ފ. ދަރަބޫދޫ ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެކު ސަރުކާރުން މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޙަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދެވެ.
މި މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 360 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މިއީ ދަރަބޫދޫގެ ގޮނޑުދޮށް ޙިމާޔަތްކޮށް، ރަށަށް ދިމާވެފައިވާ ރަކިނަމުގެ މައްސަލައަށް ޙައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން ކުރަން ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ބޮޑުހިލައިގެ 6 ގްރޮއިން ޖެހުން ހިމެނެއެވެ. މީގެއިތުރުން 635 މީޓަރުގެ ބޮޑުހިލައިގެ ލޯކްރެސްޓް ބްރޭކްވޯޓަރެއް ޖެހުމުގެ މަސައްކަތްވެސް ހިމެނެއެވެ.
އަދި 65 މީޓަރުގެ 4 ބޮޑުހިލައިގެ ލޯކްރެސްޓް ބްރޭކްވޯޓަރ ޖެހުންވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނޭ ކަމަށް އިންފްރާސްޓްރަކްޗަރ މިނިސްޓްރީން މަޢުލޫމާތު ދެއެވެ.










ކިޔުންތެރިންގެ ހިޔާލު