ސަރުކާރުން މިހާރު މަޖިލީހަށް ހުށަހަަޅާފައިވާ އެސެޓް ރިކަވަރީ ގާނޫނާއި، އެ ގާނޫނާ ގުޅިގެން ޖިނާއީ އިޖުރާއާތުގެ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކުގެ މަގުސަދަކީ ރާއްޖޭގެ ހިންގުމުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަން ނެތިކޮށްލެއްވުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިޔާއިން ގެނެސްދިން “ނޭޝަން ޗެޓް” ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ކުރީގެ ބައެއް ސަރުކާރުތަކުން އެސެޓް ރިކަވަރީގެ ދާއިރާއިން ކުރި މަސައްކަތްތައް ނާކާމިޔާބުވުމުގެ މައިގަނޑު ސަބަބަކީ އެ މަސައްކަތްތަކަކީ އިހުލާސްތެރިކަމެއް ނެތި ސިޔާސީ ބޭނުމަށް، ސިޔާސީ ވާދަވެރިން ހަންމަަތަކުރުމަށް ކުރެވިފައިވާ މަސައްކަތްތަކަކަށްވުން ކަމަށެވެ.
“ތިޔަ ވިދާޅުވިހެން ކުރީގެ ސަރުކާރުތަކުންވެސް ކަންތައްތަކެއް ކޮށްފައި އެބަހުރި، އެހެންނަމަވެސް އަޅުގަނޑަށް އެކަންކަން ސިފަވަނީ ސިޔާސީ ގޮތެއްގައި ކުރެވިފައި ހުރި ކަންކަމުގެ ގޮތުގައި. ވަކި ފަރާތްތަކެއް ފަހަތުން ދިއުމަށްޓަކައި، އެފަރާތްތައް ސިޔާސީ ގޮތުން މައިތިރިކުރުމަށްޓަކައި ކުރެވުނު ސިޔާސީ ކަމެއްގެ ގޮތުގައި، އިހުލާސްތެރިކަމެއް ނެތް. އެހެންވީމާ އޭގެ ނަތީޖާ ނުފެނުނު ކަމުގައި އަޅުގަނޑު ގަބޫލުކުރަނީ،” ރައީސް
Advertisement
އެމަނިކުފާނު ވިދާޅުވި ގޮތުގައި މި ސަރުކާރުން މަސައްކަތްކުރަނީ ނިޒާމީ ގޮތުން ބޮޑެތި ބަދަލުތަކެއް ގެނައުމަށެވެ. އެގޮތުން މިހާރު ހުރި ގާނޫނުތަކުން މިފަދަ މައްސަލަތަކުގައި ލިބިދޭ އިހުތިޔާރުތަކާއި ފުރުސަތުތަކަށްވުރެ އިހުތިޔާރާއި ފުރުސަތު އަދި ބާރުވެރިކަން ލިއްބައިދިނުމަށް އެސެޓް ރިކަވަރީގެ ގާނޫނަކާއި، އެ ގާނޫނާ ގުޅިގެން ޖިނާއީ އިޖުރާއާތުގެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތަކެއް މިހާރު ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ދައުލަތުގެ ހިންގުމުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަން އެއްކޮށް ނައްތައިލުމަކީ އެއް ދުވަހުން ހާސިލުކުރެވޭނެ ކަމަކަށްނުވީ ނަމަވެސް މި ގާނޫނުތައް ހުށަހަޅުއްވައިގެން ނިޒާމަށް ގެންނަވާ ބަދަލުތަކުގެ ބޭނުމަކީ ކޮރަޕްޝަން އެއްކޮށް ނައްތައިލުމަށް މަގުފަހިކުރެއްވުން ކަމަށްވެސް ވިދާޅުވިއެވެ.
“އެހެންވީމާ އަޅުގަނޑު ބޭނުންވަނީ މި ސަރުކާރުން މިކަމުގައި ވަރަށް ބޮޑެތި ގިނަ މަސައްކަތްތަކެއް ކޮށްގެން ނިޒާމުގެ ތެރެއިން ވީހާވެސް ބޮޑަށް ކުޑަކުރަން ކޮރަޕްޝަންގެ ކަންކަން.،” ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ނުގަވާއިދުން އަމަލުތަކެއް ހިންގައިގެން ކުށްކޮށްގެން ގާނޫނާ ހިލާފަށް ރައްޔިތުންގެ ފައިސާ ހޯދައިފިނަމަ އެ ފައިސާ އަނބުރާ ދައުލަތަށް ނެގޭނެ ގޮތެއް އޮތުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.











ކިޔުންތެރިންގެ ހިޔާލު