ދުންފަތާމެދު ހޭލުންތެރިކަން އިތުރުކުރުމަށް ކުރާ މަސައްކަތުގައި ބައިވެރިވާ މަދަނީ ޖަމިއްޔާތަކާއި ޖަމާއަތްތަކަށް މާލީ އެހީތެރިކަން ހޯދުމަށް އެދި ހުށަހެޅޭ މުއްދަތު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިތުރުކޮށްފިއެވެ.
އެޗްޕީއޭއިން ގެޒެޓުކުރި އިއުލާނެއްގައި ބުނީ ދުންފަތާމެދު ހޭލުންތެރިކަން އިތުރުކުރުމަށް ކުރާ މަސައްކަތުގައި ބައިވެރިވާ މަދަނީ ޖަމިއްޔާތަކާއި ޖަމާއަތްތަކަށް މާލީ އެހީއަށް އެދި ހުށަހެޅުމުގެ މުއްދަތު މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާކަމަށެވެ.
އެޕްލިކޭޝަން ހުށަހެޅުމުގެ މަރުހަލާ ދެ ބަޔަކަށް ވަނީ ބަހާލާފައެވެ. ފުރަތަމަ މަރުހަލާގައި ހުށަހަޅަންޖެހެނީ “ކޮންސެޕްޓް ނޯޓް” އާއި، ޖަމްމިއްޔާގެ ރަޖިސްޓްރޭޝަން ލިޔުން އަދި އަސާސީ ގަވާއިދެވެ. ކޮންސެޕްޓް ނޯޓު ހުށަހެޅުމުގެ ސުންގަޑި ހަމަވާ ދުވަހާ ޖެހިގެން އަންނަ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އިވެލުއޭޓްކޮށް ޝޯޓްލިސްޓް ކުރާނެއެވެ.’

ދެވަނަ މަރުހަލާގައި، ޝޯޓް ލިސްޓް ކުރާ ފަރާތްތަކުން 14 ދުވަހުގެ ތެރޭގައި ތަފުސީލީ ޕްރޮޕޯސަލާއި، ބަޖެޓުގެ ތަފްސީލު އަދި މަސްލަހަތު ފުށުނާރާކަމުގެ ބަޔާން ހުށަހަޅަންޖެހޭނެއެވެ. މާލީ އެހީ ލިބޭ ފަރާތްތައް ކަނޑައަޅައި އިއުލާނުކުރާނީ ތަފްސީލު ހުށަހެޅުންތަކުގެ ސުންގަޑި ހަމަވާތާ 60 ދުވަހުގެ ތެރޭގައެވެ.
https://www.gazette.gov.mv/iulaan/411853
ދުންފަތާމެދު ހޭލުންތެރިކަން އިތުރުކުރުމަށް ކުރާ މަސައްކަތުގައި ބައިވެރިވާ މަދަނީ ޖަމިއްޔާތަކާއި ޖަމާއަތްތަކަށް މާލީ އެހީތެރިކަން ދިނުމާބެހޭ އުސޫލުގައި ބުނެފައިވަނީ މި އުސޫލުގެ ދަށުން މާލީ އެހީތެރިކަން ދިނުމުގެ މަގުސަދަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަދަނީ ޖަމުއިއްޔާތަކާއި ޖަމާއަތްތަކުގެ ތެރެއިން ދުންފަތުގެ އިސްތިއުމާލުކުރުން މަދުކުރުމަށާއި މުޖުތަމައުގެ ސިއްހީ ރައްކާތެރިކަމަށް ބާރުއަޅައި ސަރުކާރުން މި ދާއިރާގައި ކުރަމުން އަންނަ މަސައްކަތްތަކާ ފުށޫނާރާނެހެން ހަރަކާތްތައް ހިންގުމަށް އެދި ހުށަހަޅާ ފަރާތްތަކަށް މާލީ އެހީ ތެރިކަން ފޯރުކޮށްދިނުންކަމަށެވެ.
އެޗްޕީއޭއިން އާންމުކުރި އިއުލާނުގައި ވަނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދުންފަތް ކޮންޓްރޯލް ކުރުމަށާއި، ހޭލުންތެރިކަން އިތުރު ކުރުމަށް އަދި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް ހިންގާ ޕްރޮގްރާމްތަކަށް އެހީތެރިވުމުގެ ގޮތުން ކޮންމެ އަހަރަކު ތިން މިލިޔަން ރުފިޔާ ކަނޑައެޅުމަށް ނިންމާފައެވެ. މި އެހީ ދިނުމަށް ހަމަޖެހިފައިވަނީ، މަދުވެގެން 12 މަސްދުވަހުގެ ކުރިން ޖަމިއްޔާތަކުގެ ގާނޫނު ނުވަތަ ކުޅިވަރު ގާނޫނުގެ ދަށުން ރަޖިސްޓްރީވެފައިވާ ތަންތަނަށެވެ. ކޮންމެ އަހަރަކު އެކަށައެޅޭ ތިން މިލިޔަން ރުފިޔާގެ ބަޖެޓުން، ހުށަހަޅާ ކޮންމެ ޕްރޮޕޯސަލެއްގެ އިންތިޒާމީ އަދި އިދާރީ ހަރަދުތަކަށް ހޭދަކުރެވޭނެކަމަށް އުސޫލުގައި ބަޔާންކޮށްފައިވަނީ ހުށަހަޅާ މުޅި ބަޖެޓުގެ ގާތްގަނޑަކަށް 20 އިންސައްތައަށްވުރެ އިތުރުނުވާ މިންވަރެކެވެ.
މި އެހީ ދޫކުރުން ވަނީ ޖިއޮގްރަފީ އަދި މަސައްކަތުގެ ނިސްބަތަށް ބަލައި ތިން ކެޓަގަރީއަކަށް ބަހާލާފައެވެ. މި ހަރަދުތައް ކުރަން ހަމަޖެހިފައިވަނީ، ޕަބްލިކް ހެލްތު ފަންޑުންނެވެ. ފުރަތަމަ ކެޓަގަރީއަކީ، ވަކި ރަށަކަށް ނުވަތަ ވަކި މުޖުތަމައަކަށް އަމާޒުކޮށްގެން ހިންގާ މަޝްރޫއުތަކެވެ. މި ކެޓަގަރީގެ ދަށުން ހުށަހަޅާ ކޮންމެ ޕްރޮޕޯސަލަކަށް 75،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދެއްގެ އެހީ ދިނުމަށް ހަމަޖެހިފައިވާއިރު، މި ކެޓަގަރީއަށް އަހަރަކު އެންމެ ގިނަވެގެން ދޫކުރެވޭނީ ޖުމްލަ 400،000 ރުފިޔާއެވެ. ދެވަނަ ކެޓަގަރީއަކީ، މުޅި ރާއްޖެއަށް އަމާޒުކޮށްގެން އާންމުންނަށް ފައިދާހުރި ގޮތެއްގައި ހިންގާ ގައުމީ ފެންވަރުގެ ހަރަކާތްތަކެވެ. މި ކެޓަގަރީގެ ކޮންމެ ޕްރޮޕޯސަލަކަށް 100،000 ރުފިޔާއާއި 300،000 ރުފިޔާއާ ދެމެދުގެ އެހީއެއް ކަނޑައެޅިފައިވެއެވެ. މި ކެޓަގަރީގެ ޖުމްލަ ބަޖެޓަކީ 600،000 ރުފިޔާއެވެ. ތިންވަނަ ކެޓަގަރީއަކީ، އެކި ސަރަހައްދުތަކަށް ނުވަތަ ގިނަ ރަށްތަކާއި އަތޮޅުތަކަށް އަމާޒުކޮށްގެން ހިންގާ ބޮޑެތި އޮޕަރޭޝަނަލް ޕްރޮގްރާމްތަކެވެ. މި ކެޓަގަރީގެ ދަށުން ކޮންމެ މަޝްރޫއަކަށް 300،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ އެހީ ދޫކުރުމަށް ހަމަޖެހިފައިވެއެވެ. މި ކެޓަގަރީއަށް އަހަރަކު ދެ މިލިއަން ރުފިޔާއާ ހަމައަށް ހޭދަކުރެވޭނެއެވެ.
އެހީގެ ދަށުން ހިންގުމަށް ފާސްކުރާ ހުރިހާ މަޝްރޫއުތަކެއްވެސް ގިނަވެގެން 10 މަސްދުވަހުގެ މުއްދަތެއްގެ ތެރޭގައި ނިންމަން ޖެހޭނެކަމަށް ބަޔާންކޮށްފައިވާއިރު އެހީގެ ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ، މަޝްރޫއުގެ މައިގަނޑު މަރުހަލާތަކަށް ބަހާލައިގެން ތިން އިންސްޓޯލްމަންޓެއްގެ ގޮތުގައެވެ.
މި އެހީއަށް ހުށަހަޅާ ޕްރޮޕޯސަލްތައް ނޭޝަނަލް ޕަބްލިކް ހެލްތު ސްޓްރެޓަޖީތަކާއި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިޔުއެޗްއޯގެ އުސޫލުތަކާ އެއްގޮތް ވާންޖެހޭނެކަމަށް ބަޔާންކޮށްފައިވެއެވެ.
ދުންފަތާ ދުރު މުޖުތަމައެއް ބިނާކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ދިވެހިރާއްޖޭގައި ދުންފަތުން ރައްކާތެރިކުރެވިފައިވާ ޖީލެއް ބިނާކުރުމަށް ޖަނަވަރީ 1، 2007 އިން ފެށިގެން އުފަންވެފައިވާ/އުފަންވާ ހުރިހާ ކުދިން ދުންފަތުގެ ބާވަތްތައް ގަތުމާއި ވިއްކުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުން ހިމެނޭގޮތަށް “ޖެނެރޭޝަނަލް ބޭން” އެއް ގެނައުމަށް ޤާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ތަސްދީގުކުރައްވާފައެވެ. އަދި ގާނޫނަށް އިސްލާހު ގެނެސް، ވޭޕް ވިއްކުމާއި، ބޭނުންކުރުމާއި ވޭޕްއާ ގުޅުންހުރި ތަކެތި މަނާކުރީ 2024 ނޮވެމްބަރު 15 އިން ފެށިގެންނެވެ.










ކިޔުންތެރިންގެ ހިޔާލު