ރާއްޖޭގައި ޑޮލަރުން މުސާރަ ލިބޭގޮތަށް އޮންނަ އޮތުން ބަދަލުކުރުމަކީ ދިގު މުއްދަތުގެ ލަނޑުދަނޑިއެއް ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ޒަމާނުއްސުރެ ގެންގުޅެމުން އައި ވިސްނުމަކީ ރާއްޖޭގައި ހުރިހާ ހިދުމަތަކާއި މުދަލެއްގެ އަގު ދިވެހި ރުފިޔާއިން ނެގުމާއެކު، ޑޮލަރަށް ބަރޯސާވާ މިންވަރު ކުޑަކުރުމެވެ. މިހާރު މަރުކަޒީ ބޭންކުން އެ މިސްރާބަށް ބައެއް މަސައްކަތްތައް ފަށާފައިވާއިރު، އެކަމުގައި މަރުކަޒީ ބޭންކުގެ ތަސައްވުރަކީ 2030 ވަނަ އަހަރާ ހަމައަށް އިގުތިސާދުގައި ޑޮލަރަށް ބަރޯސާވާ މިންވަރު ކުޑަކޮށް ދިވެހި ރުފިޔާ ވަރުގަދަކުރުންކަމަށް ގަވަނަރު ވިދާޅުވިއެވެ.
ގަވަނަރު ވިދާޅުވި ގޮތުގައި ރުފިޔާ ބާރުގަދަކުރުމަށްޓަކައި ޑޮލަރުން މުއާމަލާތްކުރުން ހުއްޓުވުމަކީ މުހިއްމު ކަމެއްކަމަށްވީ ނަމަވެސް ފަތުރުވެރިކަމުގެ ދާއިރާގައި ޑޮލަރުން ހުރިހާ މުއާމަލާތެއް ކުރެވޭ ގޮަތަށް އޮންނަތާ އެތައް ޒަމާނެއް ވެފައިވާއިރު އެންމެ ރެޔަކާއި ދުވާލުން އެ ނިޒާމު ބަދަލުކުރުމަކީ ކުރެވިދާނެ ކަމެއް ނޫނެވެ.

ފަތުރުވެރިކަމުގެ ސިނާޢަތުން މަޑުމަޑުން ކުރިއެރުންތަކެއް އަންނަމުންދާކަން ފާހަގަކުރައްވައި ގަވަރުނަރު ވިދާޅުވީ، އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ އަދަދު ދަށްވި ނަމަވެސް، ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ޖުމްލަ އާމްދަނީ ގާތްގަނޑަކަށް %1 އިތުރުވެފައިވާ ކަމަށެވެ.
ބޭންކިން ސިނާޢަތުގެ އަދަދުތަކަށް ބައްލަވަމުން ގަވަރުނަރު ވިދާޅުވީ، “މުޅި ބޭންކިން ސެކްޓަރ ތެރޭގައި ޑިޕޮސިޓް ވަނީ %18 އިން އިތުރުވެފައި. ހަމަ އެގޮތަށް ކްރެޑިޓް ގްރޯތު ވެސް %18 އިތުރުވެފައިވޭ” ކަމަށެވެ.
ރާއްޖޭގެ އިޤުތިޞާދުގައި ޑޮލަރު ބޭނުންކުރާ މިންވަރު ބޮޑުވެ، ޚާއްޞަކޮށް ފަތުރުވެރިކަމުގެ ދާއިރާގައި މުސާރައާއި ކުއްޔާއި ޚިދުމަތްތަކުގެ އަގުތައް ޑޮލަރުން ކަނޑައަޅާފައި އޮތުމަކީ އެމްއެމްއޭއިން ކުރިން ވެސް ފާހަގަކޮށްފައިވާ ކަމެކެވެ. މިކަމުގެ ސަބަބުން ފައިސާގެ ސިޔާސަތު ހިންގުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށް އެ އޮތޯރިޓީގެ ދިރާސާތަކުގައި ބުނެފައިވެއެވެ.
ބޭންކިން ނިޒާމުގެ ތެރެއަށް ޑޮލަރު ވަންނަ މިންވަރު އިތުރުކުރުމަށް، 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ވަނީ ބޭރު ފައިސާގެ އާ ގަވާއިދެއް ގެޒެޓުކޮށްފައެވެ. 1987 ވަނަ އަހަރުން ފެށިގެން ޢަމަލުކުރަމުން އައި ގަވާއިދު ބަދަލުކޮށް ގެނައި މި އުސޫލުގެ ދަށުން، ރިޒޯޓުތަކާއި ހޮޓާތަކުން ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރުގެ މަގުން ބޭންކުތަކަށް ބަދަލުކުރަން ލާޒިމުކުރެއެވެ. މީގެ މަޤުޞަދަކީ ބޭރު ފައިސާގެ ރިޒާވް ވަރުގަދަކޮށް، ބޭންކުތަކުގައި ޑޮލަރުގެ ލިކުއިޑިޓީ އިތުރުކުރުމެވެ.
މުނައްވަރު އެމްއެމްއޭގެ ގަވަރުނަރު ކަމަށް ކަނޑައަޅުއްވާފައިވަނީ 2024 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުއެވެ. އޭގެ ކުރިން އެމަނިކުފާނު ވަނީ ފިނޭންސް ވަޒީރު ކަން ވެސް ކުރައްވާފައެވެ.










ކިޔުންތެރިންގެ ހިޔާލު