ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީގެ މެމްބަރުން ސިއްރު އިންގިލާބެއް ހިންގަވާ ކަމަށް ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދެއްކެވި ވާހަކަތަކަށް އެ ޕާޓީގެ މެމްބަރުން ރައްދު ދެއްވައިފިއެވެ.

ޕީއެންއެފްއިން ސިލްސިލާކޮށް ބާއްވަމުން އަންނަ ބައްދަލުވުންތަކުގެ ތެރެއިން ރޭ ބޭއްވި ބައްދަލުވުމެއްގައި ޔާމީން ވިދާޅުވީ، ކަޅުބާޒާރުގައި ޑޮލަރު މާރުކުރުން ހުއްޓުވުމަށްޓަކައި ގާނޫނަށް ގެނައި އިސްލާހުން އެންމެ ބޮޑަށް ރުޅިގަދަވެފައި ތިބީ ޕީއެންސީގެ މަޖިލީސް މެމްބަރުން ކަމަށެވެ. އެ ގާނޫނަށް ގެނައި ބަދަލުތަކާއި މެދު ހިތްހަމަ ނުޖެހޭ އެތައް ޕީއެންސީގެ މެމްބަރުންނެއް މަޖިލީހުގައި ތިބި ކަމަށް ޔާމީން ވިދާޅުވިއެވެ.

"އެންމެން ތިބީކީ އެމީހުންނާ އެކީގައެއް ނޫން. އަޅުގަނޑަށް އެބަ އެނގޭ އިނގޭތޯ ޑޮލަރު މި މާރުކުރުމާއި މިކަހަލަ ދަތިތަކުގައި އެ ތަނުގައި އެބަތިބި ބްލެކް މާކެޓް [ކަޅުބާޒާރުން] ޑޮލަރު ގަނެގެން ވިޔަފާރި ކުރާ މީހުން، އެތަނުގައި އެބަތިބި ސަފާރީ ދުއްވައިގެން ޑޮލަރު ހޯދާ މީހުން، އެމީހުން ތިބީކީ އެއްގޮތަކަށް ވެސް މުއިއްޒުއާ، މަލީހު ވިދާޅުވިހެން މުއިއްޒުއާ އެކީ ގަދަކޮށެއް ނޫން ތިބީކީ، ވަރަށް ރުޅިއައިސްފައި ތިބީ އިނގޭތޯ،" ޔާމީން ވިދާޅުވިއެވެ.

އިޝްތިހާރު އިޝްތިހާރު

ޔާމީން ވިދާޅުވީ މަޖިލީހުގައި ހިނގަނީ އިންގިލާބެއް ކަމަށެވެ.

ޔާމީންގެ ވާހަކަތަކަށް ރައްދު ދެމުން ޕީއެންސީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު، އިބްރާހިމް ފަލާހު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 20 ވަނަ މަޖިލީސް އޮތީ ސާބިތުކަމާއެކު ރައީސް މުއިއްޒުއާއެކު ވަރަށް ގަދަކޮށް ކަމަށެވެ.

"މުސްތަފާ ލާރިކޮޅެއް ބޭނުންވާއިރަށް މިކަހަލަ ބޯނުބައި ހަބަރެއް ހިފައިގެން އެދަނީ. ތިގޮރަށް ވާހަކައިން 20 ވަނަ މަޖިލީސް ރޫޅަނިކޮށް ދައުރު މިއޮތް ނިމެނީ" ފަލާހް ވިދާޅުވިއެވެ.

ޔާމީނަށް މަލާމާތް ކުރައްވަމުން ފަލާހް ވަނީ "ޔާމީން މިހާރު އެމެރިކާއިން ގެންނަވާ ބޭސް ވެސް ނުގެންނަވަންތޯ" ސުވާލު ކުރައްވާފައެވެ.

ޔާމީންގެ ވާހަކަތަކާއި ގުޅިގެން ބާރަށު ދާއިރާގެ މެމްބަރު، އިބްރާހިމް ޝުޖާއު ވިދާޅުވީ، ޔާމީން ވިދާޅުވި ފަދަ ކަމެއް މަޖިލީސް ތެރޭގައި ނުހިނގާ ކަމަށެވެ. ނަމަވެސް ކުރީގެ ރައީސް، މުހައްމަދު ނަޝީދާއި ޔާމީންގެ ސިއްރު ގުޅުމުގެ ސަބަބުން އެމްޑީޕީގެ މެމްބަރުންގެ ހިތް ނުތަނަވަސްކަން އޮތްކަން އެމީހުންގެ ވާހަކަތަކުން ހާމަވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

"ހާލަތު ބަދަލުވުމަށް ކީއްކުރަން ކުރާ އުންމީދެއްތޯ؟ ހިތްޕުޅު ގޯސްވާނެ ކަމެއްނެތް އަޅުގަނޑުމެން މިތިބީ ރައީސް މުއިއްޒާއެކު ގަދަކޮށް، ހަމަ ވަރަށް ގަދަކޮށް އިނގޭތޯ" ޝުޖާއު ވިދާޅުވިއެވެ.