ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި މުހިންމު އިސްލާހުތައް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ އިއްތިފާޤުންނެވެ.
މިއީ ސަރުކާރުގެ ފަރާތުން ތިނަދޫ ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު އަލްސަން އަހުމަދު މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ. މި ބިލު މަޖިލީހުގެ ތަޅުމުން ފާސްކޮށްފައިވަނީ އިޤުތިޞާދީ ކޮމިޓީން ބިލު ދިރާސާކުރުމަށްފަހު ގެނައި އިސްލާހުތަކާއެކުގައެވެ.

މި އިސްލާހަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނާ ހިލާފަށް ހަރަކާތްތެރިވާ މަސްވެރި އުޅަނދުތަކާއި އެހެނިހެން ފަރާތްތަކާމެދު ޤާނޫނުގެ ދަށުން އިދާރީ ފިޔަވަޅު އެޅުމުގެ އުސޫލުތައް ހަރުދަނާކުރުމަށާއި، މަސްވެރިކަން ކުރުން ހުއްދަ ބާވަތްތައް ކަނޑައެޅުމާ ގުޅޭ އުސޫލުތައް މުރާޖައާ ކުރުމަށް ހުށަހެޅި އިސްލާހެކެވެ. މީގެއިތުރުން، ހިމާޔަތްކޮށްފައިވާ މަހުގެ ބާވަތްތަކުގެ މަސްވެރިކަން ކުރުމަކީ ޤާނޫނުގެ ދަށުން ކުށެއްކަމުގައި ކަނޑައަޅައި، އެފަދަ ކުށްތަކަށް ބޮޑެތި ޖޫރިމަނާތަކެއް ކަނޑައެޅުމާއި، ޤާނޫނު ތަންފީޛުކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުންވެސް މި އިސްލާހުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމަނާފައިވެއެވެ.
މި ބިލުގައިވާ ގޮތުން، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އިތުރު ބާވަތްތަކުގެ މަސްވެރިކަން ކުރުމުގެ ހުއްދަ މަސްވެރިކަމާ ބެހޭ ވުޒާރާއަށް ދެވިދާނެއެވެ. ނަމަވެސް އެގޮތަށް ހުއްދަ ދެވޭ މަސްވެރިކަމުގެ ބާވަތްތައް ސަރުކާރުގެ ގެޒެޓުގައި އާންމުކުރަންޖެހޭނެ ކަމަށާއި، އެ މަސްވެރިކަމެއް ކުރުމާ ގުޅޭ ޝަރުތުތަކާއި، އުސޫލުތައް އަދި ނަގާނެ ފީތައް ސާފުކޮށް ބަޔާންކުރަންވާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
އެކި ބާވަތްތަކުގެ މަސްވެރިކަން ކުރުމުގެ ހުއްދަ ދިން ނަމަވެސް، ހިމާޔަތްކޮށްފައިވާ އެއްވެސް ބާވަތެއްގެ މަސްވެރިކަން ކުރުމަކީ މުޅިން މަނާކަމެކެވެ. އަދި ހިމާޔަތްކޮށްފައިވާ ހާއްސަ ސަރަހައްދުތަކުގައި މަސްވެރިކަން ކުރެވޭނީ ކަނޑައެޅިފައިވާ ހާއްސަ އުސޫލުތަކުގެ ދަށުން ހުއްދަކޮށްފައިވާ ބާވަތްތަކަށް އެކަންޏެވެ. އެ ނޫން ގޮތަކަށް އެފަދަ ސަރަހައްދެއްގައި މަސްވެރިކަން ކުރުމަކީ މަނާކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.
ޤާނޫނަށް ގެނައި އިސްލާހުގެ ދަށުން، ހިމާޔަތްކޮށްފައިވާ މަހުގެ ބާވަތްތަކުން މަސްވެރިކަން ކޮށްފިނަމަ 500،000 (ފަސްލައްކަ) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި އެފަދަ މަހުގެ ބާވަތެއް ރާއްޖެއިން ބޭރުކޮށްފިނަމަ 1،000،000 (އެއް މިލިއަން) ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު ޤާނޫނުން ލިބިދެއެވެ.
މީގެއިތުރުން، މަސްވެރިކަމާ ގުޅުންހުރި އެކިއެކި ހަރަކާތްތަކަށް ހާއްސަ ބަނދަރުތައް ތަރައްޤީ ކުރުމުގެ ހުއްދަ ދިނުމުގެ ބާރު ކަމާބެހޭ ވުޒާރާއަށް މި ބިލުގެ ދަށުން ލިބިގެންދެއެވެ. އަދި ޤާނޫނާ ހިލާފު އަމަލުތައް ހިންގާ ބޭރުގެ އުޅަނދުފަހަރާމެދު، އެ އުޅަނދެއް ނިސްބަތްވާ ޤައުމަކަށް ބަލައި އިދާރީ ފިޔަވަޅު އަޅާނެ ހާއްސަ އުސޫލުތަކާއި، މަސްވެރިކަމުގެ ދާއިރާއިން ކުރެވޭ އެހެނިހެން ކުށްތަކަށް ކަނޑައެޅޭ އަދަބުތައްވެސް މި އިސްލާހުގައި ވަރަށް ތަފްޞީލުކޮށް ހިމަނާފައިވެއެވެ.










ކިޔުންތެރިންގެ ހިޔާލު