ބޭރު ފައިސާއާއި ބެހޭ ޤާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ރިސޯޓްތަކުގެ ޚަރަދުތަކާއި ހިންގުމަށް އެއްވެސް ދަތިކަމެއް ނާންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރިސޯޓުތަކަށް ބޭރު ފައިސާއިން ލިބޭ އާމްދަނީގެ 40 ޕަސެންޓު ބޭންކުތަކަށް ކޮންމެ މަހަކު މާރުކުރަންޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުން މިދިޔަ ބުދަ ދުވަހު ފާސްކުރި ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ތަސްދީޤްކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިކަމުގެ ތަފްސީލް ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ މި ބަދަލު ގެންނަން ނިންމީ ޢިލްމީ ފަންނީ އަދި ޤާބިލު ފަރާތްތައް މެދުވެރިކޮށް، ތަފާސް ހިސާބުތަކަށް ބަލާ، ވަރަށް ބޮޑަށް ދިރާސާކުރުމަށްފަހުގައިކަމަށެވެ.

ރައީސް ވިދާޅުވީ އާމްދަނީގެ %40 އެމްއެމްއޭއަށް މާރުކުރި ނަމަވެސް، ރިސޯޓްތަކުގެ ހިންގުމަށް އެއްވެސް ދަތިކަމެއް ނައިސް އެކަން ކުރެވޭނެކަމަށެވެ.
ސާބުތަކުން އެބަ ފެނޭ އެއްވެސް ރިސޯޓަކަށް ދަތިވާނެ ކަމެއް ނޫން. ލޯނުތައް މުސާރަ އަދި ޚަރަދު ކަނޑާފައި ޑޮލަރުން %40 ދެއްކޭނެ. މިއީ ރައްޔިތުންގެ ހެވާ ލާބައަށް ކުރާ ކަމެއް.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވަނީ މިއީ ޤައުމީ ޒިންމާއެއްގެ ގޮތުގައި ދެކިގެން މިކަމުގައި ރިސޯޓުތަކުން އެއްބާރުލުން ދިނުމަށް ގޮވާލައްވާފައެވެ. މި ފައިސާއަކީ ރައްޔިތުންނަށް މަންފާވާ ބޭނުންވާ މުހިންމު ޚިދުމަތްތައް ދިނުމަށް ބޭނުންކުރާނެ ފައިސާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިދިޔަ އަހަރު ފަރުވެރިކަމުގެ ސިނާޢަތަށް 5.6 ޑޮލަރު ލިބުނުއިރު، ރާއްޖޭގެ ބޭންކިންގ ނިޒާމުގެތެރެއަށް ވަނީ 3.8 ބިލިޔަން ޑޮލަރުކަމަށެވެ. މީގެތެރެއިން ބޭންކަށް މާރުކޮށްފައިވަނީ %21 ކަމަށެވެ. އަދި މި ޤާނޫނު އައުމުގެ ކުރިން މާރުކުރަމުންދިޔައީ %10ކަމަށް ރައީސް ވިދާޅުވިއެވެ.
އެހެންކަމުން މި ޤާނޫނުގެ ބޭނުމަކަށްވަނީ ރައްޔިތުންނަށް ޚިދުމަތްތައް ދިނުމުގައި ހެޔޮ ބަދަލެއް ގެނައުންކަމަށް ރައީސް ވިދާޅުވިއެވެ.










ކިޔުންތެރިންގެ ހިޔާލު