ޕްރޮސެކިއުޓަރުން ތަމްރީނުކުރުމާއި ގުޅިގެން ދިރާސާތައް ކުރުމަށްޓަކައި ދިވެހިރާއްޖޭގެ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރޭޓާ ދެމެދު މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
ޗައިނާގެ ވެރިރަށް ބެއިޖިންގައި ހުންނަ އެސްޕީޕީގެ މައި އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފެވެ. ޗައިނާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ޕްރޮސެކިއުޓާ ޖެނެރަލް ޔިންގް ޔޮންގް އެވެ.
އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ދެ ގައުމުގެ ޕްރޮސެކިއުޓާ ޖެނެރަލުން ވަނީ ރަސްމީ މަޝްވަރާތަކެއް ބާއްވަވާފައެވެ. މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލެއްވީ ޕްރޮސެކިއުޝަންގެ ދާއިރާ ޑިޖިޓަލްކުރުމަށާއި، ޖިނާއީ އަދުލުގެ ނިޒާމުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުންނެވެ. އަދި ދެ އޮފީހުގެ ދެމެދުގައި އޮތް ގާތް ގުޅުން ފާހަގަކުރައްވައި ކުރިއަށް އޮތް ތަނުގައި އެއްބާރުލުން އިތުރުކުރެވިދާނެ ދާއިރާތަކާ މެދު ވެސް ވާހަކަދެއްކެވިއެވެ.

މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން، ދެ ގައުމުގެ ދެމެދުގައި ޕްރޮފެޝަނަލް ތަމްރީނުތައް ދިނުމަށާއި ގުޅިގެން ދިރާސާތައް ކުރުމަށް ޕްރޮސެކިއުޓަރުން ފޮނުވުމުގެ އޮނިގަނޑެއް އެކުލަވާލާނެއެވެ. މީގެ އިތުރުން ދެ ފަރާތުން އެއްބަސްވާ އެހެނިހެން ދާއިރާތަކުން ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ބަދަލުކުރެވޭ މައުލޫމާތުގެ ސިއްރު ހިފެހެއްޓުމާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މާއްދާތައް ވެސް މި އެއްބަސްވުމުގައި ހިމެނެއެވެ.
މި އެއްބަސްވުމަކީ މެއި 2017 ގައި ދެ އޮފީހުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން އާކޮށް، އޭގެ ބަދަލުގައި އެކުލަވާލި އެއްބަސްވުމެކެވެ. ބެއިޖިންގައި ކުރިއަށްދިޔަ މި މަޝްވަރާތަކުގައި ދެ ގައުމުގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލުންނާއި ދެ އޮފީހުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
ރާއްޖޭގެ ފަރާތުން މި ބައްދަލުވުމުގައި ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަހުމޫދު ސަލީމާއި އައިޝަތު މުހައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ފާހަގަކުރި ގޮތުގައި، މިއީ ދެ ގައުމުގެ ޕްރޮސެކިއުޝަން އިދާރާތަކުގެ މެދުގައި އަމަލީ ގޮތުން ގުޅުން ބަދަހިކޮށް، ފަންނީ ތަޖުރިބާއާއި މައުލޫމާތު ހިއްސާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޗައިނާއަށް ކުރައްވަމުން ގެންދަވާ މި ރަސްމީ ދަތުރުފުޅަކީ ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރޭޓްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ބެއިޖިންގެ އިތުރުން ޗައިނާގެ އެހެން ބައެއް ޕްރޮވިންސްތަކުގެ ޕްރޮސެކިއުޝަން އިދާރާތަކުގެ އިސްވެރިންނާ ވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.










ކިޔުންތެރިންގެ ހިޔާލު