އެމެރިކާއިން އެކުލަވާލާފައިވާ ޓެރަރިޒަމަށް ވާގިވެރިވާ ދައުލަތްތަކުގެ ލިސްޓުން ސީރިއާ އުނިކޮށްފިއެވެ.
މިއީ 14 އަހަރު ދުވަހުގެ ދާހިލީ ހަނގުރާމައަށްފަހު އެ ގައުމު އަލުން އާރާސްތުކުރުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ސީރިއާގެ ރައީސް އަޙްމަދު އަލް-ޝަރާޢު ވަނީ ސިފަކުރައްވާފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މި ނިންމެވުން ކޮންގްރެސްއަށް ހުށަހެޅުއްވީ މިދިޔަ ޖުލައި މަހުގެ 8 ވަނަ ދުވަހުއެވެ. މި ނިންމުމަށް އަމަލުކުރަން ފަށާފައިވަނީ ކޮންގްރެސްގެ 45 ދުވަހުގެ މުއްދަތު ހަމަވުމަށްފަހު، މި ހަފްތާގެ ހޯމަ ދުވަހުއެވެ.

އެމެރިކާގެ ހާރިޖީ ވަޒީރު މާކޯ ރޫބިއޯ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މި ފިޔަވަޅު އަޅާފައިވަނީ ޓެރަރިޒަމްގެ އަމަލުތަކާ ސީރިއާ ދުރުހެލިކުރުމަށް ރައީސް އަލް-ޝަރާޢު އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތައް ބަލައިގަތުމުގެ ގޮތުން ކަމަށެވެ.
މި ނިންމުމަށް މަރުހަބާ ވިދާޅުވެ އަލް-ޝަރާޢު އެކްސް ގައި ވިދާޅުވީ، މިއީ ސީރިއާގެ ހިތްދަތި މާޒީގެ ސަފްހާއެއް އެއްކައިރިކޮށް، ގައުމު ބިނާކުރުމާއި ތަރައްގީގެ އައު ދައުރަކަށް ފިޔަވަޅު އެޅުމަށް ލިބުނު ފުރުސަތެއް ކަމަށެވެ.
މި ލިސްޓަށް އެމެރިކާއިން އެންމެ ފުރަތަމަ ސީރިއާ ލާފައިވަނީ 1979 ވަނަ އަހަރު، ކުރީގެ ރައީސް ޙާފިޡު އަލް-އަސަދުގެ ވެރިކަމުގައެވެ. އޭގެ ފަހުން އޭނާގެ ދަރިކަލުން ބައްޝާރުލް އަސަދުގެ ވެރިކަމުގައިވެސް އެ ލޭބަލް އޮތް ނަމަވެސް، 2024 ވަނަ އަހަރުގެ ޑިސެމްބަރުމަހު އަލް-ޝަރާޢުގެ ހަނގުރާމަވެރިން ވަނީ އަސަދުގެ ވެރިކަން ވައްޓާލާފައެވެ.
މި ލިސްޓުން ސީރިއާ އުނިކުރުމާއެކު، ސީރިއާއަށް ބޭރުގެ އެހީ ދިނުމާއި، ދިފާއީ ސާމާނު ވިއްކުމާއި، މާލީ މުޢާމަލާތްތަކަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ. އަދި ބޭރުގެ އިންވެސްޓަރުންނާއި ބޭންކުތަކުން ސީރިއާއާއެކު މުއާމަލާތްކުރުމަށް އޮތް ހުރަސް ނެތިގެންދިޔައީއެވެ. މީގެ އިތުރުން، ކުރިން އަލް-ޤައިދާއާ ގުޅުން އޮތް އަދި އަލް-ޝަރާޢު އިސްކޮށް ހުންނެވި ‘ހަޔާތު ތަޙްރީރުއްޝާމް’ ނުވަތަ އަލް-ނުސްރާ ފްރަންޓް ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓުންވެސް ވަނީ އުނިކޮށްފައެވެ.
އެމެރިކާގެ މި ނިންމުމަކީ އީރާނާއި ރަޝިޔާގެ ނުފޫޒުން އެ ގައުމު ދުރުކުރުމަށް އެޅި ފިޔަވަޅެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ. މިހާރު އެމެރިކާގެ މި ލިސްޓުގައި ބާކީ އޮތީ ކިއުބާ، އީރާން އަދި އުތުރު ކޮރެއާއެވެ.










ކިޔުންތެރިންގެ ހިޔާލު