިންމާފައިވާ 400 އަށްވުރެ ގިނަ ފަރާތުން ރަޖިސްޓްރީވެއްޖެއެވެ.
އެ އިދާރާއިން ބުނި ގޮތުގައި މި ކެޓަގަރީން ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ އިންޓަވިއުތައް މިއަދު ކުރިއަށްގެންގޮސްފައިވެއެވެ.
މި އިންޓާންޝިޕް ޕްރޮގްރާމުގެ ދަށުން އެމްއެމްއޭގެ ތަފާތު ދާއިރާތަކުން ތަޖުރިބާ ހޯދުމުގެ ފުރުސަތު ބައިވެރިންނަށް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި އިކޮނޮމިކްސް، އައިޓީ، ފިންޓެކް، ބޭންކިން، ލީގަލް، މީޑިއާ، އަދި އެޗްއާރު ފަދަ މުހިންމު ދާއިރާތައް ހިމެނޭ ކަމަށް އެ އިދާރާއިން ބުންޏެވެ.

މިއީ މަރުކަޒީ ބޭންކުގެ މަސައްކަތްތަކާއި މާލީ ދާއިރާގެ ތަޖުރިބާ ހޯދުމަށް ބޭނުންވާ ފަރާތްތަކަށް ހުޅުވާލާފައިވާ ރަނގަޅު ފުރުސަތެކެވެ. މި ޕްރޮގްރާމުގައި އޯލެވެލް ނުވަތަ އޭލެވެލް ފުރިހަމަކޮށްފައިވާ ފަރާތްތަކުން ފެށިގެން މާސްޓާޒް ޑިގްރީ ހާސިލްކޮށްފައިވާ ފަރާތްތަކާ ހަމައަށް ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށް އެމްއެމްއޭއިން މީގެ ކުރިން މައުލޫމާތުދެއްވިއެވެ.
މި ޕްރޮގްރާމަށް ހޮވޭ ފަރާތްތަކަށް، އެ ފަރާތެއްގެ ތައުލީމީ ފެންވަރަށް ބަލައި މަހު އުޖޫރައެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އޯލެވެލް ނުވަތަ އޭލެވެލް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް މަހަކު 8,000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު، ޑިގްރީ ފުރިހަމަކޮށްފައިވާ ފަރާތްތަކަށް 9,000 ރުފިޔާ އަދި މާސްޓާޒް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް މަހަކު 10,000 ރުފިޔާގެ އުޖޫރައެއް ދިނުމަށް ވަނީ ނިންމާފައެވެ.










ކިޔުންތެރިންގެ ހިޔާލު