ތިލަފުށި ޕޯޓް އިމާރާތް ތަރައްގީކޮށް އެތަނަށް ބޭނުންވާނެ ވަސީލަތްތައް ފޯރުކޮށްދޭނެ ބަޔަކު ހޯދަން މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް) އިން އިއުލާނުކޮށްފިއެވެ.
މި މަޝްރޫއުގެ ދަށުން ތިލަފުށީގައި އަލަށް ތަރައްގީކުރާ ބަނދަރަށް ބޭނުންވާ އޮޕަރޭޝަނަލް، އެޑްމިނިސްޓްރޭޓިވް، ކާގޯ ހޭންޑްލިން، ވެއާހައުސިން، ޔޫޓިލިޓީ، ސޭފްޓީ، ވެލްފެއާ އަދި ލޮޖިސްޓިކްސް ވަސީލަތްތައް ތަރައްގީކުރުން އަދި ޒަމާނީ ކޮންޓެއިނާ ޓާމިނަލެއް، މަލްޓި-ޕާޕަސް ޓާމިނަލްތަކުގެ އިތުރުން، އަވަހަށް ހަލާކުވާ ފަދަ މުދާ ރައްކާކުރާނެ ކޯލްޑް ސްޓޯރޭޖްތަކާއި ބޮންޑެޑް ވެއާހައުސްތައް ގާއިމުކުރާނެއެވެ.
މިކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަކިވަކި ކުންފުނިތަކަށާއި، ޖޮއިންޓް ވެންޗާސްތަކަށްވެސް ވަނީ ހުޅުވާލާފައެވެ. އަދި ތިލަފުށި ޕޯޓް އިމާރާތާއި އެތަނަށް ބޭނުންވާނެ ވަސީލަތްތައް ތަރައްގީކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 10 ސެޕްޓެންބަރުގެ މެންދުރުފަހު 2:00ގެ ކުރިން އެކަމަށް އެދި ހުށައަޅަން ވަނީ އިލްތިމާސްކޮށްފައެވެ.

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ވައުދުފުޅެކެވެ.
މި މަޝްރޫއުގެ ދަށުން ބަނދަރު ތަރައްގީކުރުމުގެ މައިގަނޑު މަސައްކަތްތައް ހަވާލުކޮށްފައިވަނީ ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީއާއެވެ. އެ ކުންފުނިން 1,000 މީޓަރަށްވުރެ ދިގު ބައިނަލްއަގުވާމީ ކީ-ވޯލްއަކާއި، މާލޭގެ އުތުރު އަދި ހުޅަނގު ދެކުނު ބަނދަރު ބޭނުންކުރާ އުޅަނދުތަކަށް ހާއްސަ 2,000 މީޓަރުގެ ޑޮމެސްޓިކް ޓާމިނަލެއް ތަރައްގީކުރާނެއެވެ.
މަޝްރޫއުގެ ބައެއް މަސައްކަތްތައް މިދިޔަ މަހު އެމްޓީސީސީއާވެސް ވަނީ ހަވާލުކޮށްފައެވެ. އެމްޓީސީސީގެ ހަވާލުގައި ކުރިއަށްދާނީ 100 މީޓަރުގެ ޑޮމެސްޓިކް ކީ-ވޯލްއެއް ހެދުމާއި ތިން ހެކްޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް އެޅުމުގެ މަސައްކަތެވެ.
ޖާގަ ބޮޑު، ވަސީލަތް ފުރިހަމަ، ސްޓޭޓް އޮފް ދި އާޓް ޕޯޓެއްގެ ގޮތުގައި، އަންނަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު، މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް، އޮޕަރޭޝަނަށް ގެނެވޭނޭކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވައިފައެވެ.










ކިޔުންތެރިންގެ ހިޔާލު