ލައިސަންސް ނެތި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރިކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ދިވެހި ފުލުހުން އެދިއްޖެއެވެ.
ފުލުހުން ބުނީ، އެމްއެމްއޭއިން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި ޤާނޫނާ ޚިލާފަށް ވިޔަފާރި އުޞޫލުން ބޭރު ފައިސާ މާރުކުރުމުގެ ޢަމަލުތައް ހިންގާ ފަރާތްތަކާބެހޭ މަޢުލޫމާތު، މިފަދަ މައްސަލަތައް ތަޙްޤީގު ކުރުމަށް އެލުލަވާލާފައިވާ ޓާސްކްފޯސްއާ ހިއްސާކުރެވޭނެކަމަށެވެ. ލައިސަންސް ނެތި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރިކުރާ ފަރާތްތަކާ ގުޅޭ މަޢޫލޫމާތު ހިއްސާކުރުމަށް ބޭނުންވާ ފަރާތްތަކުން ޓަސްކްފޯސްގެ އޮޕަރޭޝަން ނަންބަރު 9388733 އަށް އެސްއެމްއެސްގެ އިތުރުން ވައިބަރ، ވަޓްސްއެޕް އަދި ޓެލެގްރާމް ފަދަ މެސެޖިން އެޕްލިކޭޝަން މެދުވެރިކޮށް މަޢުލޫމާތު ހިއްސާކުރެވޭނެކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މަޢުލޫމާތު ހިއްސާކުރާ ފަރާތްތަކުގެ ވަނަވަރާއި މަޢުލޫމާތުތައް ފުރިހަމައަށް ރައްކާތެރިކޮށްދޭނެކަމަށާއި މަޢުލޫމާތުތައް ދޭފަރާތްތަކުން މައްސަލައިގެ ތަޙްޤީޤީ އެއްވެސް އިޖުރާއަތެއްގައި ބައިވެރިވާން ނުޖެހޭނެކަމަށެވެ. ރާއްޖޭގައި ބޭންކިން ނިޒާމަށް ފައިސާ ނުވަދެ، ނުވަތަ ވަންނަ ފައިސާ ބޭންކުތައް ނިޒާމުތަކުގެ ބޭރުން ކަޅު ބާޒާރުގައި މާރުކުރުމުގެ ސަބަބުން ބޭންކުތަކުން ބޭރުފައިސާ މިންވަރު ވަނީ ދަށްވެފައެވެ. މިކަމުގެ ސަބަބުން ވިޔަފާރިތަކަށް ބޭނުންވާ ބޭރުފައިސާ ކަޅު ބާޒާރުން ގަތުމުން މުދަލުގެ އަގު އުފުލިގެންދެއެވެ. އަދި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބޭރުފައިސާ ވަކި މިންވަރަކަށް ހިފެހެއްޓިގެންދެއެވެ. ސަރުކާރުގެ އަމާޒަކީ ޤާނޫނުތަކަށް ގެނެވޭ އިސްލާހުތަކާއި އެކު މިމައްސަލައަށް ހައްލުތަކެއް ގެނެވި ރައްޔިތުންނަށް ކަނޑައެޅިފައިވާ ރޭޓުގައި ބޭރުފައިސާ ލިބޭނެ ގޮތް ހަމަޖެއްސެވުމެވެ.











ކިޔުންތެރިންގެ ހިޔާލު