އއ. މަތިވެރި ސްކޫލްގެ 12 ކްލާސްރޫމާއި މަލްޓި-ޕާޕަސް ހޯލް އިމާރާތުގެ ދެވަނަ ފަންގިފިލާގެ ޕްލާސްޓަރު ކުރުމާއި، ޕްލަމްބިން، އިލެކްޓްރިކަލް މަސައްކަތްތަކުގެ އިތުރުން ސީލިންގް ލަކުޑި ފްރޭމް ކުރުމުގެ މަސައްކަތްތައް ސައިޓުގައި މިހާރު ކުރިއަށް އެބަދެއެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ، ކުރީގެ އެގްރީމެންޓް ބާތިލުކުރުމަށްފަހު އެ ރަށު ސްކޫލުގެ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.
މި އިމާރާތް ކުރުމުގެ މަސައްކަތް އެމްޑީޕީގެ ސަރުކާރުން އެންމެ ފުރަތަމަ ހަވާލުކުރީ އަޒްތޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ވީ އަވަރ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާއާއެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލުކުރީ 420 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 15.95 މިލިއަން ރުފިޔާއަށެވެ.

ނަމަވެސް، އެ ކުންފުންޏަށް އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ނިންމާފައި ނުވާތީ، މި ސަރުކާރުން ވަނީ އެ އެގްރީމެންޓް ބާތިލުކޮށް، މަސައްކަތް އަލުން ނިންމުމަށްޓަކައި އެމްޓީސީސީއާ ހަވާލުކޮށްފައެވެ.
މަތިވެރި ސްކޫލުގައި މިހާރު 11 ކްލާސްރޫމް ހުރިއިރު، އެ ސްކޫލުގައި ގްރޭޑް 10 އާ ހަމައަށް ދަނީ ކިޔަވައިދެމުންނެވެ. އާ އިމާރާތުގެ މަސައްކަތް ނިމުމުން، ސްކޫލުގެ ޖާގައިގެ ދަތިކަމަށް ބޮޑު ހައްލެއް ލިބި، ދަރިވަރުންގެ ތައުލީމީ މާހައުލު އިތުރަށް ހަރުދަނާވެގެންދާނެއެވެ.










ކިޔުންތެރިންގެ ހިޔާލު