އިންޝުއަރެންސްއާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 2025/13) ތަންފީޛުކޮށް ހިންގުމަށްޓަކައި އެކުލަވާލަންޖެހޭ ދެ ގަވާއިދެއް ނެރެ، ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށް ޢަމަލުކުރަން ފަށައިފިއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މި ދެ ގަވާއިދު ގެޒެޓްގައި ޝާއިޢުކޮށްފައިވަނީ 27 އޮގަސްޓް 2026 ގައެވެ.
އެމްއެމްއޭ އިން ބުނި ގޮތުގައި، ގެޒެޓްކުރެވުނު ދެ ގަވާއިދަކީ އިންޝުއަރެންސްއާބެހޭ ޤާނޫނުގެ ދަށުން ކަނޑައަޅަންޖެހޭ އުސޫލުތަކާއި އިޖުރާއަތްތައް ބަޔާންކުރުމުގެ ގޮތުން އެކުލަވާލާފައިވާ ދެ ގަވާއިދެކެވެ. މީގެ ތެރޭގައި ހިމެނެނީ “އިންޝުއަރެންސް (ދިވެހިރާއްޖޭގައި ހުރި ރިސްކުތަކާބެހޭ) ގަވާއިދު” އާއި “އިންޝުއަރެންސް (އާންމު މާއްދާތަކުގެ) ގަވާއިދު” އެވެ.

ޝާއިޢުކުރެވުނު ގަވާއިދުތަކުގެ ތެރެއިން “އިންޝުއަރެންސް (ދިވެހިރާއްޖޭގައި ހުރި ރިސްކުތަކާބެހޭ) ގަވާއިދު” އަކީ ދިވެހިރާއްޖޭގައި ހުރި ރިސްކުކަމަށް ބަލާނެ ރިސްކުތައް ކަނޑައެޅުމަށް އެކުލަވާލާފައިވާ ގަވާއިދެކެވެ. މީގެ އިތުރުން، އެފަދަ ރިސްކެއް ކަވަރުކުރުމަށްޓަކައި ދިވެހިރާއްޖޭގައި ހިންގާ ލައިސަންސް ލިބިފައިވާ އިންޝުއަރެންސް ކުންފުންޏެއްގެ އިންޝުއަރެންސް ޕޮލިސީއެއް ނެގުމަށް އޮންނަ އޮތުމަށް އިސްތިސްނާ ދެވޭނެ ގޮތްތައްވެސް މި ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.
މި ގަވާއިދުގެ ދަށުން އިސްތިސްނާ ދެވޭނެ ހާލަތްތައް އޮތޯރިޓީގެ ވެބްސައިޓުގައި ބަޔާންކުރާނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ. އަދި އޭގެ އިތުރުންވެސް، އިންޝުއަރެންސް ޕޮލިސީ ނެގުމުން އިސްތިސްނާ ހޯދުމަށްޓަކައި އޮތޯރިޓީއަށް ހުށަހެޅިދާނެ ހާލަތްތައްވެސް މި ގަވާއިދުގެ ތެރޭގައި ތަފްސީލުކޮށްދީފައިވާނެ ކަމަށް އެ މާލީ އިދާރާއިން މައުލޫމާތުދެއެވެ.
ދެން ޝާއިޢުކުރެވުނު “އިންޝުއަރެންސް (އާންމު މާއްދާތަކުގެ) ގަވާއިދު” އަކީ އިންޝުއަރެންސްއާބެހޭ ޤާނޫނުގައި، ގަވާއިދާއެއްގޮތްވާ ގޮތުގެ މަތިން ގޮތް ނިންމުމަށް ނުވަތަ ކަންކަން ކުރުމަށް ކަނޑައަޅާފައިވާ މާއްދާތަކުގެ ބޭނުމަށް އެކުލަވާލާފައިވާ ގަވާއިދެކެވެ. މި ގަވާއިދުގެ ދަށުން، ދިވެހިރާއްޖޭގައި ހުރި އިންޝުއަރެންސް ވިޔަފާރިއެއް ސޮލިސިޓްކުރުމަށް ޤާނޫނުގައި ހުއްދަ ކުރެވިފައިވާ ފަރާތްތަކަށް ސޮލިސިޓްކުރެވޭނެ ދާއިރާތައް ވަނީ ކަނޑައަޅައިފައެވެ.
މީގެއިތުރުން، އިންޝުއަރެންސް ބްރޯކަރކަމުގެ ލައިސަންސް ދޫކުރުމުގައި ބަލާނެ ކަންކަމާއި، ބްރޯކަރކަމުގެ ލައިސަންސަށް އެދި ހުށަހަޅަންޖެހޭ މަޢުލޫމާތުތައްވެސް “އިންޝުއަރެންސް (އާންމު މާއްދާތަކުގެ) ގަވާއިދު” ގައި ބަޔާންކޮށްފައިވެއެވެ. އަދި އިންޝުއަރެންސްއާބެހޭ ޤާނޫނުގެ ދަށުން އިދާރީ ފިޔަވަޅު އެޅުމުގައި ޢަމަލުކުރާނެ އުސޫލުތައްވެސް މި ގަވާއިދުގެ ތެރޭގައި ހިމެނޭކަމަށް އެމްއެމްއޭއިން ބުނެއެވެ.










ކިޔުންތެރިންގެ ހިޔާލު